ރިސޯޓުތަކާ ގުޅުންހުރި އެކި މަޝްރޫއުތަކަށް 550 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލޯނުގެ ގޮތުގައި ގައުމީ ބޭންކް ބީއެމްއެލުން ދޫކޮށްފައިވާ ކަމަށް، އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.
"އެކްސްޕީރިއެންސް މޯލްޑިވްސް"ގެ ނަމުގައި ފެށި ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، މިހާތަނަށް ބޭންކުން ދޫކުރި ލޯނު 23 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި އެމެކްސްގެ ގްލޯބަލް ނެޓްވޯކް ސާވިސަސް، އޭޝިއާ އެންޑް ސައުތު ޕެސިފިކް ގްރޯތު މާކެޓްތަކުގެ ނައިބު ރައީސް އަދި ޖެނެރަލް މެނޭޖަރު ދިވްޔާ ޖެއިން، "އެކްސްޕީރިއެންސް މޯލްޑިވްސް" ކެމްޕެއިން ފައްޓަވައިދެއްވަނީ -- ފޮޓޯ: ބީއެމްއެލް
"އަޅުގަނޑުމެންގެ ޖުމްލަ އެސެޓް 52 ބިލިއަން ރުފިޔާއަށް އަރާ، އެއީ ރާއްޖޭގެ މުޅި ބޭންކިން ސެކްޓަރުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދެއް، ޑިޕޮސިޓްތައް 34 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެއްޖެ، އެއީ މުޅި ބޭންކިން ސެކްޓަރުގައި 52 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް،"
"ދޫކުރި ލޯނުތަކުގެ އަދަދު 23 ބިލިއަން ރުފިޔާއަށް އަރާ، އެއީ ރާއްޖޭގެ ބޭންކްތަކުން ދޫކުރި ލޯނުތަކުގެ 52 ޕަސެންޓު،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ރިސޯޓުތަކުގެ އެކި މަޝްރޫއުތަކަށް ބީއެމްއެލުން 550 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި އާ ރިސޯޓުތައް ތަރައްގީކުރުމަށް ދޫކުރި ލޯނާއި ތިމާވެއްޓާ ބެހޭ އެކި މަޝްރޫއުތަކަށް ދޫކުރި ލޯނު ވެސް ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން، ބީއެމްއެލްގެ ޚިދުމަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، މިއަދު 99.7 ޕަސެންޓު މުއާމަލާތްތައް ހިނގަނީ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ކަމަށާއި، ކަސްޓަމަރުން އެ ބޭންކުގެ މޮބައިލް އެޕް އެވަރެޖްކޮށް މިލިއަނަކަށް ވުރެ ގިނަ ފަހަރު ބޭނުންކުރާ ކަމަށެވެ.
ހަމަ އެއާއެކު، މި މަސް ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމާއި ސެލްފް ސާވިސް ސެންޓަރުތައް ހުންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ޝަރީފް ވިދާޅުވީ، ކުރިއަށް ވުރެ ޑިޖިޓަލް އަދި ކުރިއަރާފައިވާ ތަނަކަށް ބީއެމްއެލް ހެދުމުގެ އަމާޒު ސާފުކޮށް ފެންނަ ކަމަށާއި، ބޭންކުގެ ޚިދުމަތްތައް ރަނގަޅުވެ، ކުރިއަރަމުން އަންނަ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މި އޮތް މަޤާމުގެ ސަބަބުން އަޅުގަނޑުމެންގެ ގައުމުގެ އިގްތިސޯދީ ކުރިއެރުމުގެ މައި ތަނބެއްގެ ގޮތުގައި ދެމިއޮތުމުގެ ފުރުސަތު އެބައޮތް،" ޝަރީފް ވިދާޅުވިއެވެ.