އެޕަލްގެ އައިފޯން 17 އަދި އައިފޯން އެއާ މޮޑެލްތަކުގެ ސްކްރީނާއި ބޮޑީގައި ފަސޭހައިން ކޫރުން އެޅޭ ކަމަށް ބުނެ، އާންމުވެފައިވާ "ސްކްރެޗް ގޭޓް" މައްސަލައާ ގުޅިގެން އެޕަލްއިން ރައްދު ދީފިއެވެ.
މިކަމުގެ ސަބަބުން ކަސްޓަމަރުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، އެޕަލްއިން ވަނީ މި މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅާނެކަން ހާމަކޮށްފައެވެ.
އެޕަލްއިން ބުނާ ގޮތުގައި، ފިހާރަތަކުގައި ހުންނަ އައިފޯންތަކުގައި ފެންނަ ބައެއް ކޫރުންތަކަކީ ހަގީގީ ކޫރުންތަކެއް ނޫނެވެ. އެއީ، މެގްސޭފް ރީޓެއިލް ސްޓޭންޑްތަކުން ފޯނަށް އަރާފައި ހުންނަ މާއްދާއެއް ކަމަށާއި، އެއީ ފުހެލުމުން ފިލާނެ އެއްޗެއް ކަމަށް އެޕަލްއިން ބުނެއެވެ.
އެޕަލްއިން ފާހަގަކުރާ ގޮތުގައި، މި މައްސަލަ އައިފޯން 17 އަށް އެކަނި ދިމާވާ ކަމެއް ނޫނެވެ. ކުރީގެ އައިފޯން މޮޑެލްތަކުގައި ވެސް މިފަދަ ކަންކަން ދިމާވާ ކަމަށާއި، މިއީ އާންމުކޮށް ފޯނު ބޭނުންކުރުމުގައި ދިމާވާ ކަމެއް ކަމަށް އެޕަލްއިން ބުނެއެވެ.
މިކަމާ ގުޅިގެން އެޕަލްއިން ވަނީ މެގްސޭފް ސްޓޭންޑްތައް ބަދަލުކުރަން ނިންމާފައެވެ.
އެޕަލްއިން މި ވާހަކަތައް ދިފާޢުކުރަން މަސައްކަތް ކުރަމުންދާއިރު، ޔޫޓިއުބަރެއް ކަމަށްވާ ޖެރީރިގްއެވްރީތިން އަދި އައިފިކްސިޓް ފަދަ ޓެކްނޮލޮޖީ ރިވިއު ކުރާ ފަރާތްތަކުން ވަނީ އައިފޯން 17 ޕްރޯގެ ކެމެރާ ބަމްޕް (ޕްލެޓޯ) ވެސް ފަސޭހައިން ކޫރުން އެޅޭކަން ހާމަކޮށްފައެވެ.
އެޕަލްއިން މިކަން ގަބޫލުކުރަމުން ބުނެފައިވަނީ މިފަދަ ކޫރުންތަކަކީ އާދައިގެ ކަމެއް ކަމަށާއި ފޯނު ބޭނުންކުރުމުގައި ގެންގުޅޭ އާދަޔާއި ވައްޓަފާޅިއަށް މިކަން ބަރޯސާވެދާނެ ކަމަށެވެ.
އެޕަލްއިން އިތުރަށް ބުނެފައިވަނީ، ޔޫޓިއުބްގައި ދައްކާ ބައެއް ވީޑިއޯތަކުގައި ފޯނަށް ދޭ ގެއްލުންތަކަކީ އާދައިގެ ބޭނުންކުރުމުގައި ދިމާވާނެ ކަންކަމެއް ނޫން ކަމަށެވެ.
ފޯނު ބޭނުންކުރާ ފަރާތްތަކުން ކޭސް (ކަވަރު) އަޅުވައިގެންނާއި ސްކްރީން ޕްރޮޓެކްޓަރު ބޭނުންކޮށްގެން ފޯނު ރައްކާތެރިކުރުމަށް އެޕަލްއިން އިރުޝާދު ދެއެވެ.
ޓެކްނޮލޮޖީ ދުނިޔޭގައި "ގޭޓް" މައްސަލަތައް އާންމު ނަމަވެސް، އައިފޯން 17 ގެ މި މައްސަލައަށް އެޕަލްއިން ދޭ ރައްދު ބެލުންތެރިންނަށް މުހިންމު ވާނެއެވެ. އަދި، މީޑިއާގައި ފެތުރޭ މިފަދަ ވާހަކަތަކަށް އެޕަލްއިން އާންމުގޮތެއްގައި ރައްދުދީ ނުހަދައެވެ.