10 ދާއިރާއަކުން ވޮކޭޝަނަލް ތަމްރީނު ދިނުމަށް މާލޭގައި ހައި ސްކޫލެއް ހުޅުވަނީ

ސީއެޗްއެސްސީގައި އޭލަވަލް ކިޔަވާ ދަރިވަރުންތަކެއް: ދިހަ ދާއިރާއަކުން ވޮކޭޝަނަލް ތަމްރީނު ދިނުމަށް މާލޭގައި ހައި ސްކޫލެއް ހުޅުވަނީ، -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ވޮކޭޝަނަލް ތަމްރީނު ދިނުމަށް މާލޭގައި ހައި ސްކޫލެއް ހުޅުވަން ތައްޔާރުވެ، އެ ސުކޫލުގައި ކިޔަވަން ބޭނުންވާ ދަރިވަރުން, ފޯމު ހުށަހަޅަން ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން، އިއްޔެ ދަރިވަރުންނަށް ފޯމު ހުށަހަޅަން ފުރުސަތު ހުޅުވާލީ އަންނަ ހަފުތާގެ ހުކުރު ދުވަހުގެ ނިޔަލަށެވެ.

އެ ހައި ސުކޫލު މެދުވެރިކޮށް، ދިހަ ދާއިރާއަކުން ވޮކޭޝަނަލް ތަމްރީނު ދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން،

  • އާކިޓެކްޗަރަލް ޓެކޮނޮލޮޖީއާއި ޑިޒައިން
  • ކޭކު ޑެކަރޭޝަން
  • އޮޓޮމޭޓިވް އިންޖިނީއަރިން
  • ސިވިލް އިންޖިނިއަރިން
  • ކާޕެންޓްރީ
  • އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނީއަރިން
  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • ފޮޓޮ ނެގުން
  • ރިފްރިޖެރޭޝަން އެންޑް އެއާ ކޮންޑިޝަނިން
  • ކުދި ވިޔަފާރި މެނޭޖުކުރުން

އެ ދާއިރާތަކުން ތަމްރީނު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ހައި ސްކޫލަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި، މިދިޔަ އަހަރު ނުވަތަ މިއަހަރުގެ ދިރާސީ އަހަރު ގްރޭޑު ދިހައެއް ފުރިހަމަކޮށްފައިވުމާއި މިދިޔަ އަހަރުގެ ޑިސެމްބަރު 31އަށް 18 އަހަރު ފުރިފައިނުވުން ހިމެނެއެވެ.

މިނިސްޓްރީން ބުނީ، ދަރިވަރުންނަށް ޖާގަ ހަމަޖެހިފައިވާކަން އަންނަ އަންގާރަ ދުވަހުން ފެށިގެން އަންގަމުންދާނެ ކަމަށެވެ. އަދި، އެޕްލިކޭޝަން ހުށަހަޅާފައިވާ މެއިލްއަށް، އެ ހައިސްކޫލުގައި ދަރިވަރުން ރަޖިސްޓްރީވުމާ ގުޅޭ އިރުޝާދުތައް ދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: ދިހަ ދާއިރާއަކުން ވޮކޭޝަނަލް ތަމްރީނު ދިނުމަށް މާލޭގައި ހައި ސްކޫލެއް ހުޅުވަނީ، -- ފޮޓޯ/ ރައީސް އޮފީސް

މިކަމާ ގުޅުވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ވޮކޭޝަނަލް ހައި ސްކޫލުގައި ކިޔެވުމަށް އިލްތިމާސްކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ވޮކޭޝަނަލް ޕާތުވޭ ނިންމައި، ދަރިވަރުން ބޭނުންނަމަ ޑިޕްލޮމާ ނުވަތަ ޑިގްރީ ކޯހެއް ހެދުމަށް ޔުނިވާސިޓީ އަކަށް ދިޔުމަށް ނުވަތަ ވަޒީފާއަކަށް ދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"އެކަޑަމިކް ޕާތުވޭއަށްވުރެ ވަކި ފުރުސަތު ކުޑަނުވާނެ. ހިތްވަރާއެކު މަސައްކަތްކޮށް ދިރިއުޅުމަށް ތައްޔާރުވާން މި ފުރުސަތުގެ ބޭނުންހިފާ," މިނިސްޓަރު ވިދާޅުވިއެވެ.

އަމާޒަކީ، ދަރިވަރުން ބާކީކުރުމުގެ ސަގާފަތް ނައްތާލުމާ އެއްކޮށް އުފެއްދުންތެރި، އިސްލާމްދީނާއި ގައުމުދެކެ ލޯބިވާ ޒުވާނުން އުފެއްދުން ކަމަށް ޝަފީއު ވިދާޅުވިއެވެ.

ދަރިވަރުންތަކެއް: ދިހަ ދާއިރާއަކުން ވޮކޭޝަނަލް ތަމްރީނު ދިނުމަށް މާލޭގައި ހައި ސްކޫލެއް ހުޅުވަނީ -- ފޮޓޯ/ ސީއެޗްއެސްސީ

އިތުރަށް މިނިސްޓަރު ވިދާޅުވީ، ގްރޭޑު ދިހައެއް ނިންމާ ދަރިވަރުން މަތީ ސާނަވީ މަރުހަލާގައި އިތުރުކޮށް، ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ފަށާފައިވާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިފައިވާ ކަމަށެވެ.

މިނިސްޓަރު ވަނީ މިދިޔަ އަހަރުތަކުގެ ބައެއް ތަފާސްހިސާބުތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، 2023ގައި މަތީ ސާނަވީގައި އަލަށް ކިޔަވަން ފެށީ ގްރޭޑު ދިހައެއްގައި ތިބި 6700 ދަރިވަރުންގެ ތެރެއިން 2،100އެއްހާ ދަރިވަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ، އެ އަހަރު ގުރޭޑު ދިހައެއްގައި ތިބި ދަރިވަރުންގެ 31 އިންސައްތަ ކަމަށްވާއިރު، މިދިޔަ ދެ އަހަރުގެ ކުރެވުނު މަސައްކަތުން މިއަހަރު މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުން ވަރަށް ބޮޑަށް އިތުރުކުރެވިއްޖެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެގޮތުން، ގްރޭޑު ދިހައެއްގައި ކިޔެވި 6،500 ދަރިވަރުންގެ ތެރެއިން 3،200 ދަރިވަރުން މަތީ ސާނަވީގައި މިހާރު ކިޔަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ، ގްރޭޑު ދިހައެއްގައި ތިބި ދަރިވަރުންގެ 49 އިންސައްތަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، 2023އާ އަޅާބަލާއިރު، ގްރޭޑު ދިހައެއްގައި ތިބި ދަރިވަރުންގެ ނިސްބަތުން 18 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް