ކާބޯތަކެތީގެ ޚިދުމަތްދޭ 1010 ތަނެއް ބަލައި، 70 ތަނެއް ބަންދުކޮށްފި

އެމްއެފްޑީއޭން މިފަހުން ހިންގި އިންސްޕެކްޝަންގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަނެއްގައި ނޯޓިސް ހަރުކުރަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ހިންގި އިންސްޕެކްޝަންގައި ކާބޯތަކެތި ވިއްކާ ތަންތަނުގެ ތެރެއިން 70 ތަނެއް ބަންދުކޮށްފިއެވެ.

މި އޮޕަރޭޝަންގައި މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި ގުޅީފަޅުގައި ހިންގަމުން އަންނަ ކާބޯތަކެތީގެ ޚިދުމަތްދޭ 1،010 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް، އެމްއެފްޑީއޭން ބުންޏެވެ.

އެގޮތުން ބަލައި މިދިޔަ މަހުގެ 21ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހިންގި އޮޕަރޭޝަންގައި ބަލައި ފާސްކުރި ތަންތަނުގެ ތެރޭގައި އެ އިދާރާގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނާއި ހުއްދައިގެ މުއްދަތު ހަމަވުމުން އައުނުކޮށް ހިންގަމުންދާ ތަންތަނުގެ އިތުރުން ރަޖިސްޓްރީނުކުރާ ތަންތަން ހިމެނޭ ކަމަށް، އެމްއެފްޑީއޭން މައުލޫމާތު ދެއެވެ.

އެމްއެފްޑީއޭން ބުނީ، އެ ތަންތަނުގެ ތެރެއިން 70 ތަނެއް އެ މުއްދަތުގައި ބަންދުކުރި ކަމަށެވެ.

އޭގެ ތެރެއިން ހުއްދަ އާ ކުރުމަށާއި ރަޖިސްޓްރީކުރުމަށް ފޯމު ހުށަހަޅާފައިވާތީ 27 ތަނަކަށް އަލުން ހުއްދަ ދީފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މާލެ ހަ ސަރަހައްދަކަށް ބަހާލައިގެންނާއި، ހުޅުމާލޭގައެވެ.

comment ކޮމެންޓް