61 ކިލޯގެ ޑްރަގު ކޭސްގައި ހިމެނޭ ވިސާމްގެ މައްސަލަ ދައުލަތުން އެދިގެން ބާތިލުކޮށްފި

މ. ބޮއިލިންގފިޝް، އަހުމަދު ވިސާމް: --

ދޯންޏެއްގައި 61 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް ހުރި ކަމަށް ދައުލަތުން ތުހުމަތު ކުރާ މ. ބޮއިލިންފިޝް، އަހުމަދު ވިސާމްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލަ، ދައުލަތުން ދޫކޮށްލައިފިއެވެ.

ފުލުހުންގެ އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 2020 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު "އިރުއަލި" ކިޔާ މަސްދޯންޏަކުން 61.06 ކިލޯގެ ޑްރަގު އަތުލައިގަތް މައްސަލައިގައި ތުހުމަތުވާ އެކަކު ކަމަށްވާ ވިސާމްގެ ދޫކޮށްލި މައްސަލައަކީ، 2017 ވަނަ އަހަރު އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.

2017 ވަނަ އަހަރުގެ މި މައްސަލަ ދައުލަތުން ދޫކޮށްލީ ހައިކޯޓު މަރުހަލާގައި އޮއްވައެވެ. 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ފެންމަތިވީ 2017 ގެ ކޭސް، ޝަރިއަތުގެ މަރުހަލާގައި އޮއްވައެވެ. 2017 ވަނަ އަހަރުގެ ކޭސް، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު، 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު ނިންމީ ސާބިތު ނުވާ ކަމަށެވެ. އެއީ، އޭނާ ގެންގުޅުނު ޕީސީއެކްސް ސައިކަލެއްގެ މަޑި ދަށުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައެވެ.

އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ، 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެ މައްސަލަ ދައުލަތުން ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި ވިސާމްގެ އިތުރު މައްސަލައެއް ނެތް ކަމަށް ބަޔާންކޮށްފައި އޮތުމާއި ހައިކޯޓުގައި އެ މައްސަލަ ލަސްވުން ހިމެނެއެވެ. ހައިކޯޓުގައި 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ރަޖިސްޓްރީ ކުރެވުނު މި މައްސަލަ އެ ކޯޓުގައި ނުނިމި އޮންނަތާ ފަސް އަހަރު ވެއްޖެއެވެ. ހައިކޯޓުން މި މައްސަލަ ބާތިލު ކުރި ބެންޗުގެ ރިޔާސަތުގައި އިންނެވީ، ދީބާނާޒް ފަހުމީއެވެ. ދެން ބެންޗުގައި ތިއްބެވީ ހުޒައިފާ މުހައްމަދު އަދި މިދިޔަ މަހު އައްޔަން ކުރެވުނު ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއެވެ.

http://www.highcourt.gov.mv/dhi/mediamanager/2020HCA49_01102025120243.pdf

ވިސާމްގެ މައްސަލަ ދައުލަތުން އެދިގެން ދޫކޮށްލިއިރު، ވިސާމްއަކީ 61 ކިލޯގެ މަސްތުވާތަކެތީގެ ކޭސްގެ ނެޓްވޯކްގެ އެންމެ އިސް ފަރާތްކަމަށާއި، މި ކުށުގެ އަމަލު ހިނގުމުގައި އެންމެ އިސްކޮށްހުރީ އޭނާ ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.

comment ކޮމެންޓް