ހުކުރު ދުވަހު އެމްޑީޕީން މާލޭގައި ބާއްވަން ހަމަޖެހިފައިވާ އެއްވުމުގައި ކުށްކުރާ ގްރޫޕުތައް ނެރެން އުޅޭ ކަމަށް ފުލުހުން ކުރި ތުހުމަތު ދޮގުކޮށް، ހަމަނުޖެހުން ހިންގަން އުޅެނީ ސަރުކާރުން ގުރޫޕުތަކަށް ފައިސާ ދީގެން ކަމަށް އެ ޕާޓީން މިއަދު ތުހުމަތުކޮށްފިއެވެ.
މިދިޔަ މަހުން ފެށިގެން އިދިކޮޅު އެމްޑީޕީން އަންނަނީ ހުކުރު ދުވަހު ސަރުކާރާ ދެކޮޅަށް "ލޫޓުވައިފި ލޫޓުވައިފި"ގެ ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަން ތައްޔާރުވަމުންނެވެ.
އެ އެއްވުމާ ގުޅޭ ގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެމްޑީޕީގެ ހިނގާލުމަށް ހުއްދަ ދީފައިވާ ރޫޓާ ޚިލާފުވެ، އެކި ބައިބަޔަށް ބެހި ކުށްކުރާ ގުރޫޕުތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ކަމަކަށް ފުރުސަތު ނުދޭނެ ކަމަށް އެ މުއައްސަސާއިން އިންޒާރު ދީފައިވެއެވެ.
ފުލުހުންނަށް ދިން ރައްދުގައި އެމްޑީޕީން ބުނީ، އެއީ އެއްވުމަށް ހުރަސް އެޅުމަށް ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ނެރެފައިވާ ބަޔާނެއް ކަމަށެވެ. އަދި ހުކުރު ދުވަހު ބާއްވަނީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ އެ ހަރަކާތާ ގުޅޭ މައުލޫމާތު ދިނުމަށް މިދިޔަ އާދިއްތަ ދުވަހު ދުވަހު ފުލުހުންނާ ބައްދަލުކޮށް، އެއްވުން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ލިޔުމުން އެންގި ކަމަށެވެ. އެ ރޫޓަށް އެއްވެސް ބަދަލެއް އެމްޑީޕީން ގެނެސްފައި ނުވާއިރު ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް ހަރަކާތް ކުރިއަށްގެންދާނެ ކަމަށް އެ ޕާޓީން އަންގާފައި ނުވާނެ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެ ޕާޓީން ތުހުމަތުކުރި ގޮތުގައި ހުކުރު ދުވަހުގެ އެއްވުމުގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަނީ ސަރުކާރުން ގުރޫޕުތަކަށް ފައިސާ ދީގެންނެވެ.
"މާލޭގައި ކުށްކުރާ ގްރޫޕުތައް ނެރެގެން އެއްވުމަށް ހުރަސް އެޅުމަށް [ރައީސް ޑރ. މުހައްމަދު] މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަސައްކަތް ކުރަމުންދާކަން މި ޕާޓީން ފުލުހުންނަށް އެންގުމުން އެމްޑީޕީގެ ބޮލުގައި އެ ތުހުމަތު އެޅުވުމަށް މަސައްކަތް ކުރުމަކީ ހިތާމަވެރި ކަމެކެވެ." ބަޔާނުގައިވެއެވެ.
އެ ގްރޫޕުތަކުގެ އަމަލުތައް ހުއްޓުވައި، އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެމްޑީޕީން ވަނީ ފުލުހުންނަށް ގޮވާލައިފައެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް ފުލުހުން އަރައިގަންނަނީ ރައީސްގެ އެންގެވުމަށް ކަމަށް ތުހުމަތުކޮށް، އެގޮތަށް އަމަލުނުކުރުމަށް ވެސް ޕާޓީން ގޮވާލިއެވެ.
"ފުލުހުންގެ މި މުޑުދާރު އަމަލުން ދައުލަތުގެ ހުރިހާ އިދާރާއެއް ވެސް މިވަގުތު އޮތީ [ރައީސް] މުއިއްޒުގެ މުށުތެރޭގައިކަން ސާފުވެ އެވެ." ބަޔާނުގައިވެއެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ އެއްވުމަކީ ޕީއެންސީ ސަރުކާރުން، ދިވެހިރާއްޖޭގެ އިގުތިސާދު ފުނޑާލައި، ރައްޔިތުން ބޭސްފަރުވާއިން މަހުރޫމުކޮށް، ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފުގެ ނިޒާމު ސީދާ ރައީސްގެ ބާރުގެ ދަށަށް ގެންދަވައި، ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތައް ސަރުކާތުގެ މުށުތެރެއަށް ނަގާފައި ވާތީ، ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތު ސަރުކާރަށް އިއްވައި ދިނުމަށް ރާވައިގެން ހިންގާ ސުލްހަވެރި ހަރަކާތެއް ކަމަށެވެ.
މީގެ އިތުރުން، މިއަދު ފުލުހުންގެ އަމަލުތަށް ބިނާކޮށްފައިވަނީ ޕީއެންސީ ސަރުކާރުގެ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، އިދިކޮޅުން ހިންގާ ސިޔާސީ ހަރަކާތަށް ހުރަސް އެޅުމަށް ކަމަށް ސާފުވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. އަދި ފުލުހުންގެ ޚިދުމަތް ސިޔާސީ ކުރާ ކަމަށް ތުހުމަތުކޮށް، އެކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށް ބުނެފައިވެއެވެ.
އެމްޑީޕީން އަންނަނީ ހުކުރު ދުވަހު ބާއްވާ އެއްވުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އަދި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިއްޔެ ވަނީ އެއީ ވަކި ޕާޓީއެއްގެ އެއްވުމަކަށް ހެދުމުގެ ބަދަލުގައި ކޮރަޕްޝަނާ ދެކޮޅު އެންމެން އެއްވުމުގައި ބައިވެރިވާން ގޮވާލައްވައިފައެވެ.