ތޫނު އެއްޗަކުން ކަރަށް ޒަޚަމް ލިބުނު 21 އަހަރުގެ އަންހެން މީހާގެ ހާލު ސްޓޭބަލް

ހުޅުމާލޭ ހޮސްޕިޓަލް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހުޅުމާލޭގައި މިއަދު ތޫނު އެއްޗަކުން ހަމަލާ ލިބުނު ޒުވާން އަންހެން މީހާގެ ހާލު ސްޓޭބަލް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ފުލުހަށް ލިބުނީ 12:45 ހާއިރެވެ.

އެ މާރާމާރީގައި އަނިޔާވެފައި ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ފިހާރައެއްގައި މަސައްކަތް ކުރަމުން ދިޔަ، އުމުރުން 21 އަހަރުގެ ނޭޕާލް އަންހެނަކަށް ކަމަށް ފުލުހުން ބުންޏެވެ. ތޫނު އެއްޗަކުން ދިން ހަމަލާ އަމާޒުކުރީ އަންހެން މީހާގެ ކަރަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާއަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ފުލުހުން ބުނި ގޮތުގައި އެ އަންހެން މީހާގެ ހާލު މިހާރު ރަނގަޅެވެ

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި މަހާއި މިދިޔަ މަހު ވެސް މިފަދަ ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ. އެގޮތުން، މީގެ ދެހަފުތާއެއް ކުރިން މާލޭ، މަޖީދީ މަގުގައި ވަނީ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފައެވެ. އޭގެކުރިން، މިދިޔަ މަހު ފަހުކޮޅު ސޯސަންމަގުގައި މީހަކަށް ހަމަލާދީ ޒަޚަމުކޮށްލިއެވެ.

comment ކޮމެންޓް