މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓުގެ ތެރެއިން 350 އެއްހައި ފްލެޓް، ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ކަމަށް ބުނާ ބަޔަކު އެކި މީސްމީހުންނަށް ގުޅައިގެން ވިއްކުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފަހި ޔޫނިއަނުން މިއަދު ތުހުމަތުކޮށްފިއެވެ.
ފްލެޓްތައް އާންމުންނަށް އަވަހަށް ހޯދައިދޭން ވަކާލާތުކުރާ އެ ޔޫނިއަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔޫނިއަންގެ ފަރާތުން މައުލޫމާތުދެއްވަމުން ގާނޫނީ ވަކީލު އަލީ ހުސައިން މިއަދު ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓުގެ ތެރެއިން 350 ފްލެޓް ވިއްކާލެވެން އޮތް ކަމަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކަމުގައި ބުނެ، ބައެއް ފަރާތްތަކުން ފްލެޓް ގަންނާނެ މީހުން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެކަން ކުރުމަށްޓަކައި ހައުސިން މިނިސްޓްރީގެ ޕޯޓަލްގެ އެކްސެސް ރައީސް އޮފީހުގެ ދެ މުވައްޒަފަކަށް ދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ފްލެޓުތައް ވިއްކަން ދާ ފަރާތްތަކުން، 250،000 ރުފިޔާއަށް ފްލެޓެއް ވިއްކާކަމަށް ބުނާ ކަމަށާއި، އެތަނުން އެއްލައްކަ ރުފިޔާ ދިނުމުން ފްލެޓު ލިސްޓުގައި ނަން ހިމަނައި، ފްލެޓު ލިބޭކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އަނެއް ދޮޅުލައްކަ ރުފިޔާ ދައްކަންޖެހޭނެ ކަމަށް ބުނަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އަލީ ވިދާޅުވިއެވެ.
"މިއީ ވަރަށް ސީރިއަސް ކަމެއް، މިކަން މިހެން ހިނގާތޯ ސަރުކާރުން ބަލަން އެބަޖެހޭ ފުލުހުން މެދުވެރިކުރައްވައިގެން ނަމަވެސް އަދި އިންޓެލިޖެންސް މައުލޫމާތު މެދުވެރިކުރައްވައިގެން ވެސް. އަޅުގަނޑުމެން މި ބޭނުންވަނީ މި ސަރުކާރަށް އެ މައުލޫމާތު ދޭން، އެއީ އަޅުގަނޑުމެންނަށް އެބަ އެނގޭ މި 350 ފްލެޓުތައް އެއީ ވިއްކަން ހުރި ފްލެޓުތަކެއް ނޫން. ހަގީގަތުގައި އެއީ ސޯޝަލް ހައުސިންގެ ދަށުން ވަކި ބަޔަކަށް ދޭން އަޅާފައި ހުރި ފްލެޓުތަކެއް،" އޭނާ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ، ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކަމަށް ބުނާ ބަޔަކު ނާޖާއިޒު ފައިދާ ހޯދުމަށް ސަރުކާރުން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
މިކަން ކުރުމަށް ޓަކައި ހައުސިން މިނިސްޓްރީގެ ޕޯޓަލްގެ އެކްސެސް ރައީސް އޮފީހުގެ ދެ މުވައްޒަފަކަށް ދިން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ވަނީ، ފްލެޓު ހައްގުވާ 4،000 މީހުންގެ ތެރެއިން 3،000 މީހުންނާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ސޮއިކުރުމަށްފަހު، ބާކީވި 1،000 ފްލެޓުގެ ހުރިހާ ކޮންޓްރޯލެއް ރައީސް އޮފީހުން ނަގާފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.
"އެހެންވީމާ މިކަމަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ސަރުކާރުން ސީރިއަސްކޮށް ބަލަންޖެހޭ ކަމެއް، ސީރިއަސްކޮށް ބަލަންޖެހޭ މައްސަލައެއް ގޮތުގައި ބަލައި އަވަސް ފިޔަވަޅު އެޅުމަށް އަޅުގަނޑުމެން މި ސަރުކާރަށް ގޮވާލަން،" އަލީ ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް 4،000 ފުލެޓު ހައްގުވާ މީހުންގެ ލިސްޓު ނެރުނު އިރު ވެސް އޭސީސީން ވަނީ އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވައިފައެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ލިސްޓު މުރާޖާކުރުމަށް ފަހު، އައު ލިސްޓު ނެރުނީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން މިދިޔަ ފެބްރުވަރީ މަހެވެ.
އެލިސްޓާ ގުޅުވައި ޝަކުވާ ކުރަނިކޮށް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ފުލެޓު ދޭނީ ކުރީ ސަރުކާރުގެ ދާއިމީ ލިސްޓަށް ކަމަށް ވިދާޅުވެފައެވެ.