ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް, ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި, އިބްރާހިމް މާހިރު މިއަދު އައްޔަން ކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި, މާހިރު އެ މަގާމަށް އައްޔަން ކުރައްވައި ލިޔުން ހަވާލު ކޮށްދެއްވީ, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސައިން ރިޒާ އާދަމެވެ.
މާހިރަކީ ފެމިލީ ކޯޓުގެ އިސްގާޒީގެ އިތުރުން، ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވާ ގާޒީންގެ ތެރެއިން އެންމެ ގިނަ ދުވަހު އެތަނުގައި މަސައްކަތް ކުރެއްވި ގާޒީއެވެ. ފެމިލީ ކޯޓުގައި މާހިރު މަސައްކަތް ކުރައްވާތާ 15 ވަރަކަށް އަހަރުވެދާނެއެވެ.
މާހިރު އެންމެ ފުރަތަމަ އައްޔަންކުރެއްވީ ސިވިލް ކޯޓުގެ ގާޒީ ކަމަށް ނޮވެމްބަރު ނުވައެއް، 2005ގައެވެ. އޭގެފަހުން ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުވެވަޑައިގަތީ މެއި 23، 2010 ގައެވެ.
ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް މާހިރު އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ހުޒައިފާ މުހައްމަދު ހައިކޯޓަށް ޕްރޮމޯޓް ކުރެއްވުމުންނެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް, މާހިރުގެ އިތުރުން ވެސް ދަށު ކޯޓުތަކުގެ ބައެއް ސީނިއާ ގާޒީން، ކުރިމަތިލެއްވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ހައިކޯޓުގެ ބެންޗުގައި ހުސްކޮށް އޮތް އެ މަގާމަށް ފުރަތަމަ އައްޔަން ކުރަން ޖޭއެސްސީއިން ނިންމީ, ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މުހައްމަދު ޝަހީދެވެ. އޭނާ ވަނީ ހުވައި ކުރުން އޮތް ދުވަހު އޭނާގެ ނަން އަނބުރައި ނަންގަވައި ހުވާ ކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ.
ޝަހީދަކީ އެހާތަނަށް ވެސް މި ސަރުކާރުގެ ސިޔާސީ މަގަމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ ގިނަ ބަޔަކު ދިޔައީ އޭނާ ފަނޑިޔާރަކަށް އައްޔަން ކުރަން ޖޭއެސްސީން ނިންމި ނިންމުމަށް ފާޑުކިޔަމުންނެވެ. ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން އޭނާ ވަކިވީ، ފަނޑިޔާރުކަމަށް ކުރިމަތިލައްވާށެވެ.
އެހެންވެ، ގިނަ ބަޔަކު ވަނީ އެއީ ޖުޑިޝަރީގެ މިނިވަންކަން ގެއްލޭ ފަދަ ނިންމުމެއް ކަމަށް ބުނެ ފާޑުކިޔައިފައެވެ.
ޝަހީދު ހުވާ ކުރައްވަން ދެކޮޅު ހެއްދެވުމުން ޖޭއެސްސީން ހައިކޯޓަށް ފަނޑިޔާރެއް ހޯދަން އަލުން އިއުލާން ކުރީއެވެ.