އެމްޑީޕީ މުޒާހަރާއިން ހައްޔަރުކޮށް ދޫކުރި "ކޮލެޖު ދަރިވަރު" މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން: އެއްވުމުގެ ބައިވެރިން ވަނީ މަޖީދީ މަގުން ކުރިއަށްދާން މަސައްކަތްކޮށްފައި -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް

މިދިޔަ ހަފްތާގައި އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރު ކުރުމަށް ފަހު ކޯޓަށް ގެންދިޔުމުން އޭނާ އެހެން ދިޔައީ ކޮލެޖު ނިންމައިފައި ކަމަށް ބުނުމުން ދޫކޮށްލި "ކޮލެޖު ދަރިވަރު" ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

އެމްޑީޕީގެ މުޒާހަރާއިން ޖުމްލަ ހަތް މީހުން ހައްޔަރުކުރިއިރު، ބަންދު މަޖިލީހަށް ހާޒިރު ކުރުމުން އެތަނުން ދޫކޮށްލީ އެކަކެވެ. އެއީ، ނ. ވެލިދޫ ޖަވާހިރުމާގެ މުހައްމަދު ހަލަފް އިބްރާހީމްއެވެ.

އެމްޑީޕީގެ މުޒާހަރާއިން ހައްޔަރު ކުރުމަށް ފަހު ޖެހިގެން އައި ދުވަހު އޭނާ ދޫކޮށްލި ރިޕޯޓުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ، ކޮލެޖް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި އެއްވެފައިތިބި މީހުންގެ ތެރޭގައި ތާށިވެފައި ހުއްޓައެވެ.

އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ޒަރޫރަތެއް ނެތް ކަމަށް ބަޔާންކޮށް ކޯޓުން އޭނާ ދޫކޮށްލިއިރު، ރޭ އޭނާވަނީ އިތުރު ބަޔަކާއެކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައެވެ.

ހަލަފްއާއެކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހާފައިވާ މީހުން

- ހަސަން ނާއިމް / ޑޭޒީމާގެ ނ. ވެލިދޫ

- އަހްމަދު މައިޝާން ނަސީމް / ރެޑިއަމްވިލާ ނ. ވެލިދޫ

- މުހައްމަދު ޚަލަފް އިބްރާހީމް / ޖަވާހިރުމާގެ ނ. ވެލިދޫ

- އިބްރާހިމް ރިޔާޟް / ލިލީގެ ނ. ކުޑަފަރީ

މި ހަތަރު މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުންވަނީ 15 ދުވަސް ޖަހާފައެވެ.

https://sun.mv/212229

މި ގްރޫޕުގެ ބަންދު ރިޕޯޓުން އެނގޭ ގޮތުގައި އެ މީހުންގެ އެޕާޓްމެންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދު ކުރަން ބޭނުން ކުރާ ސާމާނު ވެސް ވަނީ ފެނިފައެވެ.

މި އެޕާޓްމެންޓަކީ އާއްމުކޮށް ދިރިއުޅޭ ގޮތަށް ހަދާފައިވާ ތަނެއް ނޫން ކަމަށާއި އެ ތަނަކީ މަސްތުވާތަކެތި ކުދިކޮށް ބަންދުކުރުމަށް ހަދާފައިވާތަނެއް ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް