ގިންތިއެއް ފަންތިއެއް ނުބަލާނެ، ކޮރަޕްޝަނާ ދެކޮޅަށް ރައީސް ފިޔަވަޅު އަޅުއްވާނެ: ޝުޖާ

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއާއި ރައީސް މުއިއްޒު: ޝުޖާ ވިދާޅުވީ، ކޮންމެ މީހަކު ވައްކަން ކުރިޔަސް ރައީސް ފިޔަވަޅު އަޅުއްވާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ކޮންމެ ގިންތިއެއްގެ، ކޮންމެ ފަންތިއެއްގެ މީހަކު ވައްކަންކުރި ނަމަވެސް އެ މީހަކާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކެރިވަޑައިގަންނަވާނެ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު (ޝުޖާ) މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުގައި ފެނަކައިގެ ތެރެއިން ހިންގި ކަމަށް ތުހުމަތުވާ ޚިޔާނާތާ ގުޅޭ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅާފައެވެ.

އެ ގަރާރަށް ބަހުސްކުރައްވައި، ވައްކަމާ ދެކޮޅަށް ވާހަކަދައްކަވަމުން ޝުޖާ ވިދާޅުވީ، ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ވެސް އޭރު ފެންމަތިވި ޚިޔާނާތްތަކާ މެދު ފިޔަވަޅު އެޅި ކަމަށެވެ. އަދި، މިހާރު ފެންމަތިވާ މައްސަލަތަކާ މެދު ފިޔަވަޅު އަޅަން ވެސް ރައީސް މުއިއްޒަށް ކެރިވަޑައިގަންނަވާނެ ކަމަށާއި އެ ފިކުރުގެ ތެރޭގައި އެ ކަންކަމަށް ޖާގަ ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަރުކާރުގެ އެސްއޯއީއެއްގެ މެންބަރެއް ވިޔަސް، ކޮންމެ މީހެއް ވިޔަސް، ކޮންމެ ފަންތިއެއްގެ، ކޮންމެ ގިންތިއެއްގެ މީހެއް ވިޔަސް، އަޅުގަނޑުމެންގެ ލޮބުވެތި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅުއްވަން ކެރިވަޑައިގަންނަވާނެ،" އޭނާ ވިދާޅުވިއެވެ.

އެކަމަކު، އެމްޑީޕީގެ ތެރޭގައި އެކަން އޮތީ އެހެން ނޫން ކަމަށް ޝުޖާ ތުހުމަތުކުރެއްވިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު: އޭނާ ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް ރައީސް ފިޔަވަޅު އަޅުއްވާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ހިންގާފައިވާ ޚިޔާނާތުގެ ކަންކަން އެންމެ އޮޑިޓް ރިޕޯޓަކުން ވެސް ހާމަވާ ކަމަށާއި އެހެންވެ އެ ޕާޓީގެ އާންމު މެންބަރުން ތިބީ މާޔޫސްވެފައި ކަމަށެވެ.

"އަޅުގަނޑުމެންނަށް އެމްޑީޕީގެ އާންމު މެންބަރުން އެބަ މެސެޖުކުރަމުން ގެންދޭ، މިހާރު އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ތިމަންނަމެންގެ ޕާޓީއަކީ ވައްކަމުގެ ޕާޓީއެއްކަން. ވައްކަމުގެ ނެޓްވޯކެއްކަން. ޑިމޮކްރެޓިކް ޕާޓީއެއް ނޫންކަން،" ގިނަ ތުހުމަތުތަކެއް ކުރައްވަމުން ޝުޖާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިދިޔަ ސަރުކާރުގައި ފެނަކައިގެ ތެރެއިން ހިންގި ކޮރަޕްޝަނަކީ އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އެކަނި ކުރެއްވި ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ. އޭނާ ވަނީ އެމްޑީޕީއަށް ވައްކަމުގެ ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން، އެ ޕާޓީގެ ކޮންމެ ވެރިކަމެއްގައި 'ސްޓައިލުގައި' ވައްކަން ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، އެސެޓް ރިކަވަރީ ގާނޫނެއް ވުޖޫދަށް ގެނެސް، ނުހައްގު މުއްސަނދިކަމާ ދެކޮޅަށް މަސައްކަތްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮރަޕްޝަނާ ދެކޮޅަށް ޝުޖާ ވާހަކަދެއްކެވިއިރު، އޭނާއާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ތައްޔާރުކުރި ފައިނޭންޝަލް އިންޓެލިޖެންސް (އެފްއައިޔޫ) ރިޕޯޓެއް ވެސް މި ފަހުން ލީކްކޮށްލާފައިވެއެވެ. އެ ރިޕޯޓުގައި ވަނީ ވަނީ ނޮވެންބަރު އެކެއް، 2023 އިން ފެށިގެން ޖަނަވަރީ 10، 2024ގެ ނިޔަލަށް ހިނގާފައިވާ މުއާމަލާތްތަކެކެވެ.

https://sun.mv/209429

އެ ގޮތުން، ނޮވެންބަރު 17، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތާ ބެހޭ މުއާމަލާތް ވެސް ހިމެނެއެވެ. އެ ރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ މަޖިލީހުގެ އިދާރާއިންނެވެ. ލީކުވެފައިވާ ރިޕޯޓުގައި ވާގޮތުން މަޖިލީހުން ސިވެކްއާ އެ މަސައްކަތް ހަވާލުކުރީ 23 މިލިއަން ރުފިޔާއަށެވެ. އޭގެ ތެރެއިން 19 މިލިއަން ރުފިޔާ ވަނީ ތިން ކުންފުންޏަކަށް ޖަމާކޮށްފައެވެ. އެއީ:

  • ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސްއަށް 13 މިލިއަން ރުފިޔާ
  • ޑީޖީ ހޯލްޑިންސްއަށް ހަތަރު މިލިއަން ރުފިޔާ
  • ޝުޖާއުގެ ދެބެއިންގެ ދެދަރި ކޮއްކޮ މުހައްމަދު ނާފިޒްގެ ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ

ރިޕޯޓުގައި ވާގޮތުން އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން އަށް މިލިއަން ރުފިޔާ ޚަރަދުކުރީ އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ޝުޖާއާއި ދައުލަތުގެ މީޑިއާގެ ބޯޑް މެންބަރެއް ކަމަށްވާ އަހުމަދު އަދުހަމަށް ރެއިންބޯއިން ދެ ލަގްޒަރީ އެޕާޓްމަންޓް ގަންނާށެވެ. އެއީ، ޖުމުލަ 20 މިލިއަން ރުފިޔާގެ އެޕާޓްމަންޓްތަކެއް ކަމަށް ރިޕޯޓުގައިވެއެވެ.

އެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. އެކަމަކު، އެ މުއާމަލާތްތަކުގައި އެއްވެސް ޚިޔާނާތެއް ނޯންނާނެ ކަމަށް ވިދާޅުވެ، ތުހުމަތުތައް ޝުޖާ ވަނީ ދޮގުކުރައްވާފައެވެ. އެހެންވިޔަސް މާލިއްޔަތު ކޮމިޓީ ހިމެނޭހެން މަޖިލީހުގެ ބައެއް ކޮމިޓީތަކުން އޭނާ ވަނީ ބަދަލުކޮށްފައެވެ.

comment ކޮމެންޓް