ތ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލުން އޭޓީއެމް ޚިދުމަތް ގާއިމުކޮށްފި

ތ.ގާދިއްފުށީގައި އޭޓީއެމް ޚިދުމަތް ފެށުން --

ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ތ. ގާދިއްފުށީގައި އޭޓީއެމްގެ ޚިދުމަތް ފަށައި، މުޅި އެ އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކޮށްފިއެވެ.

އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ، ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމުކުރެވުމާއެކު، 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން 15 އަތޮޅުގައި އޭޓީއެމް ޚިދުމަތް ގާއިމުކުރެވުނީ ކަމަށެވެ.

އަދި ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި އޭޓީއެމްތަކަކީ ބޭންކިން ނިޒާމުގައި ރައްޔިތުން ބައިވެރިކޮށްދޭ މުހިންމު ވަސީލަތެއް ކަމަށާއޮ، އޭޓީއެމް ގާއިމްކުރުމުގެ އިތުރުން ޑިޖިޓަލް ބޭންކިން ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 179 ސެލްފްސާވިސް ބޭންކިން ސެންޓަރު، 237 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް އެ ބޭންކުން އަންނަނީ ދެމުންނެވެ.

އެ ބޭންކުން އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް