މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނަން: ރައީސް

ރައީސް ޑރ. މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެކަމަށް -- ފޮޓޯ: ރައީސް އޮފީސް

މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލެ ސަރަހައްދުގައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.

އެކަމަށް ހައްލު ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މި ސަރުކާރުން، މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަން ހަމަޖެހިފައިވާ 4،000 ހައުސިން ޔުނިޓުގެ އިތުރަށް، ސަރުކާރުން ހިންގާ 3000 ހައުސިން ޔުނިޓުގެ މަސައްކަތްކަމަށް ރައީސް ވިދާޅުވިއެވެ.

"މާލޭގައި އެންމެ މަދުވެގެން 3،000 ހައުސިން ޔުނިޓުގެ މަޝްރޫއެއް އިރާދަކުރެއްވިއްޔާ މި މާލެ ސިޓީގައި މި އަހަރު ނިމުމުގެ ކުރިން ފަށާނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ވަރަށް އަވަހަށް ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްގީކުރާ ފްލެޓްތަކުގެ މަސައްކަތް ވެސް ފެށޭނެ ކަމަށެވެ.

"އަޅުގަނޑު ރައްޔިތުންނަށްވީ އެންމެ ބޮޑު އެއް ވައުދު ބޯހިޔާވަހިކަން މިއީ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން އެޅި ފްލެޓްތައް ވެސް، އެއްވެސް އުނިއިތުރެއް ނުގެނެސް، ވައުދުވެވަޑައިގެންނެވި ގޮތަށް ހަވާލުކުރަމުން އަންނަ ކަމަށެވެ.

އަދި މި ސަރުކާރަކީ ރައްޔިތުން ތަފާތުކުރާނެ ސަރުކާރެއް ނޫން ކަމަށެވެ. އެންމެ ކުޑަ އާބާދީ އޮތް ރަށުގެ ރައްޔިތު މީހާއާއި ބޮޑު އާބާދީއަށް ނިސްބަތްވާ ރައްޔިތު މީހާ ވެސް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގާނެކަމަށް ރައީސް އިއުލާނުކުރެއްވިއިރު، އެ މަނިކުފާނަށް ފާޑުކިޔުން އަމާޒުވާ އެއް ކަމަކީ، މިހާތަނަށް ވެސް ބޯހިޔާވަހިކަމުގެ އަމިއްލަ މަޝްރޫއެއް ނުފަށާތީއެވެ. އަދި ކުރީ ސަރުކާރުން އެޅި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ވެސް ފަށަން ދޮޅުއަހަރަށް ވުރެ ގިނަ ދުވަސްވީ ކަމަށް ބުނެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

comment ކޮމެންޓް