މި އަަހަރުގެ ހަޔަ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް (އެޗްއެސްސީ) ދިވެހި ޕޭޕަރުގައި ހިމަނާފައި އޮތް ކިޔުމުގެ ދޭހައަކާ ގުޅިގެން ބެލެނިވެރިންނާއި ދަރިވަރުންގެ އެތައް ކަންބޮޑުވުމަކުން މުޅި ސޯޝަލް މީޑިއާ ފުރިއްޖެއެވެ.
ބައެއް ދަރިވަރުންނާއި، ބެލެނިވެރިން އަންނަނީ ދިވެހި ޕޭޕަރުގައި ހިމަނާފައި އޮތް ދޭހައާއި މަޒުމޫނު ލިޔުމަށް ދިން މައުޟޫއާ ގުޅިގެން ކަންބޮޑުވުންތައް ހިއްސާކުރަމުންނެވެ. އެ ގޮތުން އެއް ކަމަކަށް ދަރިވަރުން ފާހަގަކުރަނީ، ޕޭޕަރުގައި ހިމަނާފައި އޮތް ދޭހައަކީ، ސަރުކާރު ސްކޫލެއްކަމަށްވާ ސީއެޗްއެސްއީގެ ހުޅުމާލޭ ސްކޫލުގެ ދަރިވަރުންނަށް މީގެ ކުރިން ދީފައިވާ, އަދި އެ ސްކޫލުގެ ދިވެހި ކޭމްޕުގައި މަޝްވަރާ ވެސް ކޮށްފައިވާ ދޭހައަކަށް ވުމެވެ.
އަނެއް ކަމަކަށް ފާހަގަ ކުރާ ކަންބޮޑުވުމަކީ މި ޓެސްޓް ޕޭޕަރުގައި މަޒުމޫނު ލިޔުމަށް ދީފައިވާ މައުޟޫ ވެސް ހުޅުމާލެ ސީއެޗްއެސްސީގެ ދަރިވަރުން ކުރިން ހަދާފައިވާ މައުޟޫއާ އަކަށް ވުމެކެވެ.
ހުޅުމާލޭ ސީއެޗްއެސްސީ , ކުދިން ފަރިތަކޮށްފައިވާ ލިޔުމެއް ދޭހައަކަށް އައުމާއި މަޒުމޫންގެ މައުޟޫއާ ވެސް ދިމާވުމާ ގުޅިފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ އެޗްއެސްސީ ޕޭޕަރު ހެދީވެސް އެ ސްކޫލުގެ ޓީޗަރެއް ކަމަށް ވުމެވެ. އެހެންކަމުން އެއީ ވަކި ސްކޫލެއްގެ ކުދިންތަކަކަށް ފައިދާ ވާގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ދަނީ ކުރަމުންނެވެ.
ބައެއް ދަރިވަރުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުން ބުނެފައިވަނީ, މިއީ އެހެން ސްކޫލުތަކުގެ ކުދިންނަށް ލިބުނު ވަރަށް ބޮޑު ބޭއިންސާފެއް ކަމަށާއި، ހުޅުމާލެ ސީއެޗްއެސްއީގެ ދަރިވަރުންނަށް ލިބުނު ނުޙައްގު ފައިދާއެއް ކަމަށެވެ. އަދި މީގެ ސަބަބުން ދަރިވަރުންގެ މެދުގައި އޮންނަން ޖެހޭ ހަމަހަމަކަން ގެއްލިފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.
ގްރޭޑް, 11, 12 އަށް ދިވެހި ކިޔަވައިދޭ ބައެއް ތަޖުރިބާކާރު ދިވެހި ޓީޗަރުންނާ "ސަން" އިން ސުވާލު ކުރުމުން ވިދާޅުވީ ދޭހައަކީ ހުޅުމާލެ ސީއެޗްއެސްސީ ކުދިން ފަރިތަކޮށްފައިވާ ދޭހައެއްކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް އެ ދަރިވަރުންނަށް އޭރުދިން ސުވާލުތަކާއި އެޗްއެސްސީ ޕޭޕަރުގައި ހުރި ސުވާލުތަކަކީ ސީދާ އެއް ސުވާލުތަކެއްތޯ ނުވަތަ ނޫންތޯ އަދި ޔަގީން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަނެއް ކަމަކަށް އޭނާ ވިދާޅުވީ ސީއެޗްއެސްސީގެ ކުދިން ފަރިތަކޮށްފައިވާ މައުޟޫއަކަށް މަޒުމޫނު ލިޔަން ޓެސްޓްގައި ލިބުމުން ކުދިންގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. ނަމަވެސް ބައެއް ފަހަރު ސްކޫލުތަކުގައި ކުރިން ފަރިތަކޮށްފައި ހުންނަ މައުޟޫތައް ޕޭޕަރުގައި އޮތުމަކީ އިއްތިފާގުން ވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ސަން"އާ ވާހަކަދެއްކި ބެލެނިވެރިއަކު ބުނީ، ސީއެޗްއެސްއީގެ ދަރިވަރުން ލައްވައި، މާ ކުރިން އެ ދޭހަ ހަދުވައިފައި އޮތުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި، އެ ކަން ބަލައިނުގަނެވޭ ކަމަށެވެ.
"ކިހާ ދަށު ދަރަޖައިގެ ކަމެއް އެއީ އޭލެވެލްގެ އެގްޒާމް ޕޭޕަރު އަދި މަޒުމޫނު އެއްޗެހި ކުރިން ހަދުވައިފައި އޮތުމަކީ. ސޭމް ޓޮޕިކް، ސޭމް ދޭހަ. ވަކި ކުދިންނަށް ފޭވާވެފައި ނޫންތޯ މިއީ،" ބެލެނިވެރިޔާ ބުންޏެވެ.
މިދިޔަ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ފޭސްބުކުގައި އެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ވަނީ އެއީ ތެދެއްނަމަ މުޅި އިމްތިހާނުގެ ސައްހަކަން ގެއްލޭނެ ކަމަށެވެ. އަދި މިކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކުން މި ކަން އަވަހަށް ބަލާނެކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެޑިއުކޭޝަން މިނިސްޓްރީން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މި ޚަބަރު ޖެހުމުގެ ކުރިން ރެއާއި މިއަދު ވެސް އެ މިނިސްޓްރީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރީމެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން، މިދިޔަ ސަރުކާރުގައި ޑިޕާޓްމަންޓް އޮފް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގެވުމާ ހަވާލުވެހުންނެވި، އެޑިއުކޭޝަންގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ތުހުމަތުކުރެއްވި ގޮތުގައި މި ބަދަލަކީ އެސްއެސްސީ އަދި އެޗްއެސްސީ އިމްތިހާނުގެ ސުވާލު ކަރުދާސް، ސްކޫލުތަކުގައި މަސައްކަތްކުރާ ޓީޗަރުން ލައްވައި، ތައްޔާރުކުރާ ގޮތަށް ނިޒާމަށް މިފަހުން ގެނައި ބަދަލުގެ ސަބަބުން މެދުވެރިވި މައްސަލައެކެވެ.
"ސުވާލުކަރުދާހުގެ އައިޓަމް ތައްޔާރުކުރުމަށް ދިރާސާކުރުމާ އައިޓަމްތައް ތައްޔާރުކޮށް ކަރިކިއުލަމް މެޗްކޮށް އަޅާކިޔާ ޕްރޫފް ރީޑްކުރުމަށް ޑީޕީއީއާއި [ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން] އެންއައިއީ ގުޅިގެން އިންތިޒާމުތަކެއް ރޭވިފައިވަނިކޮށް މުޅި ނިޒާމު ބަދަލުކޮށް ސްކޫލުތަކުގައި ކިޔަވައިދެއްވާ މުދައްރިސުން ބޭނުންކޮށްގެން ސުވާލުކަރުދާސް ތައްޔާރުކުރާގޮތަށް ބަދަލުކުރީ ކީއްވެގެންކަން މިއަދު ޑީޕީއީ އަދި ތަޢުލީމާބެހޭ ވަޒީރު ދަރިވަރުންނަށް ބުނެދެއްވަންވާނެ،" އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، އެޗްއެސްސީ ދިވެހި އިމްތިހާނާ ގުޅިގެން ހިނގައިދިޔަ ކަންކަމާއިމެދު ކަންބޮޑުވާ ކަމަށެވެ. އަދި މި އިމްތިހާނު ބަލައިގަނެ، މާކު ކުރެވިގެން ނުވާނެ ކަމަށާއި، އަލުން އާ އިމްތިހާނު ކަރުދާހެއް ތައްޔާރުކޮށް ދަރިވަރުން އިމްތިހާނުކުރުމަށް ގޮވައިލައި ކަމަށް އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހިބަސް ކިޔައިދެއްވާ ތަޖުރިބާކާރު މުދައްރިސެއްކަމަށްވާ އަބްދުﷲ ޖަމީލް ވިދާޅުވީ ޑީޕީއީން ތިން ޕޭޕަރެއް އަބަދުވެސް ތައްޔާރުކުރާ ކަމަށެވެ.
އެގޮތުން ކުރިން، ޕޭޕަރު ހަދަން އާންމުކޮށް ސްކޫލު ޓީޗަރުންނަށް ނުދެވޭ ކަމަށާއި ނަަމަވެސް މިފަހަރު، އުސޫލު ބަދަލުކޮށްގެން، ގްރޭޑް 12ގައި ކިޔަވައިނުދޭ ކަމަށްވާނަމަ، ޓީޗަރުންނަށް ޕޭޕަރު ހެދޭ ގޮތަށް ފުރުސަތު ދިން ކަމަށެވެ.
"އަދި ސީއެޗްއެސްސީ ޓީޗަރެއް ގެންދިޔަ، އެކަމަކު އެއީ އޭނާ ހެދި ޕޭޕަރެކޭ ނުއެއް ބުނެވޭނެ، އެކަން އެނގޭނީ ޑީޕީއޭއަށް،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ މައްސަލަ ފާހަގަވެގެން އުޅޭ އިމްތިހާނުގައި ދޭހައިގެ ސުވާލެއް ވެސް މަޒުމޫނު ސުވާލެއް ވެސް އޮތީ ތަކުރާރުވެފައި ކަމަށެވެ.
"އިބްރާހީމް ހުސައިން މަނިކުގެ 'ފޮޓޯ ފޮތް' ކިޔާ ވާހަކައެއް ދޭހައިގައި އޮތީ، މިހާރު މުޖުތަމައު ވަރަށް ބަދަލުވެއްޖެ. އެހެންވީމަ ކުދިންނާ ނުގުޅޭ ވާހަކަ ހުރުން އެއީ އެކަށީގެންވާ ކަމެއް،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ސުވާލު ކަރުދާހުގައި އެ ދޭހަ ހިމެނޭކަން ޑީޕީއީއަށް ނޭނގުނީ ކީއްވެގެންކަން އެނގިނުލައްވާ ކަމަށެވެ. އަދި ކުދިން ފާހަގަކުރީ އެ ކަންބޮޑުވުން ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ ކުދިންގެ ލެވެލްއާއި އުމުރާއި ކުދިން ޓެސްޓެއްގައި ތިބެގެން ކިޔާ ފެންވަރުގެ ވާހަކަ ހުންނަން ޖެހޭނީ، ދެން އޭތި ސީއެޗްއެސްސީން ދިންއިރު ހުރީ ގޯސް އިބާރާރް ކަނޑާފައި އެެކަމު ޑީޕީއީން ނުކަނޑާ އިނީ އެހެންވެ މައްސަލަ ޖެހުނީ،" ޖަމީލް ވިދާޅުވިއެވެ.
މި ޕޭޕަރުގައި ހިމަނާފައިވާ ދޭހައިގައި ކުދިންގެ އުމުރާ ނުގުޅޭ ވާހަކަތަކެއް ހުރި ކަމަށް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް "ސަން" އިން ވާހަކަ ދެއްކި ޓީޗަރުންނާއި ބެލެނިވެރިންގެ ފަރާތުން އެފަދަ އެއްޗެއް ޕޭޕަރުގައި އޮތްކަން ނުވަތަ ނޫންކަން ކަށަވަރެއް އަދި ނުކުރެވުނެވެ.
މީގެ ކުރިން މިފަދަ އިމްތިހާނުތަކަށް ޕޭޕަރު ތައްޔާރު ކުރައްވާ ބޭފުޅަކު މިކަމާ ގުޅިގެން ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން" އަށް ވިދާޅުވީ ބެލެނިވެރިންނާއި ދަރިވަރުން އެ ފާހަގަ ކުރާ ކަންބޮޑުވުންތައް ބަލައި ޔަގީން ކުރުމަށް ފަހު, އެފަދަ ކަމެއް ހިނގާފައިވާ ނަމަ އަލުން އެ އިމްތިހާނު ބާއްވަން ޖެހޭ ކަމަށެވެ.
ވަރަށް ގިނަ ދަރިވަރުންނާއި، މުދައްރިސުން ގެންދަނީ ދިވެހި ޕޭޕަރާ ގުޅިގެން ފެންމަތިވި މި މައްސަލައާއެކު ނުރުހުން ފާޅުކުރަމުންނެވެ.