ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 75 ޕޮއިންޓު ލިބުނު މީހުންތަކަކަށް ގަވައިދާ ޚިލާފަށް ފުލެޓު ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަަލަމުން އަންނަ ނަމަވެސް، ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ނުދީ ދެ މަސް ވެއްޖެއެވެ.
މިއީ، 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގައި، އެއަށް ވުރެ ދަށުން މާކްސް ލިބުނު މީހުންތަކެއްގެ ގުރުއަތު ނަގައި އެ ފުލެޓު ދީފައިވާކަން ފާހަގަކުރެވުނު މައްސަލެއެވެ. އެ މައްސަލަ ހައުސިން މިނިސްޓްރީން އޭސީސީއަށް ހުށަހެޅީ މިދިޔަ މަހު ހައެއްގައެވެ.
އޭގެފަހުން މިހާރު ދެ މަސް ވާން ގާތްވެފައިވާއިރު، މި މައްސަލައާ ގުޅިގެން އޭސީސީގެ ބަހެއް ހޯދުމަށް 'ސަން'އިން އެކި ފަހަރުމަތިން މަސައްކަތްކުރީމެވެ.
އެގޮތުން، މިއަދު ވެސް އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލަށް މެސެޖުކޮށްގެން ޖަވާބެއް ނުލިބުމުން ގުޅާލުމުން ވިދާޅުވީ، މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށެވެ. ފަހުން ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ.

އެފްޑީސީން އަޅާ ފުލެޓުތައް: އެ ފުލެޓުތަކުގެ މައްސަލައިގައި އޭސީސީގެ ޖަވާބެއް ނެތް -- ސަން ފޮޓޯ/ މާނިއު މުހައްމަދު
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް 4،000 ފުލެޓު ހައްގުވާ މީހުންގެ ލިސްޓު ނެރުނު އިރުވެސް އޭސީސީން ވަނީ އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވައިފައެވެ. އަދި، މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ލިސްޓު މުރާޖާކުރުމަށް ފަހު، އައު ލިސްޓު ނެރުނީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން މިދިޔަ ފެބްރުވަރީ މަހެވެ.
އެލިސްޓާ ގުޅުވައި ޝަކުވާ ކުރަނިކޮށް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ފުލެޓު ދޭނީ ކުރީ ސަރުކާރުގެ ދާއިމީ ލިސްޓަށް ކަމަށް ވިދާޅުވެފައެވެ.
އެ ލިސްޓު ވެސް އާންމުނުކޮށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށް، ފުލެޓު ލިބޭ މީހުންގެ އެއްބަސްވުމުގައި ސޮއިކުރަން ފެށިއެވެ. އެ މަސައްކަތް ފެށީ، މިދިޔަ ޖުލައި 21ގައެވެ.
އޭގެ ފަހުން، މީގެ ދެ ހަފުތާއެއް ކުރިން އެފްޑީސީން ވަނީ ބައެއް ފުލެޓުތައް ވެރިފަރާތާ ހަވާލުކުރަން ފަށާފައެވެ.