ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން ބީއެމްއެލާއި އެމެކްސްއިން ކެމްޕެއިނެއް ފަށައިފި

ގައުމީ ބޭންކް ބީއެމްއެލާއި ޑެބިޓާއި ކްރެޑިޓް ކާޑުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދޭ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ގުޅިގެން އެ ކާޑު މެންބަރުންނަށް ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމުގެ ގޮތުން ކެމްޕެއިނެއް ފަށައިފިއެވެ.

"އެކްސްޕީރިއެންސް މޯލްޑިވްސް"ގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމަށް ޓަކައި ފެށި މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ ނަސަންދުރާ ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ޑިރެކްޓާ އެންޑް ހެޑް ގްލޯބަލްނެޓްވޯކް ސާވިސަސް، ސައުތު އޭޝިއާ އެންޑް ފްރެންޗް ޓެރިޓަރީސް، ކުރުޝް ދަސްތޫރެވެ.

ފާހަގަކުރެވޭ ގޮތުގައި، ހަތަރުވަނަ ފަހަރަށް ކުރިއަށް ގެންދާ މި ކެމްޕެއިން ފެށީ މިއަދު ބައިނަލްއަގުވާމީ ގޮތެއްގައި ފާހަގަކުރާ ފަތުރުވެރިންގެ ދުވަހާ ދިމާކޮށެވެ.

ބީއެމްއެލުން ބުނީ، މި ކެމްޕެއިނަކީ ޓޫރިޒަމް މިނިސްޓްރީއާއި މަޓީއާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އިތުރުން، ބޯޓިން އެސޯސިއޭޝަނުން އެންޑޯޒްކޮށްފައިވާ ކެމްޕެއިނެއް ކަމަށެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މި ކެމްޕެއިންގެ ދަށުން އެމެކްސް ކާޑުގެ މެންބަރުންނަށް އެކި ރިސޯޓުތަކާއި ލިވްއަބޯޑުތަކާއި މާޗަންޓުތަކުން ޚާއްސަ އޮފާތަކެއް ލިބޭނެއެވެ. އަދި ސްޕާ ޓްރީޓްމަންޓާއި ބީޗް ޑައިނިންގެ އިތުރުން މޫދު ކުޅިވަރު ހަރަކާތްތަކާއި ފްލޯޓިން ބްރޭކްފާސްޓާއި ރޫމް އަޕްގްރޭޑް ފަދަ ތަޖުރިބާތައް ވެސް ފަސޭހަކަމާއެކު ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

"އެކްސްޕީރިއެންސް މޯލްޑިވްސް" ކެމްޕެއިން ފެށުމުގެ ހަފްލާ ތެރެއިން -- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

މިކަމާ ގުޅިގެން ޝަރީފް ވިދާޅުވީ، އެކްސްޕީރިއެންސް މޯލްޑިވްސް ކެމްޕެއިންގެ ސަބަބުން ރާއްޖެ އަންނަ އެމެކްސް ކާޑު މެންބަރުންނަށް ޚާއްސަ އޮފާތަކަކާއެކު ރާއްޖޭގެ ހިތްގައިމު މަންޒިލުތަކާއި ސަގާފަތް ތަޖުރިބާކޮށްލުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށެވެ.

"އަދި މި ކެމްޕެއިންގެ ސަބަބުން ލަގްޒަރީ ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ވަރުގަދަވެގެންދާނެ. އަދި ހަމައެހެންމެ މި ކެމްޕޭނުގައި ބައިވެރިވާ މާޗަންޓުންނާއެކު، ރާއްޖެއަކީ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި މާކެޓްކުރެވިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

"އެކްސްޕީރިއެންސް މޯލްޑިވްސް" ކެމްޕެއިން ފެށުމުގެ ހަފްލާ ތެރެއިން -- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

މިއީ ބީއެމްއެލާއި އެމެކްސް ގުޅިގެން "އެކްސްޕީރިއެންސް މޯލްޑިވްސް"ގެ ނަމުގައި މި ކެމްޕެއިން ބާއްވާ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން 2017ވަނަ އަހަރާއި 2019ވަނަ އަހަރާއި 2023ވަނަ އަހަރު ވެސް މި ކެމްޕެއިން ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ ކުރިން ހިންގި ކެމްޕެއިންތަކުގައި ވެސް އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޕްރީމިއަމް ޚިދުމަތްތަކާއި އެކްސްކްލޫޒިވް ރޭޓުތަކާއި ދަތުރު އިތުރަށް ފުރިހަމަ ކުރުމަށް ކޮމްޕްލިމެންޓަރީ ޚިދުމަތްތައް ވެސް ފޯރުކޮށްދީފައިވާ ކަމަށް، ބީއެމްއެލުން މައުލޫމާތުދެއެވެ.

comment ކޮމެންޓް