ބިދޭސީން 'އޯޕަން ވިޒާ'ގެ ނަމުގައި ހުއްދައިން ބޭރުން މަސައްކަތް ކުރުން އިތުރުވެ، ޑީޕޯޓުކުރަނީ

މީގެކުރިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން: 'އޯޕަން ވިޒާ'ގެ ނަމުގައި ހުއްދައިން ބޭރުން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އިތުރުވެ، ފިޔަވަޅު އަޅަނީ -- ފޮޓޯ/ އިމިގްރޭޝަން

ގަވައިދާ ޚިލާފަށް 'އޯޕަން ވިޒާ'އެއްގައި އުޅޭ ކަމަށް ބުނެ، މަސައްކަތްކުރަން ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރާ ބިދޭސީން އިތުރުވަމުން އަންނަ ކަމަށާއި އެފަދަ ބިދޭސީން ފާހަގަކުރެވިއްޖެ ނަމަ ޑީޕޯޓުކުރާނެ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

ގަވައިދާ ޚިލާފަށް ވިޔަފާރިކޮށް، އެކަމުގައި ޝާމިލުވާ ބިދޭސީން ޑީޕޯޓުކުރާ އޮޕަރޭޝަނެއް މިފަހުން އިމިގްރޭޝަނުން ވަނީ ފަށާފައެވެ. އެ އޮޕަރޭޝަންގެ ތެރެއިން ހޯދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމަށް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ.

މި މަސައްކަތުގެ ތެރެއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި ބިދޭސީ މުވައްޒަފުންނަށް ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިނުވާ މަސައްކަތްތައް ކުރާކަން އާންމުކޮށް ފާހަގަކުރެވޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

https://sun.mv/211769

އެގޮތުން، ގަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، ބިދޭސީންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރަށް އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ހޯދުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށެވެ. އަދި 'އޯޕަން ވީޒާ'ގެ ނަމުގައި ރާއްޖޭގައި ބިދޭސީން މަސައްކަތްކުރުމަކީ ވެސް ގާނޫނީގޮތުން ހުއްދަ ކަމެއް ނޫނެވެ.

ބިދޭސީ މުވައްޒަފުންނަށް މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވަނީ ހަމައެކަނި އެމީހުންނަށް ވީޒާ ދޫކޮށްފައިވާ ތަނުގައި ހުއްދަ ދޫކޮށްފައިވާ މަސައްކަތެއް ކުރުމަށް އެކަނި ކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ކުރިއަށް ގެންދާ ގައުމީ އޮޕަރޭޝަނުގައި ބިދޭސީންތަކެއް ބަލައި ފާސްކުރަނީ: 'އޯޕަން ވިޒާ'ގެ ނަމުގައި ހުއްދައިން ބޭރުން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނޭ --- ފޮޓޯ/ އިމިގްރޭޝަން

އެހެންވެ، އެ ކަމަށް ސަމާލުވެ، ވަޒީފާދޭ މީހުން، އެ މީހުންގެ މުވައްޒަފުން އެހެން ތަންތަނަށް މަސައްކަތްކުރަން ނުފޮނުވުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަނިކޮށް ފާހަގަކުރެވިއްޖެނަމަ، އެފަދަ މުވައްޒަފުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، ޑީޕޯޓުކުރާނެ ކަމަށް ބުންޏެވެ. އަދި، ވަޒީފާދިން ފަރާތަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަން އިމިގްރޭޝަނުން ފާހަގަކުރިއެވެ.

އިމިގްރޭޝަނުން ބުނީ، މި މަސައްކަތްތަކުގެ މަގްސަދަކީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ހަރުދަނާކޮށް، ގާނޫނާ އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަންކުރުން ކަމަށެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީންތަކެއް ގެންދަނީ -- ފޮޓޯ/ އިމިގްރޭޝަން

އޭގެއިތުރަށް، ގައުމުގެ އިގްތިސާދާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުން ހިމެނޭ ކަމަށް ބުންޏެވެ.

ބިދޭސީ މަސައްކަތްތެރިންނާއި އެމީހުންނަށް ވަޒީފާދޭ މީހުންނާއި، އާންމު ރައްޔިތުން މިކަމުގައި ޒިންމާދާރު ގޮތެއްގައި އަމަލުކުރުމަށް އިމިގްރޭޝަނުން އިލްތިމާސްކުރެއެވެ.

ގާތްގަނޑަކަށް ދެ އަހަރުވެފައިވާ މި ސަރުކާރުގެ އަމާޒަކީ ވެރިކަމުގެ ފުރަތަމަ ތިން އަހަރު ތެރޭގައި، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ. އެގޮތުން ގަވައިދާ ޚިލާފަށް އުޅެ، މަސައްކަތް ކުރާ ބިދޭސީން ހޯދަން އޮޕަރޭޝަންތައް ހިންގުމުގެ އިތުރުން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް އޮޕަރޭޝަނެއް ހިންގައެވެ.

comment ކޮމެންޓް