ޑުރަގުގެ މައްސަލައެއްގައި ފޭދޫ ކައުންސިލުގެ ކުރީގެ ރައީސާއި އޭނާގެ އަނބިމީހާ ހައްޔަރުކޮށްފި

ފުލުހުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން: ޑުރަގުގެ މައްސަލައެއްގައި ފޭދޫ ކައުންސިލުގެ ކުރީގެ ރައީސާއި އޭނާގެ އަނބިމީހާވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި, ށ. ފޭދޫ ކައުންސިލްގެ ކުރީގެ ރައީސާއި އޭނާގެ އަނބިމީހާ ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު ފޭދޫގެ ގެއެއް ބަލައިފާސްކުރި ކަމަށެވެ.

އެ ގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅާއެކު، ދެ މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.

އެ ދެމީހުންނަކީ ށ. ފޭދޫ، ސައިމާގޭ، މުހައްމަދު މުސްތަފާ އާއި އެރަށު ލައިޓް ހައުސް ފާތިމަތު ނާއިލާއެވެ. އެއީ ދެމަފިރިން ކަމަށްވާއިރު، މުސްތަފާ މީގެ ކުރިން އެ ރަށު ކައުންސިލް ރައީސްކަން ކޮށްފައިވެއެވެ.

ފޭދޫގެ އާބާދީއަކީ 854 ކަމަށް 2022ގެ ބޯހިމެނުމުން ދައްކާއިރު، އެ ރަށު ކައުންސިލަށް މުސްތަފާ 2017ގައި އިންތިޚާބުވީ 303 ވޯޓުންނެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުސްތަފާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކުރި ކަމަށެވެ. އަދި ފާތިމަތު ނާއިލާ ހަތް ދުވަހަށް ބަންދުކުރުމަށް ފަހު، އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ، އޭނާ ދޫކޮށްލާފައިވާކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް