ޑޮލަރުގެ އަގު އުފުލިފައިވުމުން، ފުލެޓުތަކުގެ ޑައުންޕޭމެންޓް އުނިކުރަން ފަހި ޔޫނިއަނުން އަނެއްކާވެސް ގޮވާލައިފި

ފަހީ ޔޫނިއަންގައި އިސްކޮށް ހުންނަވާ ގަނޫނީ ވަކީލު އަލީ ހުސައިން: ޑޮލަރުގެ އަގު އުފުލިފައިވުމުން، ފުލެޓުތަކުގެ ޑައުންޕޭމެންޓް އުނިކުރަން ފަހި ޔޫނިއަނުން އަނެއްކާވެސް ގޮވާލައިފި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ރާއްޖޭގައި ޑޮލަރުގެ އަގު އުފުލިފައިވުމުން އެކަމަށް ރިއާޔަތްކުރައްވައި، ގެދޮރުވެރިޔާ ފުލެޓުތަކުގެ ޑައުންޕޭމެންޓް އުނިކޮށްދިނުމަށް ފަހި ޔޫނިއަނުން މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ގޮވާލައިފިއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އިއުލާންކޮށް، މަސައްކަތް ފެށި ގެދޮރުވެރިޔާ ފުލެޓުތަކުގެ ތެރެއިން ނިމުނު ފުލެޓުތަކަށް ޑިޕޮސިޓްގެ ގޮތުގައި 25،000 ރުފިޔާ މިހާރު އަންނަނީ ނަގަމުންނެވެ. އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިންނެވެ.

އެފްޑީސީން ބުނީ މި މަހުގެ 14އާ ހަމައަށް ޑިޕޮސިޓް ދައްކަން 909 މީހަކު ތާވަލުކޮށްފައިވާއިރު 588 މީހުން ޑިޕޮސިޓް ދައްކައި ނިންމާފައިވާ ކަމަށެވެ. ޑިޕޮސިޓްގެ ގޮތުގައި ދައްކަން ޖެހެނީ 25,000 ރުފިޔާއެވެ.

ފަހި ޔޫނިއަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 4000 ފުލެޓް ލިބިފައިވާ މީހުންގެ ކުލި ކުޑަކުރުމަށާއި އެޑްވާންސް ފައިސާ އުނިކުރުމަށް އެ ޔޫނިއަނުން އެދިފައިވަނިކޮށް، އެކަމަށް އިޖާބަ ނުދީ، ފުލެޓު ދިނުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ. އަދި މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅުނު ނަމަވެސް ކުރު މުއްދަތަކަށް މާލެއިން ބޭރަށް ދިޔުމަށްފަހު އެނބުރި އައިސްފައިވާ މީހުންގެ ޝަރުތު ހަމަވާން ޖެހޭކަން ފާހަގަކުރި ނަމަވެސް އެ މީހުންނަށް ފުލެޓް ނުލިބޭނެކަމަށް ބުނެ ސިޓީ ފޮނުވަމުންދާ ކަމަށް އެ ޔޫނިއަނުން ބުންޏވެެ.

ފަހި ޔޫނިއަނުގެ ބަޔާނުގައިވަނީ، މިދިޔަ ހަފުތާގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ތިމަރަފުއްޓަށް ވަޑައިގެން، ސޯޝަލް ހައުސިންގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމި ނިންމުމާ ގުޅޭ ގޮތުން ވާހަކަދެއްކެވި ކަމަށެވެ.

ރައީސް ނޮވެންބަރު 2023ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޑިސެމްބަރުގައި ވަނީ، އެ ދުވަހާ ހަމައަށް ސަރުކާރުން އަޅާފައިވާ ހުރިހާ ސޯޝަލް ހައުސިނ ޔުނިޓްތަކުގެ ކުލި 20 ޕަސެންޓާއި 30 ޕަސެންޓާ ދެމެދުގެ އަދަދަކަށް އެ ދުވަހުން ފެށިގެން ކުޑަކުރުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް އަންގަވައިފައެވެ.

އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭގައި އަޅާފައިވާ ފުލެޓްތަކުގެ އިތުރުން ހިޔާފުލެޓާއި، ވިނަރެސް ފުލެޓާއި، މިހާތަނަށް މުޅި ރާއްޖޭގައި އެކި ސަރުކާރުތަކުން އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓްތައް ހިމެނޭ ގޮތަށްކަން ފަހި ޔޫނިއަނުން ފާހަގަކުރިއެވެ.

އެފްޑީސީން އަޅާ ފުލެޓުތައް: އެ ފުލެޓުތައް ދޭ ގޮތާ ގުޅޭ ގޮތުން ވަނީ ކަންބޮޑުވުންތައް ފާޅުކޮށްފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

އެ ޔޫނިއަނުން ބުނި ގޮތުގައި، ފުލެޓްތަކުގެ ކުލި ކުޑަކޮށްދެއްވި ސަބަބެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން މުދަލާއި ޚިދުމަތުގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދަށްވެ، ކުލިދެއްކުމަށް ދަތިވެފައިވުމެވެ.

"އެއިރު ޑޮލަރުގެ އަގުހުރީ 16.50ރ އަށެވެ. ނަމަވެސް މި 4000 ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ފެށިގެން މިދާ 2025 އަހަރުގައި ޑޮލަރުގެ އަގުހުރީ 20ރ އާއި 21ރ ދެމެދުގައެވެ." ފަހި ޔޫނިއަންގެ ބަޔާނުގައިވެއެވެ.

"ވީމާ ގައުމުގެ ޙާލަތަށާއި، ރައްޔިތުންގެ މާލީ އަދި އިގުތިޞާދީ ޙާލަތަށް ރިޢާޔަތްކުރައްވައި މި 4000 ފުލެޓްގެ ކުލި ކުޑަކޮށްދެއްވައި އަދި ޑައުންޕޭމަންޓް އުނިކޮށްދެއްވުމަށް ރައީސް މުޢިއްޒަށް އިލްތިމާސްކުރަމެވެ."

މީގެ އިތުރުން، މާލޭން ބޭރަށް ކުރު މުއްދަތަކަށް ދިޔަ މީހުންނަށް ފުލެޓު ނުދިނުމަށް ނިންމާތީ އެ ޔޫނިއަނުން ބުނީ، އޭގެ ތެރޭގައި ދައުލަތުގެ ފަރާތުން މަޖުބޫރުކޮށްގެން މާލެއިން ބޭރަށް ފޮނުވާފައިވާ މީހުން ހިމެނޭ ކަމަށެވެ.

ފަރާތްތަކުގެ ފުލެޓްލިބުމުގެ ޙައްޤު ނިގުޅައިގަތުމަށް ސަރުކާރުން މަސައްކަތްކުރަމުންދާތީ، އެގޮތަށް އެކަން ނުކުރުމަށް މިޔޫނިއަނުން ގޮވާލަމެވެ.

ފަހި ޔޫނިއަނުން ބުނީ، މާލޭގައި މުޅި އުމުރު ވޭތުކުރަމުންދަނިކޮށް އެކިއެކި ސަބަބުތަކަށް ޓަކައި ޖަލު ބަންދުގައި ތިބެން ޖެހުނު މީހުންނާއި، އަދި ކުށް ސާބިތުނުވި ނަމަވެސް ބަންދުގައި ތިބި މީހުންނާއި، ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުން ބޭސްފަރުވާއަށާއި ކިޔެވުމަށް ދާން މަޖުބޫރުވި މީހުންނަށް ވެސް ފުލެޓް ގެއްލެމުންދާ ކަމަށެވެ.

ހަމައެއާއެކު، ކޮވިޑުގެ ޢާލަމީ ވަބާގެ ސަބަބުންނާއި، އެ ނޫން ވެސް އެކިއެކި ސަބަބުވެރި ޙާލަތްތައް މެދުވެރިވެ، މާލޭގައި ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނެތިގެން މަޖުބޫރީ ޙާލަތްތަކުގައި ރަށްރަށަށް ބަދަލުވާން މަޖުބޫރުވި މީހުންނަކީވެސް މާލޭގައި ދިރިއުޅުން މެދުކެނޑިފައިވާ ފަރާތްތަކެއްކަމަށް ބުނެ ފުލެޓް ނުލިބޭނެކަމަށް ސިޓީފޮނުވަމުންދާތީ އެކަން ރައީސްގެ ސަމާލުކަމަށް ގެންނަން ބޭނުންކަމަށް ފަހި ޔޫނިއަނުން ބުންޏެވެ.

އެފަދަ މީހުންނަކީ މާލޭގައި ދިރިއުޅުން މެދުކެނޑިފައިވާ މީހުން ކަމަށް ބުނެ ފުލެޓް ނުލިބޭނެކަމަށް ސިޓީ ފޮނުވަމުންދާތީ އެ ހާލަތްތައް މެދުވެރިވި މީހުންނަށް ސީޓީ ފޮނުވުން ހުއްޓާލުމަށާއި ފުލެޓް ޙަވާލުކުރުމަށް، އެ ޖަމިއްޔާއިން ރައީސަށް ގޮވާލިއެވެ.

އެ މީހުންނަށް ފުލެޓް ލިބުމުގެ ހައްގު ނިގުޅައިނުގަތުމަށް ވެސް އެ ޖަމިއްޔާއިން ގޮވާލިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓުގެ ތެރެއިން 3,000 ފްލެޓުގެ ވެރިފަރާތާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ކަމަށް އެފްޑީސީން ބުނެއެވެ.

މި 4000 ފްލެޓްގެ ތެރެއިން ފުރަތަމަ ހަވާލު ކުރަން ނިންމާފައިވަނީ އަމާން އުދަރެސްގެ ޓަވަރު 14ގެ ފްލެޓްތަކެވެ.

އެފްޑީސީން މީގެ ކުރިން ވަނީ ފްލެޓުތައް ހަވާލު ކުރާނީ އެ ފައިސާ ދެއްކުމުން ކަމަށް ބުނެފައެވެ.

ކުރީ ސަރުކާރުން ރިޔާސީ އިންތިޚާބުގެ ތެރޭގައި ގެދޮރުވެރިޔާ ފުލެޓުތައް ލިބޭ މީހުން އިއުލާންކުރި ފަހުން، އެ ލިސްޓުގައި މައްސަލަތައް އުޅޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުންޏެވެ. މި ސަރުކާރުން އައިސް، އެ މައްސަލަ ބަލައި، އެއް އަހަރަށް ވުރެ ގިނަ ދުވަސް ފަހު އައު ލިސްޓެއް މި އަހަރު ނެރުނެވެ.

https://sun.mv/211815

އެ ލިސްޓަށް ފާޑުކިޔުން އަމާޒުވި ފަހުން ހައުސިން މިނިސްޓްރީން ވަނީ ފުލެޓް ދޭނީ ކުރީގެ ލިސްޓަށް ކަމަށް ބުނެފައެވެ.

އެ ފުލެޓުތައް މީހުންނަށް ދޭން ތައްޔާރުވަމުން އަންނައިރު، ފުލެޓުތަކާ ގުޅޭ ތުހުމަތުތައް އަދިވެސް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން 4،000 ފްލެޓުގެ ތެރެއިން 350 އެއްހައި ފްލެޓް، ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ކަމަށް ބުނާ ބަޔަކު އެކި މީސްމީހުންނަށް ގުޅައިގެން ވިއްކުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފަހި ޔޫނިއަނުން މިދިޔަ ބުރާސްފަތި ދުވަހު ތުހުމަތުކުރިއެވެ.

comment ކޮމެންޓް