ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބި ގުރުއަތު ނެގުމުން އުނިވި މީހުންގެ ގުރު މާދަމާ ނެގުމަށް ހައުސިން މިނިސްޓްރީން މިއަދު ނިންމައިފިއެވެ.
ގެދޮރުވެރިޔާ ސްކީމުން 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގައި، 75 މާކްސް ލިބުނު 315 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެ މީހުންނަށް ފްލެޓް ދީފައިވާކަން ފާހަގަކުރެވިފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
އެހެންވެ، ހައުސިން މިނިސްޓްރީން ނިންމީ 76 ޕޮއިންޓް ލިބި ގުރުއަތުން ބާކީވި މީހުންގެ ގުރު އަލުން ނަގައި، ފުލެޓު ދިނުމަށެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ކަނޑައެޅުމަށް ނޮވެންބަރު 16، 2023ގައި ކުރިއަށް ގެންދިޔަ ގުރުއަތުގައި ފުލެޓު ލިބުމަށް ޝަރުތު ހަމަވެ، ގުރުނެގިފައިނުވާ މީހުންގެ ގުރު ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެފްޑީސީން އަޅާ ފުލެޓުތައް: 73އަށްވުރެ މަތިން މާކްސް ލިބި، ފުލެޓު ނުލިބި ތިބި މީހުންގެ ގުރުއަތު މާދަމާ ނަގަނީ -- ސަން ފޮޓޯ/ މާނިއު މުހައްމަދު
އެއީ، 73 އިން ފެށިގެން މަތިން މާކްސް ލިބި، ދެ ކޮޓަރީގެ ފުލެޓު ކަނޑައެޅުމަށް ގުރުއަތު ނަގާފައިނުވާ މީހުންނާއި 76އަށް ވުރެ މަތިން މާކްސް ލިބި ތިން ކޮޓަރީގެ ފުލެޓު ކަނޑައަޅުމަށް ގުރުނަގާފައިނުވާ މީހުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެމީހުންގެ ތެރޭގައި، ދެމަފިރިންނަށް ވަކިން ފުލެޓު ލިބޭ ހާލަތުގައި، ދެމަފިރިންގެ ތެރެއިން އެކަކު ފުލެޓު ދޫކޮށްލުމަށް ފަހު، ފުލެޓު ލިބޭކަން އެނގި ގުރުއަތު ނަގާފައިނުވާ މީހުން ވެސް ހިމެނޭނެ ކަމަށް އިއުލާނުގައިވެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ގުރު ނެގުން އޮންނާނީ މާދަމާގެ 15:00އިން ފެށިގެން އެ މިނިސްޓްރީގައެވެ. ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދަނީ މިނިސްޓްރީގެ މުވައްޒަފުން ކަމަށްވާއިރު، ގުރު ނެގުމުން އެމީހަކަށް ލިބޭ ފުލެޓު ނަމްބަރު ގެދޮރުވެރިންގެ ޕޯޓަލް މެދުވެރިކޮށް ފެންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓު ނެރުނީ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ނޮވެމްބަރު 4، 2023ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ.
އެއަށް ފަހު، މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު ބެލުމަށްފަހު މިދިޔަ ފެބްރުވަރީ މަހު އިއުލާންކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ. އަދި މި ސަރުކާރުން ވެސް ލިސްޓެއް ނެރުނު ނަމަވެސް، ފަހުން ވަނީ ފުލެޓުތައް ދޭނީ ކުރީ ސަރުކާރުގެ ފުލެޓް ލިސްޓަށް ކަމަށް ބުނެފައެވެ.