މިދިޔަ ސަރުކާރުގެ އެޗްޑީސީގެ ވެރިން ބުނަނީ ޚިޔާނާތެއް ހިންގާފައި ނޯންނާނެކަމަށް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެޗްޑީސީގެ އެމްޑީކަން ކުރެއްވި ސުހައިލް (ކ)، އަދި އަހްމަދު އާތިފް(ވ): ދެ ބޭފުޅުންވެސް ވިދާޅުވަނީ ޚިޔާނާތެއް ނުހިންގާ ކަމަށް

ބޮޑު ޚިޔާނާތެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެ، އެ ކަމުގެ ތަހްގީގެއް ހިންގުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނި ނަމަވެސް، ޚިޔާނާތުގެ އެއްވެސް އަމަލެއް ނުހިންގާ ކަމަށް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ދެ ބޭފުޅުން ވެސް ވިދާޅުވެއްޖެއެވެ.

މިރޭ ނެރުނު ބަޔާނެއްގައި އެޗްޑީސީން ބުނީ، ޞާލިހުގެ ސަރުކާރުގައި 2019އާއި 2023އާ ދެމެދު އެ ކޯޕަރޭޝަންގެ މިލްކިއްޔާތުގައިވާ މުދަލާއި ބިމާއި ޚިދުމަތުން 200 މިލިއަނެއްހާ ރުފިޔާގެ ޚިޔާނާތް ބައެއް ފަރާތްތަކުން ވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ކަންކަމުގެ ތަހުގީގެއް ހިންގަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ފަށާފައިވާ ކަމަށެވެ.

މި ޚިޔާނާތުގެ ތެރޭގައި އެ ކޯޕަރޭޝަންގެ މުދަލުން ވައްކަންކުރުމާއި، ކޯޕަރޭޝަންގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި، ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ބިންތައް ކުއްޔަށް ދިނުން ފަދަ މުއާމަލާތްތައް ހިމެނޭ ކަމަށް އެޗްޑީސީގެ އެ ބަޔާނުގައިވެއެވެ.

މި ކަމާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން، 2018އިން ފެށިގެން އޮގަސްޓް 24، 2022ގެ ނިޔަލަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގައި އޭރު ހުންނެވި ސުހައިލް ވިދާޅުވީ، އޭނާގެ ދަށުން އެ ކޯޕަރޭޝަން ހިންގެވިއިރު އެފަދަ އެއްވެސް ޚިޔާނާތެއް ވެވަޑައިގެންފައިނުވާނެ ކަމަށެވެ.

"ހަމަ ގައިމު ވެސް އަޅުގަނޑު ހުރިއިރަކު އެކަހަލަ އެއްވެސް ކަމެއް ނޯންނާނެ،" ސުހައިލް ވިދާޅުވިއެވެ.

އޭރު އެޗްޑީސީގައި ތިއްބެވި ޑިރެކްޓަރުން ވެސް ޚިޔާނާތެއްގައި ޝާމިލުވިތޯ ސުވާލުކުރުމުން އެފަދަ އެއްވެސް ކަމެއް ނެތް ކަމަށް ސުހައިލް ވިދާޅުވިއެވެ.

ސުހައިލްގެ ފަހުން އެ މަގާމަށް 2022ގެ ސެޕްޓެމްބަރު ހަތަރެއްގައި އައްޔަންކުރެއްވި އާތިފް ވިދާޅުވީ، އެޗްޑީސީގެ ބަޔާނުގައިވާ ޚިޔާނާތުގެ އެއްވެސް މައްސަލައެއް އޭނާގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހިނގިކަން އެނގިނުލައްވާ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، 2019 އާއި 2023އާ ދެމެދު އެޗްޑީސީގައި 200 މިލިއަނެއްހާ ރުފިޔާގެ ޚިޔާނާތެއް ހިންގިކަމަށް ބުނެ އެކަން ތަހްގީގުކުރަން އެޗްޑީސީން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅިއިރު، މި ސަރުކާރުގައި އެ ކޯޕަރޭޝަންގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވަނީ، ޑިސެމްބަރު 21، 2024ގައި މަގާމުން އިސްތިއުފާދެއްވައިފައެވެ.

ފަޒުލް އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި މުއްދަތުގައި އޭނާ ކުރި ކަމަށްބުނެ އެކި ޕްލެޓްފޯމްގައި ކުރާ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވައިފައެވެ.

comment ކޮމެންޓް