ފަންސާސް ބުރީގެ އުސް އިމާރާތެއް އެޅުމަށްވުރެ ވެސް މުހިންމީ ގައުމަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ތަރައްގީކުރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޅ. މާފިލާފުށީގައި ހުންނަ ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މިއަދު ވަނީ ގައުމީ ޚިދުމަތުގެ ޕްރޮގްރާމް 300 އަށްވުރެ ގިނަ ޒުވާނުންނާއެކު ފަށައިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުރިހަމަ ތަރައްޤީ ޙާޞިލުކުރެވޭނީ ހަރުދަނާ، ޒުވާން ޖީލެއް ބިނާކޮށްގެންކަމަށެވެ.
އަދި ޤައުމުދެކެ ލޯބިވާ، އިސްލާމް ދީން ދެކެ ލޯބިވާ، ފަޚުރުވެރި، ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ، ބޮޑެތި ޢުމްރާނީ މަސައްކަތްތަކަށްވުރެ މުހިންމުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހަގީގަތުގައި ފަންސާސް ބުރީގެ އިމާރާތެއް އިމާރާތްކުރުމަށް ވެސް، ގައުމު ދެެކެ ލޯބިވާ، އިސްލާމްދީން ދެކެ ލޯބިވާ، ފަހުރުވެރި، ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ މާ މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ،" ރައީސް ވިދާޅުވިއެވެ.
ތަމްރީނުގެ ބައިވެރިންނަށް އެމަނިކުފާނު ވަނީ މި ތަމްރީނަކީ، އެ ބައިވެރިންގެ މުސްތަޤުބަލު އުޖާލާކޮށް، އުފާފާގަތިކަން ކަށަވަރުކުރުމަށް ލިބުނު ފުރުޞަތެއްގެ ގޮތުގައި ބަލައިގަނެގެން ކުރިއަށްދިއުމަށް އިލްތިމާސްކުރައްވައިފައެވެ.
އަދި ތަމްރީނު ނިމޭއިރު އުފެދިގެންދާނީ، އުޅުންހުރި، ޤައުމީ އަދި ދީނީ ލޯބި އަށަގެންފައިވާ، ބާރުވެރި ޒުވާނުންތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސް ވަނީ، ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާޙުކުރެއްވުމުގެ ގޮތުން ދިވެހި ވަތަނީ ޚިދުމަތުގެ ދިދަ ހަވާލުކުރައްވާފައެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ.
މިއަދު މި ފެށި، ނޭޝަނަލް ސާވިސް އިނީޝިއަލް ތަމްރީނަކީ، ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ. މި ތަމްރީނުގައި ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދިނީ ތަޢުލީމު، ލީޑާޝިޕް އަދި ބަހުގެ ޕްރޮފިޝަންސީ އުނގަންނައިދީ، ކަސްރަތާއި ހަށިހެޔޮކަމާއި، ހެވިކަމުގެ ތަމްރީނުތައް ކުރިއަށްގެންދާނެއެވެ. އަދި ފަސްޓް އެއިޑް، ފަޔާފައިޓިން އަދި ސެލްފް ޑިފެންސް ވެސް ދަރިވަރުންނަށް ދަސްކޮށްދޭނެއެވެ.