މިދިޔަ އެމްޑީޕީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓު ލިބޭ މީހުންގެ ތެރެއިން މިހާތަނަށް 62 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދިން މައުލޫމާތުގައި ބުނީ، 62 މީހަކާ މިހާތަނަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށާއި އެންމެ ފުރަތަމަ ހަވާލުކުރަމުން އަންނަނީ އެ މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން އަމާން އުދަރެހުގެ 14ވަނަ ޓަވަރުގެ ފުލެޓުތައް ކަމަށެވެ.
އަންނަ އަހަރު ފެށުމުގެ ކުރިން ފުލެޓުވެރިންނަށް ތަޅުދަނޑި ހަވާލުކޮށް ނިންމަން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ. މިހާތަނަށް 3،100އަށް ވުރެ ގިނަ މީހުންނާއެކު ފުލެޓު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި، ހާހެއްހާ މީހުން ޑިޕޮސިޓް ދައްކާފައިވާ ކަމަށް ވެސް އެފްޑީސީން ބުނެފައިވެއެވެ.
ފުލެޓުތައް ހަވާލުކުރާއިރު އެ ތަންތަނުގައި މީހުން ދިރިއުޅެން ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ, ފެނާއި ނަރުދާމާގެ އިތުރުން ކަރަންޓްގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށް އެފްޑީސީން މީގެ ކުރިން ބުންޏެވެ. ނަމަވެސް، ފުލެޓުތަކަށް މީހުންނަށް ވަދެވޭނެ ސީދާ ދުވަހެއް އެފްޑީސީން އަދި ހާމަ ނުކުރެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން 350 އެއްހައި ފްލެޓް، ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ކަމަށް ބުނާ ބަޔަކު އެކި މީސްމީހުންނަށް ގުޅައިގެން ވިއްކުމަށް މަސައްކަތްކުރަމުން އަންނަކަމަށް، ފްލެޓްވެރިންގެ ހައްގުގައި ވަކާލާތުކުރާ ފަހި ޔޫނިއަނުން ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް އެ ތުހުމަތުތައް މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް 4،000 ފުލެޓު ހައްގުވާ މީހުންގެ ލިސްޓު ނެރުނު އިރު ވެސް އޭސީސީން ވަނީ އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވައިފައެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ލިސްޓު މުރާޖާކުރުމަށް ފަހު، އައު ލިސްޓު ނެރުނީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން މިދިޔަ ފެބްރުވަރީ މަހެވެ.