އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ޖައުންޕޫރުގައި އުމުރުން 75 އަހަރުގެ ފިރިހެނަކު 35 އަހަރުގެ އަންހެނަކާ ކައިވެނި ކުރި ދުވަހުގެ އަނެއް ދުވަހު މަރުވެއްޖެއެވެ.
ކުޗްމުޗް އަވަށުގައި ހިނގި އެ ހާދިސާގައި އކުއްލި ގޮތަކަށް އޭނާ މަރުވުމުން އާއިލާ މީހުން ވަނީ އެ މަރާމެދު ޝައްކު އުފެދޭ ކަމަށް ބުނެފައެވެ. އަދި ޖަނާޒާގެ މަރުހަލާ ވަނީ ހުއްޓާލާފައެވެ.
ސަންގްރޫ ރާމް ކިޔާ އެ މީހާއަކީ މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާގެ އަނބިމީހާ މަރުވި ފަހުން އެކަނި ދިރިއުޅެމުން އައި ދަނޑުވެރިއެކެވެ. އޭނާގެ ބޭބެ އާއި ކޮއްކޮ މިހާރު ދިރިއުޅެނީ ދިއްލީގައި ކަމަށާއި އެ ދެމީހުންނަކީ ވިޔަފާރީގައި ހަރަކާތްތެރިވާ މީހުން ކަމަށް އިންޑިއާ ޓުޑޭއިން ރިޕޯޓުކޮށްފައިވެއެވެ.
ދަރިއަކުވެސް ނެތް އަދި ކައިރީގައި ގާތް އާއިލާ މީހެއްވެސް ނެތުމުން، އޭނާ ދާދި ފަހުން ކައިވެންޏެއް ކުރަން ބޭނުންވާކަން ހާމަކުރިއެވެ. އެ އަވަށުގެ މީހުން ވަނީ އެކަމާ ގުޅިގެން އޭނާއަށް ފާޑުކިޔާފައެވެ.
ނަމަވެސް ސަންގްރޫ ރާމް ވަނީ މަންބަވަތީ ކިޔާ 35 އަހަރުގެ އަންހެނަކާ ކައިވެނިކޮށްފައެވެ. މިއީ މަންބަވަތީގެ ދެވަނަ ކައިވެންޏެވެ. ފުރަތަމަ ކައިވެންޏަށް ދެ އަންހެން ދަރިންނާއި ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ. އެ އަވަށު މީހުން ކައިރީ މަންބަވަތީ ބުނި ގޮތުގައި ސަންގްރޫމް އޭނާއާ ކައިވެނި ކުރީ ގޭތެރޭގެ ކަންތައްތައް ބެލެހެއްޓުމަށެވެ. އަދި ބަދަލުގައި އޭނާއަށާއި ތިން ކުދިންނަށް ބޭނުންވާ ކަންކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.
"ކައިވެންޏަށް ފަހު ރޭގަނޑު ވަރަށް ދަންވަންދެން ވާހަކަ ދައްކަން އަހަރުމެން ތިބިން. ހެނދުނު ކުއްލިއަކަށް ސިއްހީ ހާލަތު ގޯސްވީ." މަންބަވަތީ ބުންޏެވެ. އޭނާ ހޮސްޕިޓަލަކަށް ގެންދިޔައިރު، ވަނީ މަރުވެފައެވެ.
މި މަރުގެ ސަބަބުން އެ އަވަށުގެ އެންމެންނަށްވެސް ވަނީ ސިހުން ލިބިފައެވެ.