ފްލޮޓިއްލާ ހުއްޓުވުން ކުށްވެރިކުރައްވައި، އިސްރާއީލަށް ފިޔަވަޅު އަޅަން ރައީސް ގޮވާލައްވައިފި

ފްލޮޓިލާގެ އުޅަނދަކަށް އިސްރާއީލް ސިފައިން އެރުން: އިސްރާއިލުން ފްލޮޓިލާގެ 13 އުޅަނދު ހިފަހައްޓައި، 162 މީހުން ހައްޔަރުކޮށްފި ----

އިސްރާއީލުން ބަނޑަށް ޖައްސައިފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރުކުރާ، ގްލޯބަލް ސުމޫދު ފްލޮޓިލާގެ އުޅަނދުތަކެއް އިސްރާއީލުން ހުއްޓުވުން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ކުށްވެރިކުރައްވައިފިއެވެ.

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ސުމޫދު ފްލޮޓިލާގެ ދަތުރުފެށީ މިދިޔަ އޮގަސްޓު މަހު ކަމަށްވާއިރު، އޭގެ ތެރޭގައި 40 އުޅަނދެއްގައި ދަތުރުކުރާ 500 މީހުން މީހުން ހިމެނެއެވެ. އެގޮތުން 44 ގައުމެއްގެ މީހުން ތިބިއިރު، އޭގެ ތެރޭގައި ދިވެއްސެއް ކަމަށްވާ، އިބްރާހިމް ޝާޒް (ބޮޑޭ) ހިމެނެއެވެ.

އެ އުޅަނދުތައް، ޣައްޒާ ކައިރީގައި އިސްރާއީލުގެ ކަނޑުގެ ސިފައިންގެ ބޯޓުތައް ހަރަކާތްތެރިވާ ސަރަހައްދާ ކައިރިވުމުން، އިސްރާއީލު ސިފައިން ވަނީ ބޯޓުތައް ހުއްޓުވަން ފަށައިފައެވެ. އެ ހަރަކާތް އިންތިޒާމު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިސްރާއީލުން ވަނީ މިހާތަނަށް، 200އަށް ވުރެ ގިނަ މީހުން ތިބި 13 އުޅަނދެއް ހުއްޓުވައިފައެވެ.

https://sun.mv/212099

އޭގެ ތެރެއިން ބައެއް އުޅަނދުތަކަށް ސިފައިން ހަތިޔާރާއެކު އަރައި، ބޯޓުތަކުގައި ތިބި މީހުން ހިފަހައްޓާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ގްލޯބަލް ސުމޫދު ފްލޮޓިލާގެ އުޅަނދުތައް ހުއްޓުވުން ކުށްވެރިކުރައްވާ ކަމަށެވެ. އެއީ އެއްވެސް ހަތިޔާރަކާ ނުލައި، ޣައްޒާއަށް ޒަރޫރީ އެހީ ގެންދާ އާންމުން ތިބި އުޅަނދުތަކެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް، ފަލަސްތީނުގެ ރައީސާ ބައްދަލުކުރެއްވުން: ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނު ރައްޔިތުންނާއެކު ކަމަށް ރައީސް ވިދާޅުވި -- ރައީސް އޮފީސް

އިސްރާއީލުން އެފަދަ ގޮތަކަށް ބިރު ދެއްކުން ބަލައިނުގަނެވޭ ކަމަށާއި އެކަމަށް ރުހިގެން ތިބެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިނިވަންކަމާއި އަސާސީ ވަސީލަތްތަކުން މަހުރޫމު ކޮށްފައިވާ އާބާދީއަކަށް އެހީ ފޯރުކޮށްދޭން ދާ ބަޔަކަށް ހުރަސްއެޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނިއްޔަތާ ވެސް ޚިލާފު އަމަލެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިސްރާއީލުން އެއްވެސް ރަހުމެއް ނެތި، ތަކުރާރުކޮށް އިންސާނީ ކަރާމަތް ނަގާލައި ހިންގަމުންދާ އަމަލުތަކުގެ ސަބަބުން އިތުރަށް އެކަހެރި ވެފައިވާ ކަމަށެވެ.

އެހެންވެ، އިސްރާއީލަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސް ގޮވައިލެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ހައްގުތައް ހޯދުމަށާއި މިނިވަންކަމާއި ސުލްހައާއި ސަލާމަތާއި އިންސާފަށް ކުރަމުންދާ މަސައްކަތުގައި، އެ ގައުމުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ސާބިތުވެ އޮންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/212120

ފާހަގަކޮށްލެވޭ ގޮތުގައި، ސުމުދު ފްލޮޓިލާގެ އުޅަނދުތަކުގައި ތިބި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއްވަނީ ހުށަހަޅައިފައެވެ.

ހަމާސްއިން 2007ވަނަ ޣައްޒާގެ ވެރިކަމަށް އައި ފަހުން އިސްރާއީލުން އޮންނަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ. އަދި 2023ގައި ހަމާސްއިން ދިން ހަމަލާއަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ބުނެ އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، ބޯޑަރުތައް ވަނީ އެއްކޮށް ބަންދުކޮށްފައެވެ.

އޭގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ހަމަލާތަކުގައި ޝަހީދުވަމުންދެއެވެ. އަދި ކާބޯތަކެއްޗާއި ބޭސް ނުލިބުމުގެ ސަބަބުން ވެސް ގިނަ ބަޔަލު ޝަހީދުވަމުންދެއެވެ.

comment ކޮމެންޓް