އުރީދޫގެ މުވައްޒަފުން ފަތުރުވެރިންނަށް މަރުހަބާކީ ހަދިޔާއާ އެކު، ސަގާފީ ހެދުމުގައި

އުރީދޫގެ މުވައްޒަފަކު ފަތުރުވެރިޔަކަށް ހަދިޔާ ޕެކެޓެއް އަރުވަނީ. އެ ޕެކެޓުގައި ހުރީ ހެދިކާ --- ފޮޓޯ: އުރީދޫ

ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އުރީދޫގެ މުވައްޒަފުން ފަތުރުވެރިންނާއެކު އެ ދުވަސް ފާހަގަކޮށްފިއެވެ.

އުރީދޫން ބުނީ، ސީދާ އެ ކުންފުނީގެ މުވައްޒަފުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންގެ ގާތަށް ގޮސް މަރުހަބާ ކިޔައި، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފަތުރުވެރިންނަށް ހަދިޔާ ދީފައިވާ ކަމަށެވެ.

މި ހަރަކާތުން ރަމްޒުކޮށްދެނީ ބޭރު ގައުމުތަކުން ބަލައިގެންފައިވާ ދިވެހީންގެ ހިތްހެޔޮކަމާއި އޯގާތެރިކަން ކަމަށް، އުރީދޫން ބުންޏެވެ. ހިތްހެޔޮކަމާއި އޯގާތެރިކަމަކީ ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮންނަ އާދައެއްކަން ފާހަގަކޮށް، އުރީދޫން ބުނީ، ބޭރުން އަންނަ ފަތުރުވެރިންނަށް ދައްކުވައިދޭން ބޭނުންވީ އެ މަންޒަރު ކަމަށެވެ.

އުރީދޫން ފަތުރުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖެއައި ފަތުރުވެރިއަކަށް ހެދިކާ ޕެކެޓެއް ދެނީ --- ފޮޓޯ: އުރީދޫ

ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ ކާމިޔާބީގެ 'ހިތު'ގެ ގޮތުގައި ސިފަކޮށް، އެ ކުންފުނިން ބުނީ، އެ ހުރިހާ ކަމެއް ހަގީގަތަކަށް ހަދައިދިން ފަރާތްތައް އަގުވަޒަންކުރަން ޖެހޭ ކަމަށެވެ.

މި ހަރަކާތަށް ފަތުރުވެރިންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބުނު ކަމަށް އުރީދޫން މައުލޫމާތުދެއެވެ.

ބައިނަލްއަގުވާމީ ފަތުރުވެރިންގެ ދުވަސް ފާހަގަކުރަން ފެށީ ސެޕްޓެމްބަރު 27، 1970 ގައެވެ. މި ދުވަސް ފާހަގަކުރަން ފެށީ ފަތުރުވެރިކަމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފެންވަރެއްގައި ފަތުރުވެރިކަމުގެ ސަބަބުން އިޖުތިމާއީ، ސަގާފީ، ސިޔާސީ، އަދި އިގްތިޞާދީ ގޮތުން ކުރާނެ ފައިދާއާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ.

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރާ މި 55ވަނަ އަހަރުގެ ޝިއާރަކީ "ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ބަދަލު"އެވެ.

comment ކޮމެންޓް