"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އެޅި 4،000 ފްލެޓުގެ ކުލި މި ސަރުކާރުން ބޮޑުކޮށް، ޑައުންޕޭމެންޓަށް 25،000 ރުފިޔާ ނަގަނީ އުސޫލާ ޚިލާފަށް ކަމަށް ބުނެ، ސަރުކާރުން ބުނާ މިންވަރަށް ކުލި ނުދައްކަން އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީގެ ސަރުކާރުން ނިންމައި, އިއުލާން ކުރީ އެ ސްކީމުގެ ދަށުން އެޅި ތިން ކޮޓަރީގެ ފްލެޓެއް މަހަކު 8,000 ރުފިޔާގެ ކުއްޔަކަށް ދޫކުރަންށެވެ. އަދި ދެ ކޮޓަރީގެ ފްލެޓެއް 6,000 ރުފިޔާގެ މަހު ކުއްޔަކަށް ދޫކުރާށެވެ.
މި ސަރުކާރުން ނިންމާފައި ވަނީ ފްލެޓްތަކުގެ އެޑްވާންސް ފީއެއްގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓްތަކުން 25,000 ރުފިޔާ ނެގުމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް 15,000 ރުފިޔާގެ އެޑްވާންސް ފީއެއް ނަގަން ވަނީ ނިންމައިފައެވެ.
ދެ ކޮޓަރީގެ ކުއްޔަށް 7،000 ރުފިޔާ ނެގުމަށާއި ތިން ކޮޓަރިއަށް 9،000 ރުފިޔާ ނެގުމަށް ވެސް ވަނީ ނިންމައިފައެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1،500 ރުފިޔާ ނަގާއިރު ދެ ކޮޓަރިއަށް 1,000 ރުފިޔާ ދައްކަން ޖެހެއެވެ.
އެމްޑީޕީގެ އިތުރުން، ފުލެޓުތައް ލިބޭ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ފަހި ޔޫނިއަނުން ވެސް ވަނީ ކުއްޔާއި ޑައުންޕޭމެންޓް ބޮޑުުވުމާ ގުޅޭ ގޮތުން ކަންބޮޑުުވުން ފާޅުކޮށްފައެވެ. އަދި އެ ފުލެޓުތައް ނުހައްގުން ދޭން އުޅޭ ކަމުގެ ތުހުމަތުތައް ވެސް ކޮށްފައިވެއެވެ.

އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުން: ޑައުންޕޭމެންޓަށް ދައްކާ ފައިސާ ހޯދައިދޭނެ ކަމަށް ބުނެ، އެމްޑީޕީން ވަނީ ފުލެޓް ކުލި ކުޑަކޮށް ދައްކަން ގޮވާލައިފައި -- ފޮޓޯ/ މަޖިލިސް
މިއަދު ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ވަނީ، ފުލެޓުތަކުގެ ލިސްޓަށް ބަދަލު ގެނެސް، ރިޝްވަތު ނަގައިގެން ވަކި ބަޔަކަށް ފުލެޓު ދޭން އުޅޭ ކަމަށް ތުހުމަތުކޮށް ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.
ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ އެ މަޖިލީހުގައި މައްސަލަ އެޖެންޑާ ވެސް ނުކޮށް ވަނީ ބޭރުކޮށްލައިފައެވެ.
އެ ކަމާ ގުޅިގެން ނުރުހުން ފާޅުކުރުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާގޮތުން ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް އެކުލެވިގެންވާ މައްސަލައަކަށް ވާންޖެހޭ ކަމަށެވެ. އެކަމަކު، މައުރޫފް ހުށަހެޅުއްވި މައްސަލައަކީ ހަގީގަތެއްކަން މެންބަރަށް ބަޔާންކޮށްދެވިފައިނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެހެންވެ، އެ މައްސަލަ ބަލައިނުގަންނާނެކަން ވަނީ އިއުލާނުކުރައްވާފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕް (ޕީޖީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުއްލި މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، މި ސަރުކާރުން ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ވެފައިވާ ހުރިހާ ވައުދަކާ މިހާތަނަށް ޚިލާފުވެފަައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން ގެދޮރުވެރިޔާ ފުލެޓުތަކުގެ ކުލި ބޮޑުނުކުރާނެ ކަމަށް ބުނި ނަމަވެސް، ކުރިން ސަރުކާރުން ނިންމައިފައިވާ ކުއްޔަށް ވުރެ ބޮޑު ކުއްޔެއް ނަގަން ނިންމައިފައިވާ ކަމަށެވެ.
"އަޅުގަނޑު މި ފުރުސަތުގައި، އެ ފުލެޓް ލިބިފައި ހުރި ފަރާތްތަކަށް ގޮވާލަން ފުލެޓުތަކުގެ ކުލި ދައްކާނީ ކުރިން އެއްބަސްވުމުގައި ވެފައިވާ އަދަދު، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ 25،000 ރުފިޔާއަކީ ވެސް ފުލެޓުތަކުގެ ވެރިންނަށް ލިބިދޭ އެއްޗެއްގެ ގޮތުގައި ހަދައިދިނުމަށް ޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަން،" މައުރޫފް ވިދާޅުވިއެވެ.
އެ ވާހަކައަށް ބާރު ދެއްވައި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ދެއްކެވި ވާހަކައާއި މިހާރު އަމަލު ކުރައްވާ ގޮތް ތަފާތު ކަމަށެވެ. އެގޮތުން ފުލެޓުތައް ހަވާލުކުރައްވާނެ ކަމަށް އެ މަނިކުފާނު ކެމްޕޭންތެރޭ ވިދާޅުވި ނަމަވެސް، ސަރުކާރަށް ދެ އަހަރުވާން އުޅޭއިރު ވެސް އެ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ހަގީގަތުގައި ރައްޔިތުން މަގުމައްޗަށް ނުކުންނަށް ޖެހޭ ސަބަބަކީ. ރަށްރަށަށް ދިޔައިމަ މި އިނގެނީ ރަށްރަށުގެ ހާލަތު، އިގުތިސާދު ދަަށަށް ދާ މިންވަރާއި ރަށަށް ފައިސާއާއި އާމްދަނީ ދަށްވާ ވަރާއި ރަށުގައި ދިރިއުޅޭ މީހުން ހާލަތު މި އިނގެނީ ރަށްރަށަށް ދިޔައިމަ،" ނާޒިމް ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓު ނެރުނީ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ނޮވެމްބަރު 4، 2023ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ.
އެއަށް ފަހު، މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު ބެލުމަށްފަހު މިދިޔަ ފެބްރުވަރީ މަހު އިއުލާންކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ. އަދި މި ސަރުކާރުން ވެސް ލިސްޓެއް ނެރުނު ނަމަވެސް، ފަހުން ވަނީ ފުލެޓުތައް ދޭނީ ކުރީ ސަރުކާރުގެ ފުލެޓް ލިސްޓަށް ކަމަށް ބުނެފައެވެ.