ގައުމީ ބޭންކް, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސިންގެ އިކުއިޓީ ނުވަތަ ފުރަތަމަ އަމިއްލައަށް ދައްކާ މިންވަރު ފަސް ޕަސެންޓަށް ދަށްކޮށްފިއެވެ.
މީގެ ކުރިން ގެދޮރު ގަތުމަށް ދޫކުރާ ލޯނާއި ފައިނޭންސިންގެ އިކުއިޓީގެ ގޮތުގައި 20 ޕަސެންޓަށް ވާ ވަރަށް ފައިސާ ދައްކަން ޖެހެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ދިވެހި އާއިލާތަކަށް ގެދޮރުވެރިކަން ހޯދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހެޔޮ ބަދަލުތައް ގެންނަމުން އަންނަ ކަމަށެވެ.
ގެދޮރު ގަތުމަށް ފައިނޭންސިން ދޫކުރުމުގައި އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ ނިސްބަތް އެންމެ ފަސް ޕަސެންޓަށް ދަށްކުރުމާއެކު ގެދޮރުވެރިވާން ބޭނުންވާ މީހުންނަށް ދިމާވާ އެންމެ ބޮޑު މާލީ އެއް ގޮންޖެހުމަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
"މިސާލަކަށް، 3.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ގަންނަން ބޭނުންވާ ފަރާތަކުން ކުރިން 20 ޕަސެންޓްގެ އިކުއިޓީގެ ގޮތުގައި 700,000 ރުފިޔާ ހޯދަން ޖެހުނު ނަމަވެސް، މި ބަދަލާއެކު އެ އަދަދު މިވަނީ 175,000 ރުފިޔާއަށް ދަށްވެފައި." ޝަރީފް ތަފްސީލު ކޮށްދެއްވިއެވެ.
ދާދި ފަހުން ބޭންކުން ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް އިތުރު ރަހުނަކާ ނުލައި ދޫކުރާ ލޯނުގެ އަދަދު ތިން މިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ.
ބޯހިޔާވަހިކަމަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ޚާއްސަކޮށް މާލެ ސަރަހައްދަށެވެ.