ނިމުނު އޮގަސްޓުމަހު، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބޭސްފަރުވާއަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
އިޖުތިމާއީ އެހީ ފޯރުކޮށްދޭ، އެންސްޕާއިން އަންނަނީ ރާއްޖެއާއި ރާއްޖޭން ބޭރުން ބޭސް ކުރުމަށް ދަތިވާ މީހުންނަށް މާލީ އެހީ ފޯރުކޮށްދެމުންނެވެ.
އެ މަސައްކަތުގެ ދަށުން ބޭސް ކުރުމަށް ދަތިވާ މީހުންނަށް 'ބޭސް ފަރުވާގެ އެހީގެ ޕްރޮގްރާމް'ގެ ތެރެއިން އެންސްޕާއިން، މިދިޔަ މަހު ވަނީ ޖުމުލަ 16.8 މިލިއަން ޚަރަދުކޮށްފައެވެ.
އޭގެތެރެއިން އެންމެ ބޮޑު ހޭދައެއް ކުރީ ރާއްޖޭން ބޭރުން ފަރުވާ ކުރުމަށް ކަމަށްވާއިރު، އެ ފަރުވާތަކަށް ވަނީ، 8.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި، ރާއްޖޭގައި ސިއްހީ ފަރުވާދޭ ތަންތަނުން ބަލިތަކަށް ފަރުވާކުރުމަށް މިދިޔަ މަހު އެންސްޕާއިން ވަނީ، 8.3 މިލިއަން ހަމަޖައްސައިދީފައެވެ.
އެންސްޕާއިން ބޭސްފަރުވާއަށް 16.8 މިލިއަން ޚަރަދުކުރިއިރު، އެ އެޖެންސީން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރަޕީގެ އިތުރަށް ޕްރައިވެޓް ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދާ މީހުންނަށް ވެސް ޚަރަދުކޮށްދެއެވެ. އެގޮތުން، މިދިޔަ މަހު ތެރަޕީތައް ނެގުމަށް އެހީގެ ގޮތުގައި އެ އިދާރާއިން ވަނީ، ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.