އެޕަލްއިން ޗެޓްޖީޕީޓީއާ އެއްފަދަ އެޕެއް ތަރައްގީކޮށްފި

ސިރީގެ އައު ވާޝަން އައިއޯއެސް 18 އާއި އެކު ނެރެން ނިންމި ނަމަވެސް އެނިންމުންވަނީ އެޕަލްއިން ބަދަލުކޮށްފައި ---

އެޕަލްއިން އަންނަ ޖީލުގެ ސިރީ ތަރައްގީ ކުރުމަށް ޗެޓްޖީޕީޓީއާ އެއްފަދަ އެޕްލިކޭޝަނެއް އުފައްދާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

"ވެރިޓާސް"ގެ ނަމުގައި ކޯޑް ނަމެއް ދީފައިވާ މި އެޕްލިކޭޝަން އަދި ބޭނުންކުރަނީ އެޕަލްގެ އޭއައި ޑިވިޝަންގެ އެތެރޭގައި އެކަނި ކަމަށް ވެއެވެ.

މި އެޕްލިކޭޝަންގެ މައިގަނޑު މަޤްސަދަކީ އަންނަ ޖީލުގެ ސިރީގެ އޭއައި ފީޗާތައް އިތުރަށް ތަރައްޤީކޮށް، އެކުލެވޭ މައްސަލަތައް ހައްލުކުރުމެވެ.

މި އެޕްލިކޭޝަން ބޭނުންކޮށްގެން އެޕަލްގެ އިންޖިނިއަރުންނަށް އިރުޝާދު ދިނުމުގެ އުކުޅުތަކާއި، ޖަވާބު އުފެއްދުމުގެ ގާބިލުކަމާއި، އަދި ގޯސްތައް މެނޭޖްކުރުމުގެ ވިސްނުން ފަދަ ކަންކަން ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ.

ބްލޫމްބާގް ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، "ވެރިޓާސް" އަކީ ލެޓިން ބަހުން "ސަޗްޗާ" ނުވަތަ "ހަގީގަތް" މި މާނަ ދޭހަވާ އެއްޗެކެވެ. މި އެޕްލިކޭޝަން ބާޒާރަށް ނެރުމުގެ އެއްވެސް ޕްލޭނެއް އެޕަލްއިން ނުގެންގުޅޭކަމަށް ވެއެވެ. މިއީ ހަމައެކަނި އެޕަލްގެ އޭއައި ޑިވިޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ޚާއްސަކޮށްފައިވާ އެޕެކެވެ.

މި އެޕްލިކޭޝަންގައި އެހެން ޗެޓްބޮޓްތަކާ އެއްފަދަ ގޮތަކަށް ގިނަ ޗެޓްތައް މެނޭޖްކުރުމާއި، ސުވާލުތަކަށް ފޮލޯއަޕް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. ސިރީގެ އާ ޖީލަށް ބާރުދޭ "ލިންވުޑް" ކޯޑްނޭމް ދީފައިވާ ސިސްޓަމް ތަޖުރިބާކުރުމަށް ވެސް މި އެޕްލިކޭޝަން ބޭނުންކުރެއެވެ.

މި ސޮފްޓްވެއާ ބިނާވެފައިވަނީ ލާޖް ލެންގުއޭޖް މޮޑެލްތަކުގެ މައްޗަށެވެ. އެޕަލްގެ އަމިއްލަ ފައުންޑޭޝަން މޮޑެލްސް ޓީމުގެ މަސައްކަތްތަކާއި، ތިންވަނަ ފަރާތެއްގެ މޮޑެލްތައް ވެސް މިކަމުގައި ބޭނުންކޮށްފައިވެއެވެ.

އާ ސިރީ 2026 ވަނަ އަހަރުގެ ކުރީކޮޅު ތަޢާރަފުކުރުމަށް އެޕަލް އިން ރާވާފައިވެއެވެ. ކުރިން އައިއޯއެސް 18 އާއެކު ތަޢާރަފުކުރުމަށް ރާވާފައިވީ ނަމަވެސް، ބައެއް މައްސަލަތަކާ ހެދި މިކަން ފަސްކުރެވުނެވެ.

މީގެ އިތުރުން، އެޕަލް އިން އޭއައި ބޭނުންކޮށްގެން ސްމާޓް ހޯމް ޑިވައިސްތަކެއް ތަރައްޤީކުރުމާއި، މިހާރު ހުރި އުފެއްދުންތަކަށް އޭއައި ފީޗާސްތައް އިތުރުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭއައިގެ ދާއިރާގައި އެޕަލް އަށް ގޫގުލް އަދި ސެމްސަންގް ފަދަ ކުންފުނިތަކާ ވާދަކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. އެހެންކަމާއެކު އެޕަލް އިން ވަނީ އޯޕަންއޭއައި އަދި އެންތްރޮޕިކްގެ ކްލޯޑްއާ ވެސް މަޝްވަރާކޮށް، ގޫގުލްގެ ޖެމިނައިގެ ކަސްޓަމް ވާޝަންތައް އެޕަލްގެ ޑިވައިސްތަކުގައި ބޭނުންކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކޮށްފައެވެ.

comment ކޮމެންޓް