ރައީސްގެ އަމާޒަކީ 'ކޮރަޕްޝަން ފްރީ' ރާއްޖެއެއް: ޝުޖާ

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއާއި ރައީސް މުއިއްޒު: އޭނާ ވިދާޅުވީ ރައީސް ބޭނުންފުޅީ ކޮރަޕްޝަން ފްރީ ރާއްޖެއެއް ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ "ކޮރަޕްޝަން ފްރީ" ދިވެހިރާއްޖެއެއް ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު (ޝުޖާ) ރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުގައި ފެނަކައިގެ ތެރެއިން ހިންގާފައިވާ ބޮޑެތި ގޯސްތަކެއް ފާހަގަކޮށް، އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ޚާއްސަ ރިޕޯޓާ އެކު ގިނަ ބަޔަކު އަންނަނީ އޭރުގެ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެ ވައްކަމާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރުކަން ކުރައްވާ ޝުޖާ ވިދާޅުވީ، މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހުރި ހެޔޮ ބަދަލުތައް ރައީސް މުއިއްޒު އިއުލާނުކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެސެޓް ރިކަވަރީ ގާނޫނެއް ހަދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިކަން ޝުޖާ ފާހަގަކުރެއްވިއެވެ.

"ކޮރަޕްޝަން ފްރީ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހިންގުމަށްޓަކައި އެ މަނިކުފާނުގެ ތަސައްވުރު ވަރަށް ފުޅާ އޭންގަލްއެއްގައި ދިވެހި ރައްޔިތުންނަށް އެ ވިދާޅުވަމުން ގެންދަވަނީ،" އޭނާ ވިދާޅުވިއެވެ.

https://sun.mv/211922

ޝުޖާ ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތައް ބެލި ނަމަވެސް މި ވީހާތަނަށް އެ ގޮތަށް ގެއްލޭ ފައިސާ އަނބުރާ ނުހޯދޭ ކަމަށެވެ. އެހެންވެ، މި ސަރުކާރުން ހަދާނެ ކަމަށް އިއުލާނުކުރި އެސެޓް ރިކަވަރީ ގާނޫނުން އެ މައްސަލައަށް ހައްލު ހޯދައިދީ، ތަފާތު ދައްކާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅުކުރައްވާ ގޮތުގައި ރައްޔިތުންގެ ފައިސާ ރިކަވާކުރެވޭނެ މެކޭނިޒަމެއް އޮންނަންޖެހޭނެ ގާނޫނީ ނިޒާމުގެ ތެރެއިން.. އެ ތަފާތު އިރާދަފުޅުކުރެއްވިއްޔާ ފެނިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޝުޖާ ވިދާޅުވީ މިދިޔަ އެމްޑީޕީ ވެރިކަމުގައި ފެނަކަ ބޭނުންކޮށްފައިވަނީ "މަނީ މޭކިން މެޝިނެއް"ގެ ގޮތުގައި ކަމަށެވެ. އެ ކުންފުނި ބޭނުންކޮށްގެން ދީފައިވާ މާލީ ގެއްލުމަކީ ފާއިތުވި 100 އަހަރު ތެރޭގައި ވެސް ނުލިބޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/209429

ކޮރަޕްޝަނާ ދެކޮޅަށް ޝުޖާ ވާހަކަދައްކަވާފައިވާއިރު، ފާހަގަކޮށްލެވޭ ގޮތުގައި އޭނާއާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ތައްޔާރުކުރި ފައިނޭންޝަލް އިންޓެލިޖެންސް (އެފްއައިޔޫ) ރިޕޯޓެއް ވެސް މި ފަހުން ލީކްކޮށްލާފައިވެއެވެ. އެ ރިޕޯޓުގައި ވަނީ ވަނީ ނޮވެންބަރު އެކެއް، 2023 އިން ފެށިގެން ޖަނަވަރީ 10، 2024ގެ ނިޔަލަށް ހިނގާފައިވާ މުއާމަލާތްތަކެކެވެ.

އެ ގޮތުން، ނޮވެންބަރު 17، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތާ ބެހޭ މުއާމަލާތް ވެސް ހިމެނެއެވެ. އެ ރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ މަޖިލީހުގެ އިދާރާއިންނެވެ. ލީކުވެފައިވާ ރިޕޯޓުގައި ވާގޮތުން މަޖިލީހުން ސިވެކްއާ އެ މަސައްކަތް ހަވާލުކުރީ 23 މިލިއަން ރުފިޔާއަށެވެ. އޭގެ ތެރެއިން 19 މިލިއަން ރުފިޔާ ވަނީ ތިން ކުންފުންޏަކަށް ޖަމާކޮށްފައެވެ. އެއީ:

  • ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސްއަށް 13 މިލިއަން ރުފިޔާ
  • ޑީޖީ ހޯލްޑިންސްއަށް ހަތަރު މިލިއަން ރުފިޔާ
  • ޝުޖާއުގެ ދެބެއިންގެ ދެދަރި ކޮއްކޮ މުހައްމަދު ނާފިޒްގެ ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ

https://sun.mv/209466

ރިޕޯޓުގައި ވާގޮތުން އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން އަށް މިލިއަން ރުފިޔާ ޚަރަދުކުރީ އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ޝުޖާއާއި ދައުލަތުގެ މީޑިއާގެ ބޯޑް މެންބަރެއް ކަމަށްވާ އަހުމަދު އަދުހަމަށް ރެއިންބޯއިން ދެ ލަގްޒަރީ އެޕާޓްމަންޓް ގަންނާށެވެ. އެއީ، ޖުމުލަ 20 މިލިއަން ރުފިޔާގެ އެޕާޓްމަންޓްތަކެއް ކަމަށް ރިޕޯޓުގައިވެއެވެ.

އެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. އެކަމަކު، އެ މުއާމަލާތްތަކުގައި އެއްވެސް ޚިޔާނާތެއް ނޯންނާނެ ކަމަށް ވިދާޅުވެ، ތުހުމަތުތައް ޝުޖާ ވަނީ ދޮގުކުރައްވާފައެވެ. އެހެންވިޔަސް މާލިއްޔަތު ކޮމިޓީ ހިމެނޭހެން މަޖިލީހުގެ ބައެއް ކޮމިޓީތަކުން އޭނާ ވަނީ ބަދަލުކޮށްފައެވެ.

https://sun.mv/211862

ފެނަކައާ ގުޅޭ ޚާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ބައެއް ކަންކަން:

  • ތިން އަހަރު ތެރޭ ބީލަމަށް ނުލައި 1.4 ބިލިއަން ރުފިޔާ ޚަރަދުކުރުން
  • 2 މިލިއަން ރުފިޔާއަށް ލިބެން އޮތް ބޭނުންކޮށްފައިވާ ޖަނަރޭޓަރުތަކެއް އާ ޖަނަރޭޓަރުގެ ގޮތުގައި 17 މިލިއަނަށް ގަތުން
  • ބައެއް ކުންފުނިތަކަށް މަސައްކަތް ހަވާލުނުކުރަނީސް ފެނަކައިގެ ނަމުގައި މުދާ ގެނެސްފައި ހުރުން
  • އުޅަނދެއް ނެތް ބަޔަކަށް މުދާ އުފުލަން 105 މިލިއަން ރުފިޔާ ޚަރަދުކުރުން
  • އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ އާއިލީ ކުންފުނިތަކަކަށް މަސައްކަތް ހަވާލުކޮށްފައިވުން
  • ސިޔާސީ ގޮތުން އެމްޑީޕީއާ ގުޅުން އޮތް ކުންފުނިތަކަށް ބިޑްކުރުމަކާ ނުލައި ގިނަ މަޝްރޫއުތަކެއް ދިނުން

https://sun.mv/211841

އެހެންވިޔަސް ސައީދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އޮޑިޓް ރިޕޯޓު ގޯސް ކަމަށާއި ހުރިހާ ކަމެއް ވެސް ކޮށްފައިވާނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދަރަނި ބޮޑުވެ، ނުހިންގޭވަރުވެފައި އޮތް ފެނަކައަކީ ޒަމާނުއްސުރެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އަމާޒުވެފައި އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެ، ދައުލަތަށް ބޮޑު މާލީ ބުރައަކަށް ވަނީ ވެފައެވެ.

comment ކޮމެންޓް