ޔުނައިޓެޑް ވޯލްޑް ކޮލެޖް މޯލްޑިވްސް (ޔޫޑަބްލިއުސީ މޯލްޑިވްސް)އިން ރާއްޖޭން ބޭރުގައި ކިޔެވުމަށް ތިން ދަރިވަރަކަށް ސްކޮލަޝިޕް ދީފިއެވެ.
މިއަހަރުގެ ޔޫޑަބްލިއުސީ ސްކޮލަޝިޕަށް ހޮވުނީ ނ. ކުޑަފަރީ ސުކޫލުގެ ދަރިވަރު އިޒްޔާލާ ބިންތް އަލީ ޝަމީމްއާއި ބްރައިޓްވޭ އިންޓަނޭޝަނަލް ސުކޫލުގެ ދަރިވަރު ޔަޒާން އަބްދުﷲ ސާއިދާއި ތާޖުއްދީން ސުކޫލްގެ ދަރިވަރު، ހައްވާ އިޝްހާއެވެ.
ޔޫޑަބްލިއުސީ މޯލްޑިވްސްއިން ބުނީ، އެ ދަރިވަރުން ފޮނުވީ އިންޑިއާގެ މަހިންޑްރާ ޔުނައިޓެޑް ވޯލްޑް ކޮލެޖާއި ހޮންކޮންގްގެ ލީޕޯޗުން ޔުނައިޓެޑް ވޯލްޑު ކޮލެޖާއި ކެނެޑާގެ ޕިއާސަން ޔުނައިޓެޑް ވޯލްޑު ކޮލެޖަށް ކަމަށެވެ.
އެ ދަރިވަރުން ސްކޮލަޝިޕަށް ހޮވުނީ، އާންމުކޮށް ހުޅުވާލައި އިއުލާނުކޮށްގެން ދަރިވަރުން ހުށަހެޅި އެޕްލިކޭޝަނާއި ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ބޭއްވި ދެ ދުވަހުގެ ސިލެކްޝަން ކޭމްޕުގެ އިތުރަށް އިންޓަވިއުގެ މައްޗަށް ބިނާކުރުމަށްފަހުގައި ކަމަށް ޔޫޑަބްލިއުސީން ބުންޏެވެ.
އެ ދަރިވަރުން ސްކޮލަޝިޕަށް ހޮވުމުގައި ދަރިވަރުންގެ އިލްމީ، ފަންނީ އަދި އިޖުތިމާއީ ހުނަރުވެރިކަމާއި ކްރިޓިކަލް ތިންކިންއަށް އެ ކޮލެޖުން ވަނީ ބަލާފައެވެ.
މިކަމާ ގުޅިގެން ޔޫޑަބްލިއުސީގެ އެކްޒެކެޓިވް ކޮމިޓީގެ ޗެއާ ޒަހީނާ ރަޝީދު ވިދާޅުވީ، އެ ކޮލެޖުގެ ސްކޮލަޝިޕް ލިބުނު ތިން ކުދިންނަށް ވެސް ލިބެނީ މުޅި ހަޔާތް ބަދަލުވާނެ ފަދަ ފުރުސަތެއް ކަމަށެވެ.
އެ ކުދިންނަށް ތައުލީމީ ގޮތުން ކުރިއެރުން ލިބި، އެ ކޮލެޖުތަކުގައި ރާއްޖެ ތަމްސީލުކުރުމަށް ފުރުސަތު ފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫޑަބްލިއުސީގެ އަމާޒަކީ ޒުވާނުންގެ މެދުގައި، ހެޔޮ ބަދަލު ގެނައުމުގެ ޖޯޝު އުފެއްދުން ކަމަށް ޒަހީނާ ވިދާޅުވިއެވެ. އަދި، އުންމީދަކީ، ތައުލީމު ހާސިލުކޮށްގެން ދަރިވަރުން ރާއްޖެއަށް ޚިދުމަތްކުރަން އައުންކަން ފާހަގަކުރެއްވިއެވެ.
ޔޫޑަބްލިއުސީ ސްކޮލަޝިޕްގެ ދަށުން މިހާރު ވެސް ދިވެހި ތިން ދަރިވަރުން އަންނަނީ ޖަރުމަނުވިލާތާއި ޗައިނާއާއި ސައުތު އެފްރިކާގައި ތައުލީމު ހާސިލުކުރަމުންނެވެ.
އެ ސްކޮލަޝިޕްތަކަކީ ގްރޭޑު ދިހައެއް ނިންމާ ނުވަތަ ނިންމުމުގެ މަރުހަލާގައިވާ 15-17 އަހަރުގެ ދަރިވަރުންނަށް ޔުނައިޓެޑް ވޯލްޑު ކޮލެޖެއްގައި މަތީ ތައުލީމު ހާސިލުކުރަން ދޭ ފުރުސަތެކެވެ. ޔުނައިޓެޑް ވޯލްޑު ކޮލެޖުތަކުގައި ދަރިވަރުން ފުރިހަމަ ކުރާނީ އިންޓަނޭޝަނަލް ބެކަލޯރިއޭޓް (އައިބީ) ޑިޕްލޮމާއެވެ.
އައިބީއަކީ އޭލެވެލްއާ އެއް ފެންވަރުގެ އަދި ޔުނިޔޭގެ ހުރިހާ ޔުނިވާސިޓީއެއްގައި ގަބޫލުކުރާ ރާއްޖޭގެ ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ދެ އަހަރުގެ ކޯހެކެވެ.
އެކި ގައުމުތަކާއި ސަގާފަތްތައް ގުޅުވާލުމުގެ މަގުސަދުގައި އުފައްދާފައިވާ ޔުނައިޓެޑް ވޯލްޑް ކޮލެޖެސްގެ ގޮތުގައި 18 ގައުމެއްގައި ކޮލެޖުތައް ހިންގައެވެ. ރާއްޖޭގައި މި ކޮލެޖުތަކަށް ސްކޮލާޝިޕް ދެނީ އަލިފުޅުތުއްތު ފައުންޑޭޝަންގެ އެހީތެރިކަމާއެކުގައެވެ.