ވަކިވަކި އޮފިސަރުންނާ މެދު ނަފުރަތު އުފައްދާނަމަ، އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން: ފުލުހުން

އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން: ފުލުހުން ވަނީ، އޮފިސަރަކަށް ބިރު ހީވާ ގޮތަށް ސޯޝަލްމީޑީގައި އަމަލެއް ހިންގައިފިނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް

ފުލުހުންގެ ވަކިވަކި އޮފިސަރުންނަށް ބިރު ހީވާ ގޮތަށް ސޯޝަލްމީޑިއާގައި އަމަލެއް ހިންގައިފިނަމަ، އެފަދަ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން މިރޭ ދީފިއެވެ.

ފުލުހުން އެހެން ބުނެފައިވަނީ އިދިކޮޅު އެމްޑީޕީގެ މުޒާހަރާގައި ބާރުއަޑެއް ފޮނުވާ ހަތިޔާރު ހިފަހައްޓައިގެން ހުރި އޮފިސަރުގެ ފޮޓޯ އާންމުކޮށް، އެ އޮފިސަރަށް ފާޑުކިޔުންތައް އަމާޒުވެފައި އޮއްވައެވެ. ސޯޝަލް މީޑިއާގައި އެ އޮފިސަރާ ގުޅޭ ޒާތީ މައުލޫމާތުތަކެއް ވެސް އަންނަނީ ދައުރުކުރަމުންނެވެ.

މިރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ގޮތުން ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެ އޮފިސަރުންގެ އާއިލާއަށް ނަފުރަތު އުފެދޭގޮތަށާއި އަމަލުކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އޭގެ އިތުރަށް، އޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށާއި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް އަމަލެއް ހިންގައިފިނަމަ، އެފަދަ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.

އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން: އޮފިސަރަކަށް ބިރު ހީވާ ގޮތަށް ސޯޝަލްމީޑީގައި އަމަލެއް ހިންގައިފިނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައި -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް

"މި ޚިދުމަތުގެ އޮފިސަރުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގައި ވެސް ދަންނަވަމެވެ" ފުލުހުން ބުންޏެވެ.

ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ، މާއްދީގޮތުން ހުއްޓުވައިގެން ނުވަތަ އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތް ކުރިނަމަވެސް، ގާނޫނީ ފިޔަވަޅު އެޅޭނެ ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އެހެން ބުނިއިރު، މުޒާހަރާގައި ފުލުހުން ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިރޭ ވަނީ ބުނެފައެވެ.

https://www.sun.mv/212319

"ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި ބޭއްވި މި މުޒާހަރާގައި އަށް މީހަކު ހައްޔަރުކުރި އިރު، އެ ތަނުން ޒަރީރާއި، އެއްވުމުގެ ތެރެއިން ހައްޔަރުކުރި މުހައްމަދު ޚަލަފް އިބްރާހީމް ވަނީ ދޫކޮށްލައިފައެވެ. އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން އެލްއާރުއޭޑީއާއި ކަރުނަ ގޭސް ބޭނުންކުރުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް