ޖުލައި މަހާ އަޅާ ބަލާއިރު، ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހެޅި މައްސަލަތައް މިދިޔަ އޮގަސްޓް މަހު މަދުވެއްޖެ ކަމަށް، ސޯޝަލް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ ޖުލައި މަހުގެ ތަފާސްހިސާބުގައިވާ ގޮތުން، ކުޑަކުދިންނަށް އަނިޔާކޮށްގެން 93 މައްސަލައެއް ސޯޝަލް މިނިސްޓްރީއަށް ރިޕޯޓުކުރިއެވެ. އެކަމަކު، އޮގަސްޓް މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން އެ އަދަދު ވަނީ 84 އަށް ތިރިވެފައެވެ.
މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން އޮގަސްޓް މަހު އެންމެ ގިނައިން ރިޕޯޓުކުރީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން، އިހުމާލުގެ 26 މައްސަލައެއް ރިޕޯޓުކުރިއިރު އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާ ގުޅޭ 11 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 15 މައްސަލައެކެވެ.
ދެވަނައަށް އެންމެ ގިނައިން މިނިސްޓްރީއަށް ހުށަހެޅީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުމުގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 14 މައްސަލައެއް ހުށަހެޅިއިރު، ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ނަފުސާނީ ހާނިއްކައިގެ ނުވަ މައްސަލަ، ޖިސްމާނީ ހާނިއްކައިގެ އަށް މައްސަލަ، އަދި ގަނާކުރުމުގެ ފަސް މައްސަލައެއް ހުށަހަޅާފައިވެއެވެ.
އޭގެ އިތުރުން ކުޑަކުދިން ބްލެކްމެއިލްކުރުމުގެ ހަތަރު މައްސަލައަކާއި، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ދެ މައްސަލައަކާއި، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ މައްސަލައަކާއި، ކުދިން ދޫކޮށްލާފައި ދިއުމުގެ މައްސަލައެއްގެ އިތުރުން، ކުދިން ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށް، ސޯޝަލް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައިވެއެވެ.
ހަމަ އެހެންމެ، ޖުލައި މަހާ އަޅާ ބަލާއިރު، ސޯޝަލް މިނިސްޓްރީއަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލަތައް މަދު ކަމަށް ވެސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން، ޖުލައި މަހު ގެވެށި އަނިޔާގެ 57 މައްސަލައެއް ހުށަހެޅިއިރު، މިދިޔަ އޮގަސްޓް މަހު އެ މިނިސްޓްރީއަށް ހުށަހެޅީ 45 މައްސަލައެވެ. އޭގެ ތެރެއިން އަންހެނުންނަށް ގެވެށި އަނިޔާކޮށްގެން 41 މައްސަލައެއް ހުށަހެޅިއިރު، ފިރިހެނުންނަށް ގެވެށި އަނިޔާކޮށްގެން ހަތަރު މައްސަލައެއް ހުށަހެޅިއެވެ. އެއީ:
- ރޭޕުގެ މައްސަލައެއް
- ޖިންސީ އަނިޔާގެ ހަތަރު މައްސަލަ
- ޖިސްމާނީ އަނިޔާގެ 25 މައްސަލަ
- ނަފުސާނީ އަނިޔާގެ 10 މައްސަލަ
- ޖިންސީ ފުރައްސާރައުގެ މައްސަލައެއް
- މުދަލަށް ގެއްލުންދިނުމާއި ހިފެހެއްޓުމުގެ ދެ މައްސަލައެއް
- ބިރުދެއްކުމުގެ މައްސަލައެއް
މީގެ އިތުރުން ޖުލައި މަހަށްވުރެ އޮގަސްޓް މަހު ހުށަހެޅި މައްސަލަތައް މަދު ކަމަށް ވެސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ ޖުލައި މަހު އާއިލީ މައްސަލަތަކާ ގުޅޭ 33 މައްސަލައެއް ހުށަހެޅިއިރު، މި މަހު ހުށަހެޅީ 22 މައްސަލައެކެވެ.
އެއީ، ދަރިންނާ ބައްދަލުކުރުމުގެ މައްސަލައަކާއި ދަރިންނަށް ޚަރަދު ދިނުމުގެ މައްސަލައަކާއި ކަސްޓަޑީގެ ނުވަ މައްސަލައެއްގެ އިތުރުން ކުދިން ބެލުމުގައި 11 މައްސަލައެކެވެ.
މިނިސްޓްރީގެ ތަފާސްހިސާބުގައި ފާހަގަކުރި އިތުރު ކަންކަން:
- މި ވަގުތު 156 ކުއްޖަކު ދައުލަތުން ބަލަހައްޓާ، އިތުރު އަށް ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނައިއިރު ފޮސްޓާ ކެއާގައި އެއް ކުއްޖަކު އެބަވޭ
- ޗައިލްޑް ހެލްޕްލައިން 1412 އަށް ޖުމުލަ 2،108 ކޯލު ލިބުނު، އޭގެ ތެރެއިން، 72 ކޯލަކީ ކުޑަކުދިންގެ ފަރާތުން ލިބިފައިވާ ކޯލުތައް، އަދި 1،559 ކޯލު ބޮޑެތިމީހުންގެ ފަރާތުން ލިބުނުއިރު، ކާކުކަން ނޭނގޭ ގޮތަށް 477 ކޯލު ލިބިފައިވޭ
- ސޯޝަލް ސާވިސް ހެލްޕްލައިން 1421 އަށް ޖުމުލަ 484 ކޯލު ލިބިފައިވޭ