ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އަނެއްކާވެސް އިތުރުވެެ، އޮކްޓޫބަރުގައި 100އިން މަތީގައި

ކުޑަކުއްޖެއް: ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިތުރުވެ، އޮކްޓޫބަރުގައި ހުރީ 100އިން މަތީގައި ---

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް މަހުން މަހަށް އިތުރުވަމުން އަންނަ ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ ޖޫން މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 86 މައްސަލަ ހުށަހެޅިއެވެ. އޭގެފަހުން، ޖުލައި މަހު 91 މައްސަލަ ހުށަހެޅިއިރު، އޮގަސްޓުގައި ވެސް ރިޕޯޓުކުރީ 91 މައްސަލައެވެ.

އެއަށް ފަހު ސެޕްޓެމްބަރުގައި ކުޑަ ދަށްވުމެއް އައެވެ. އެ މަހު ކުޑަކުދިންނަށް އަނިޔާކޮށްގެން ރިޕޯޓުކުރީ 88 މައްސަލައެވެ.

އެކަމަކު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް އޮކްޓޫބަރުގައި އިތުރުވެ، މައްސަލަތަކުގެ އަދަދު 109އަށް ވަނީ އަރާފައެވެ. އެއީ، 62 އަންހެން ކުދިންނާއި 47 ފިރިހެން ކުދިންނަށް ލިބުނު އަނިޔާއެވެ.

އެ މަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން، އެ ބާވަތުގެ 27 މައްސަލައެއް ވަނީ ރިޕޯޓްކުރެވިފައެވެ. އޭގެތެރޭގައި، ހިމެނެނީ ނުވަ ފިރިހެން ކުދިންނާއި 18 އަންހެން ކުދިންގެ މައްސަލައެވެ.

ކުޑަކުއްޖަކަށް ގޯނާ ކުރަން އުޅޭކަން ދައްކުވައިދޭ ޕޯސްޓަރެއް --

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 24 މައްސަލައެއް ވަނީ ރިޕޯޓްކުރެވިފައެވެ.

މީގެއިތުރުން، ޖިސްމާނީ ހާނިއްކައިގެ 19 މައްސަލައާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައާއި ނަފްސާނީ ގޮތުން އިހުމާލުވުމުގެ ނުވަ މައްސަލައާއި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފަސް މައްސަލައާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ހަތަރު މައްސަލަ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

އެއާއެކު، ބްލެކްމެއިލް ކުރުމުގެ ތިން މައްސަލައާއި ކުޑަކުދިންގެ ބަދުއަޚްލާގީ އަމަލު ހިންގާ ވީޑިއޯތަކާއި ގުޅޭ ދެ މައްސަލައާއި ކުޑަކުދިން "ގްރޫމް" ކުރުމުގެ މައްސަލައަކާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާތައް ކުރުމުގެ މައްސަލަތަކަކީ ދިވެހި މުޖުތަމައުގައި ޒަމާންތަކެއް ވަންދެން ހައްލު ނުލިބި އޮތް މައްސަލައެކެވެ. އޭގެ ތެރެއިން ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މިނިސްޓްރީއަށް ހުށަހަޅާ މިންވަރު އިތުރުކަމަށް ހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް