މިދިޔަ އޮގަސްޓް މަހު ރާއްޖެ އައި މީހުންގެ ތެރެއިން 153 މީހަކު ރާއްޖެ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލާފައިވާ ކަން އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ މަހު 483،614 މީހަކު ރާއްޖެއަށް އެތެރެވެ، ބޭރުވެފައިވެއެވެ. އޭގެ ތެރޭ ހިމެނެނީ ރާއްޖެ އައި 31،487 ދިވެހިންނާއި ރާއްޖޭން ފުރި 15،968 ދިވެއްސަކާއި ރާއްޖެއަށް އެތެރެވި 214،752 ބިދޭސިއަކާއި ރާއްޖޭން ފުރި 221،407 ބިދޭސިއެކެވެ.
އެ ތަފާސްހިސާބުގައިވާ ގޮތުން 153 މީހުން ރާއްޖެއަށް ވަނަނުދީ އަނބުރާ ފޮނުވާލިއިރު، 73 މީހުން އޮފްލޯޑްކުރިއެވެ. އަދި ތިން މީހަކު އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށްވެސް އެ ތަފާސްހިސާބުތަކުން ދައްކައެވެ.
އޭގެ އިތުރުން، އެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހު ރާއްޖެ އައި 192،058 ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އެތެރެވީ މައި އެއާޕޯޓު ވެލާނާ އެއާޕޯޓުންނެވެ. އެގޮތުން ވެލާނާ އެއާޕޯޓުން 191،546 ފަތުރުވެރިން އެތެރެވިއިރު، މާފަރު އެއާޕޯޓުން 123 ފަތުރުވެރިއަކު، އައްޑޫ ގަން އެއާޕޯޓުން 378 ފަތުރުވެރިއަކު، ހަނިމާދޫ އެއާޕޯޓުން އަށް ފަތުރުވެރިއަކު، އަދި ދާލު އެއާޕޯޓަށް ތިން ފަތުރުވެރިއަކު އެތެރެވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން ދާދިފަހުން ވަނީ، ނުގަވައިދުން ވިޔަފާރިކުރާ ބިދޭސީން ވަގުތުން ޑީޕޯޓުކުރުމަށް ޚާއްސަ އޮޕަރޭޝަނެއް މި މަހުގެ 21ވަނަ ދުވަހު ފަށައިފައެވެ. އެކަން ހާމަކުރެއްވީ ދާދިފަހުން ހަތަރު އަތޮޅެއްގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފ. ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނިކޮށް، މިދިޔަ ބުދަ ދުވަހު އިމިގްރޭޝަނުން ބުނީ، ނުގަވައިދުން އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދޭނެ ކަމަށެވެ. އެކަމަކު ނުގަވައިދުން އުޅޭ ބިދޭސީންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް، ފުލުހުންގެ ކޮމިޝަނަރު އިސްމާއީލް ނަވީން ހަމަ އެ ދުވަހު ވިދާޅުވެފައިވެއެވެ.