ދިވެހި ސިފައިން (އެމްއެންޑީއެފް)ގެ ބެލުމުގައި ދަށުގައި ހުރި ބާވެ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ހަތަރު ކާރު ނީލަން ކިޔަން މިއަދު ނިންމައިފިއެވެ.
މި ނީލަމުގައި ހަތަރު ކާރު ދޫކޮށްލަން ހަމަޖެހިފައިވާ ކަމަށް ސިފައިން ކުރި އިއުލާނެއްގައިވެއެވެ. ނީލަން އޮންނާނީ މި މަހު 14 ވަނަ ދުވަހުގެ 9:35 ގައި ބަނޑޭރިކޮށީގައެވެ.
އެ އިއުލާނުގައި ވާގޮތުން ސިފައިން ނީލަމުގައި ވިއްކާލަނީ ބާވެ، ހަލާކުވެފައިވާ ހަތަރު ކާރެވެ. އެ ހަތަރު ކާރު ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިކަން އެމްއެންޑީއެފްގެ އިއުލާނުން އެނގެއެވެ. އެކަމަކު، އެ ކާރުތައް ވިއްކާލަން ހަމަޖެހިފައިވަނީ ބޮޑު އަގެއްގައެވެ.
އެގޮތުން، އެމްއެންޑީއެފްގެ ޖީއެސް، ބީވަން، 1186 ނަންބަރު ކާރުގެ ނީލަން ފެށޭ އަގަކީ 110،000 ރުފިޔާއެވެ. އަދި، 1183 ނަންބަރު ކާރުގެ ނީލަން ފެށޭ އަގަކީ 64،000 ރުފިޔާއެވެ. އަނެއް ދެ ކާރު، 1491 އާއި 1492 ގެ ނީލަން ފެށޭ އަގަކީ 38،000 ރުފިޔާއެވެ.
ކާރުތަކާ ބެހޭ އިތުރު ތަފުސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.
ނީލަމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން އައިޑީކާޑުގެ ކޮޕީއެއް ހިފައިގެން މި މަހުގެ 14 ވަނަ ދުވަހުގެ 9:35 ގައި ބަނޑޭރިކޮއްޓަށް ދާން އެމްއެންޑީއެފުން ވަނީ ދައުވަތު ދީފައެވެ. އަދި، އިތުރު މައުލޫމާތު ހޯދަން 9505090 އަށް ގުޅަން ވަނީ އެދިފައެވެ.
މާލިއްޔަތު ގަވާއިދުގައި ވާގޮތުން ބާވެ، ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް މުދާ ނީލަމުގައި ވިއްކާލުމާއި، ނައްތާލުމާއި، އުކައިލުމުގެ ފުރުސަތު ދައުލަތުގެ އިދާރާތަކަށް ލިބިގެންވެއެވެ.