އެމްޑީޕީގެ ބޮޑު އެއްވުން ބާއްވަން އުޅެނިކޮށް ފުލުހުންނާއި ސިފައިންގެ ވެރިން މަޝްވަރާކޮށްފި

ޣައްސާނާއި އިހުސާންގެ އިތުރުން ފުލުހުންނާއި ސިފައިންގެ ބައެއް އިސްވެރިން ބައްދަލުވުމަށްފަހު ބަނޑޭރިކޮށިން ނުކުމެވަޑައިގަންނަވަނީ --- ފޮޓޯ: މިހާރު

"ލޫޓުވައިފި"ގެ ނަމުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީން މާދަމާރޭ ބާއްވަން ތައްޔާރުވަނިކޮށް، ފުލުހުންނާއި ސިފައިންގެ އިސްވެރިން، ސިފައިންގެ މައި މަރުކަޒު ބަނޑޭރިކޮށީގައި މިއަދު ބައްދަލުކޮށްފިއެވެ.

ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ އިތުރުން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމާ ގުޅޭ އެއްވެސް ތަފްސީލެއް ސިފައިން ވެސް ފުލުހުން ވެސް ހާމަނުކުރެއެވެ.

އެކަމަކު މި ބައްދަލުވުމަށްފަހު ޣައްސާނާއި އިހުސާން ބަނޑޭރިކޮށިން ނުކުމެވަޑައިގަންނަވާ މަންޒަރު، ފޮޓޯތަކުން ފެނިފައިވެއެވެ.

ޣައްސާނާއި އިހުސާންގެ އިތުރުން ފުލުހުންނާއި ސިފައިންގެ ބައެއް އިސްވެރިން ބަނޑޭރިކޮށީގެ ބޭރުގައި --- ފޮޓޯ: މިހާރު

އެމްޑީޕީގެ މި އެއްވުމާ ގުޅޭގޮތުން އިއްޔެ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، އެ ޕާޓީން މާދަމާ މާލޭގައި ބާއްވަން ހަމަޖެހިފައިވާ ބޮޑު އެއްވުމުގައި ކުށްކުރާ ގްރޫޕުތައް ނެރެގެން މާލެ ހަލަބޮލިކޮށް، ތަންތަނަށް ގެއްލުންދޭން ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.

އެކަމަކު ސުލްހަވެރިކަމާއެކު ކުރިއަށް ގެންދާ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދީ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް، އެ ބަޔާނުގައި ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ތުހުމަތުތައް ދޮގުކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، އެ ޕާޓީގެ އެއްވުމުގައި ހަމަނުޖެހުން ހިންގަން އުޅެނީ ސަރުކާރުން ގުރޫޕުތަކަށް ފައިސާ ދީގެން ކަމަށެވެ.

އެމްޑީޕީން ބުނީ އެ ހަރަކާތާ ގުޅޭ މައުލޫމާތު ދިނުމަށް މިދިޔަ އާދިއްތަ ދުވަހު ދުވަހު ފުލުހުންނާ ބައްދަލުކޮށް، އެއްވުން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ލިޔުމުން އެންގި ކަމަށެވެ. އެ ރޫޓަށް އެއްވެސް ބަދަލެއް އެމްޑީޕީން ގެނެސްފައި ނުވާއިރު ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް ހަރަކާތް ކުރިއަށްގެންދާނެ ކަމަށް އެ ޕާޓީން އަންގާފައި ނުވާނެ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެ ގްރޫޕުތަކުގެ އަމަލުތައް ހުއްޓުވައި، އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެމްޑީޕީން ވަނީ ފުލުހުންނަށް ގޮވާލައިފައެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް ފުލުހުން އަރައިގަންނަނީ ރައީސްގެ އެންގެވުމަށް ކަމަށް ތުހުމަތުކޮށް، އެގޮތަށް އަމަލުނުކުރުމަށް ވެސް ޕާޓީން ގޮވާލިއެވެ.

comment ކޮމެންޓް