ގަވާއިދާ ޚިލާފަށް ފުލެޓު ލިސްޓަށް މީހަކު އިތުރެއް ނުކުރަން، އެ ފުރުސަތެއް ވެސް ނޯންނާނެ: މުއްތަލިބު

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް: ވިދާޅުވީ އުސޫލުން ބޭރުން ލިސްޓަށް އެއްވެސް މީހަކު އިތުރުކޮށްފައިނުވާނެ ކަމަށާއި އެފަދަ ފުރުސަތެއްވެސް ނޯންނާނެ ކަމަށް -- ފޮޓޯ/ ހައުސިން މިނިސްޓްރީ

މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން 350 އެއްހާ ފުލެޓު، ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ކަމަށް ބުނާ ބަޔަކު ވިއްކަން އުޅޭ ކަމަށް ފަހި ޔޫނިއަނުން ކުރި ތުހުމަތުތައް އެ މިނިސްޓްރީން ދޮގުކޮށްފިއެވެ.

ފަހި ޔޫނިއަންގެ ތުހުމަތުތަކާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުމުން އެ މިނިސްޓްރީން މިއަދު ބުނީ، އެފަދަ އެއްވެސް ކަމެއް މިނިސްޓްރީގެ ތެރެއިން ނުކުރާ ކަމަށެވެ.

މިކަމާ ގުޅިގެން 'އެކްސް'ގައި ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ލިޔުއްވި ގޮތުގައި، ގެޒެޓުގައިވާ ލިސްޓާއި މިނިސްޓްރީގެ އިއުލާނާ ޚިލާފަށް އެއްވެސް ފަރާތެއް ލިސްޓަށް އިތުރުކޮށްފައިނުވާނެއެވެ. އަދި، ލިސްޓަށް އާ ބަޔަކު އިތުރުކުރުމުގެ ފުރުސަތު ވެސް ނޯންނާނެ ކަމަށް މުއްތަލިބު ލިޔުއްވާފައިވެއެވެ.

"15 ނޮވެންބަރު 2023 ގައި އިއުލާންކުރެވުނު ލިސްޓަކީ ފައިނަލް ލިސްޓް. އަމަލުކުރެވޭނީ އެ ލިސްޓާ އެކު ކުރެވުނު އިއުލާނުގައިވާ ގޮތަށް. ލިސްޓުން އުނިވާނީ ޝަރުތު ހަމަނުވާކަން ޔަގީންކުރެވޭ ފަރާތްތައް އެކަނި،" މިނިސްޓަރު ލިޔުއްވި ޕޯސްޓުގައިވެއެވެ.

https://sun.mv/211815

މިދިޔަ ބުރާސްފަތި ދުވަހު ފަހި ޔޫނިއަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔޫނިއަންގެ ފަރާތުން ގާނޫނީ ވަކީލު އަލީ ހުސައިން ވަނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން 350 ފުލެޓު ވިއްކާލެވެން އޮތް ކަމަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކަމުގައި ބުނެ، ބައެއް ފަރާތްތަކުން ފުލެޓު ގަންނާނެ މީހުން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެކަން ކުރުމަށްޓަކައި އެ މިނިސްޓްރީގެ ޕޯޓަލްގެ އެކްސެސް ރައީސް އޮފީހުގެ ދެ މުވައްޒަފަކަށް ދީފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.

އެގޮތުން، ފުލެޓުތައް ވިއްކަންދާ ފަރާތްތަކުން، 250،000 ރުފިޔާއަށް ފުލެޓެއް ވިއްކާކަމަށް ބުނާ ކަމަށާއި، އެތަނުން އެއް ލައްކަ ރުފިޔާ ދިނުމުން ފުލެޓު ލިސްޓުގައި ނަން ހިމަނައި، ފުލެޓު ލިބޭކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އަނެއް ދޮޅުލައްކަ ރުފިޔާ ދައްކަންޖެހޭނެ ކަމަށް ބުނަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/211810

ފާހަގަކުރެވޭ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން 3,000 ފުލެޓުގެ ވެރިފަރާތާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ކަމަށް، އެ މަސައްކަތްކުރާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ބުނެއެވެ. މި 4000 ފުލެޓުގެ ތެރެއިން ފުރަތަމަ ހަވާލުކުރަން ނިންމާފައިވަނީ އަމާން އުދަރެސްގެ ޓަވަރު 14ގެ ފުލެޓުތަކެވެ.

އެފްޑީސީން މީގެ ކުރިން ވަނީ ފުލެޓުތައް ހަވާލުކުރާނީ އެ ފައިސާ ދެއްކުމުން ކަމަށް ބުނެފައެވެ.

ކުރީ ސަރުކާރުން ރިޔާސީ އިންތިޚާބުގެ ތެރޭގައި ގެދޮރުވެރިޔާ ފުލެޓުތައް ލިބޭ މީހުން އިއުލާންކުރި ފަހުން، އެ ލިސްޓުގައި މައްސަލަތައް އުޅޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުންޏެވެ. މި ސަރުކާރުން އައިސް، އެ މައްސަލަ ބަލައި، އެއް އަހަރަށް ވުރެ ގިނަ ދުވަސް ފަހު އައު ލިސްޓެއް މި އަހަރު ނެރުނެވެ.

އެ ލިސްޓަށް ފާޑުކިޔުން އަމާޒުވި ފަހުން ހައުސިން މިނިސްޓްރީން ވަނީ ފުލެޓް ދޭނީ ކުރީގެ ލިސްޓަށް ކަމަށް ބުނެފައެވެ.

comment ކޮމެންޓް