ޖިންސީ ގޯނާއިން އެކި ގައުމުތަކުގެ 165 ކުދިން ސަލާމަތްކުރި އޮޕަރޭޝަނެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ

ރޭޕް ކުރުމާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން: ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަށް ތަކެތި ބެހި، 28 ނެޓުވޯޓު ދިވެހި ފުލުހުންގެ ބައިވެރިވުމާއެކު، ހުއްޓުވައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީ ގޯނާއިން އެކި ގައުމުތަކުގެ 165 ކުދިން ސަލާމަތްކުރި ބައިނަލްއަގުވާމީ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެއެވެ.

މިއީ، އޮންލައިންކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި އެކްސްޕްލޮއިޓޭޝަންއާ ދެކޮޅަށް ބައިނަލްއަގުވާމީ ގާނޫނު ތަންފީޒު ކުރުމަށް ހިންގި އޮޕަރޭޝަނެކެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިންޓީރިއާ މިނިސްޓްރީގެ އިސްނެގުމުގެ ދަށުން މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މިދިޔަ ޖުލައި 10އަކުން މިދިޔަ މަހުގެ 31އަށެވެ.

ރަޝިއާއާއި ތައިލޭންޑު ހިމެނޭ ގޮތަށް 15 ގައުމެއްގެ ކަމާ ގުޅޭ އިދާރާތަކުން މި އޮޕަރޭޝަންގައި ބައިވެރިވިއެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަނުގައި 188 މީހަކު ހައްޔަރުކުރި ކަމަށާއި މުޅި ދުނިޔޭގައި ޖިންސީ ގޯނާގެ ޝިކާރަކަށްވެފައި ތިބި 165 ކުޑަކުދިން ސަލާމަތްކުރި ކަމަށެވެ. އޭގެއިތުރަށް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މެޓީރިއަލް ބެހުމަށް ހިންގި 28 ނެޓުވޯކު ހުއްޓުވާފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

މި އޮޕަރޭޝަނުގައި ވަނީ، 113 ޔޫސާ އެކައުންޓު ބަންދުކޮށް، 153 އިލެކްޓްރޯނިކް ވަސީލަތް އަތުލާފައެވެ. އަދި އޮންލައިން ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމުގެ 76 ކެމްޕެއިން ވެސް ހިންގާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މިފަދަ އޮޕަރޭޝަންތަކުގައި ބައިވެރިވުމުން، ކުޑަކުދިން ރައްކާތެރިކުރުމާއި ސައިބަ ސަލާމަތްތެރިކަން ހަރުދަނާކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަވާނެ ކަމަށެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ގިނައެވެ. އޭގެތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވެސް އިތުރުއިރު، އެފަދަ ހުތުރު އަމަލު ސާބިތުވާ މީހުންގެ ވަނަވަރު ވެސް އާންމުކުރެއެވެ.

comment ކޮމެންޓް