އެޕަލް އިން އަންނަ އަހަރު ނެރުމަށް ތައްޔާރުވަމުން އަންނަ އައިފޯން ފޯލްޑް (ފަތްޖަހައިލެވޭ އައިފޯން) އަށް ބޭނުންވާ ޑިސްޕްލޭ ފޯރުކޮށްދިނުމަށް ސެމްސަން ޑިސްޕްލޭއިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އެޕަލް އިންސައިޑާގެ ރިޕޯޓެއްގައި ބުނެފައިވާގޮތުން ސެމްސަން ޑިސްޕްލޭގެ ރައީސް ލީ ޗެއޮން ވަނީ، އެ ކުންފުނިން 'ފަތްޖަހައިލެވޭ އޯލެޑް' ސްމާޓްފޯންތަކަށް ޑިސްޕްލޭ އުފެއްދުން އިތުރުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ހާމަކުރައްވާފައެވެ. މި ޑިސްޕްލޭތައް ފޯރުކޮށްދޭނީ "އުތުރު އެމެރިކަން ކްލައިންޓަކަށް" ކަމަށް އޭނާ ވިދާޅުވުމުން، އެއީ އެޕަލް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ޗެއޮންގް، އެ ކްލައިންޓަކީ ކޮން ބައެއްކަން ސީދާ ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، އުތުރު އެމެރިކާގެ ކްލައިންޓެއްގެ ގޮތުގައި އެޕަލް ނޫން އެހެން ސްމާޓްފޯން ކުންފުނިތައް ވެސް ހުރި ނަމަވެސް، ޗެއޮންގް އެ އިޝާރާތް ކުރައްވަނީ އެޕަލްއަށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ޗޮސަން ބިޒް އާ ހަވާލާދީ މެކްރޫމާސް އިން ފާހަގަކޮށްފައިވާ ގޮތުގައި، 8.6 ވަނަ ޖެނެރޭޝަންގެ އޯލެޑް ޑިސްޕްލޭތައް އުފެއްދުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައެވެ. އާންމުކޮށް ތިންވަނަ ކުއާޓަރަކީ އެޕަލްގެ ސަޕްލަޔަރުން އެ އަހަރުގެ އައިފޯން ނެރުމަށްޓަކައި އުފެއްދުން އިތުރުކުރާ ދުވަސްވަރެވެ.
މި މުއްދަތަށް ބަލާއިރު، އެޕަލް އިން 2026 ވަނަ އަހަރުގެ ފަހުކޮޅު، (ސެޕްޓެމްބަރު މަހު)، އަދިވެސް ރަސްމީކޮށް އިއުލާންކޮށްފައިނުވާ "އައިފޯން ފޯލްޑް" ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، "އައިފޯން އެއާ" އަކީ ފަށްޖަހައިލެވޭ އައިފޯނެއް ނެރުމުގެ ކުރިން ކުރި ޓެސްޓެއް ކަމަށް ވެސް ބެލެވޭކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
އެޕަލް އިން ފަތްޖަހައިލެވޭ ޓެކްނޮލޮޖީއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި، ސެމްސަން ޑިސްޕްލޭގެ މި ހަރަކާތަކީ މުސްތަގުބަލުގައި ފަތްޖަހައިލެވޭ އައިފޯނެއް ފެނިގެންދާނެ ކަމުގެ އުއްމީދު އާކޮށްދޭ ކަމެކެވެ.
ސެމްސަން ޑިސްޕްލޭ އަކީ ދުނިޔޭގެ އެންމެ ބޮޑު ޑިސްޕްލޭ އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. ހާއްސަކޮށް އޯލެޑް ޑިސްޕްލޭ އުފެއްދުމުގައި އެ ކުންފުނި ވަނީ އެހެން ކުންފުނިތަކަށްވުރެ ކުރީގައި ހުރިކަން ސާބިތުކޮށްފައެވެ. އަދި އެޕަލް އަކީ އައިފޯނާއި އެހެނިހެން ޓެކްނޮލޮޖީގެ އުފެއްދުންތަކުން ދުނިޔޭގެ ބާޒާރުގައި ވަރުގަދަ ކުންފުންޏެކެވެ.
އެޕަލް އަކީ އެކުންފުނީގެ އުފެއްދުންތަކަށް ޑިސްޕްލޭ ފަދަ މުހިންމު ބައިތައް އެހެން ކުންފުނިތަކުން ގަންނަ ކުންފުންޏެކެވެ. ފަތްޖަހައިލެވޭ ސްމާޓްފޯނަކީ މިހާރު ޓެކްނޮލޮޖީ ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް ދާއިރާއެވެ.
ސެމްސަން، ވާވޭ އަދި ޝިއޯމީ ފަދަ ކުންފުނިތަކުން ވަނީ މިހާރު ވެސް އެފަދަ ފޯނުތައް ބާޒާރަށް ނެރެފައެވެ. އެހެންނަމަވެސް އެޕަލް އިން އަދި ފަތްޖަހައިލެވޭ ފޯނެއް ނެރެފައެއް ނުވެއެވެ.
މި މައުލޫމާތުތަކަށް ބަލާއިރު، ދުނިޔޭގެ އެންމެ ބޮޑު ޓެކް ދެ ކުންފުނީގެ މެދުގައި އުފެދެމުން އަންނަ މި ގުޅުމަކީ ޓެކްނޮލޮޖީގެ މުސްތަގުބަލަށް ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް އަންނާނެ ކަމެއް ކަމަށް ބެލެވެއެވެ.