އެޕަލްގެ އައިފޯން ފޯލްޑް[ފަށްޖަހާލެވޭ އައިފޯން]، އަންނަ އަހަރު ނެރޭއިރު، މިހާރުގެ އައިފޯން އެއާއަށްވުރެ މާބޮޑަށް ތުނި ވެދާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.
މިހާރު އެންމެ ތުނި އައިފޯނަކީ މި ފަހުން ނެރުނު އައިފޯން އެއާ ކަމަށްވިޔަސް، މި މަގާމު ގިނަ ދުވަހަކު ދެމިއެއް ނޯންނާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
9ޓު5ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އައިފޯން ފޯލްޑް ހުޅުވާލުމުން އައިފޯން އެއާ އަށްވުރެ 20 ޕަސެންޓް ތުނިވާނެއެވެ. އެޕަލްގެ ފުރަތަމަ ފޯލްޑަބަލް މޮޑެލްގެ ގޮތުގައި 2026 ވަނަ އަހަރުގެ ފަހުކޮޅު ނެރެން ހަމަޖެހިފައިވާ މި ފޯނަކީ އެޕަލް މިހާތަނަށް ނެރެފައިވާ އައިފޯންތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ގެނެވޭނެ ފޯނު ކަމަށް ވެސް ބެލެވެއެވެ.
އައިފޯން އެއާ ގެ ތުނިކަމަކީ 5.6 މިލިމީޓަރެވެ. ނަމަވެސް، އައިފޯން ފޯލްޑް ހުޅުވާލުމުން އޭގެ ތުނިކަން ހުންނާނީ 4.5-4.8 މިލިމީޓަރާ ދެމެދުގައެވެ. އަދި ފޯލްޑްކޮށްފައި ހުންނައިރު އޭގެ ތުނިކަން 9-9.5 މިލިމީޓަރު ވާނެއެވެ.
މި މައުލޫމާތު ހާމަކޮށްފައިވަނީ މަޝްހޫރު އެނަލިސްޓް މިނގް ޗީ-ކުއޯ އެވެ. އޭނާގެ ލަފާކުންތަކަށް ބަލާއިރު، އައިފޯން ފޯލްޑް ހުޅުވާލުމުން އައިފޯން އެއާ އަށްވުރެ ގާތްގަނޑަކަށް އެއް މިލިމީޓަރު ތުނިވާނެއެވެ. މިއީ މިހާރުވެސް ވަރަށް ތުނި އައިފޯން އެއާ އަށްވުރެ 20 ޕަސެންޓް ތުނިވުމެކެވެ.

މިހާރުގެ އެހެން އައިފޯން މޮޑެލްތަކާ އަޅާބަލާއިރު، އައިފޯން 17 ގެ ތުނިކަމަކީ 7.95 މިލިމީޓަރެވެ. އަދި އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސްގެ ތުނިކަމަކީ 8.75 މިލިމީޓަރެވެ.
އައިފޯން ފޯލްޑް ލައްޕާލައިފައި އޮންނައިރު، އައިފޯން 17 ޕްރޯ މޮޑެލްތަކާ އެއްވަރަށް ތުނިވާނެ ކަމަށް ވެސް ލަފާކުރެވެއެވެ. މާނައަކީ، ޖީބުގައި ބާއްވާއިރު މިހާރުގެ ޕްރޯ މޮޑެލްތަކާ އެއްގޮތް އިހުސާސެއް ލިބި، ހުޅުވާލުމުން ހައިރާންވާފަދަ ތުނިކަމެއް ލިބިގެންދާނެއެވެ.
އެޕަލްއިން ފޯލްޑަބަލް ފޯނެއް ނެރުމުގެ ވާހަކަ ދެކެވޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ސެމްސަން ފަދަ ކުންފުނިތަކުން މިހާރުވެސް ގިނަ އަދަދެއްގެ ފޯލްޑަބަލް ފޯނުތައް ބާޒާރަށް ނެރެފައިވާއިރު، އެޕަލް މި ދާއިރާއަށް ވަނުމަށް މަޑުކޮށްފައި އޮތީ އެންމެ ފުރިހަމަ އުފެއްދުމެއް ނެރުމަށް ކަމަށް ބެލެވެއެވެ.
އައިފޯން ފޯލްޑްއަކީ އެޕަލްގެ ޑިޒައިން ފަލްސަފާއަށް ބޮޑު ބަދަލެއް ގެނެސްދޭނެ ފޯނެއް ކަމަށް ލަފާކުރެވޭއިރު، މިފަދަ ތުނި، ފަސޭހައިން އަތްމަތީގައި ބޭނުންކުރެވޭ ފޯނެއް ނެރުމަކީ އެޕަލްގެ އާ އުފެއްދުންތަކަށް އޮންނަ އުންމީދު އިތުރުކޮށްދޭނެ ކަމެކެވެ.