ވަގުތުން ޑީޕޯޓުކުރާ ގޮތަށް ފެށި އޮޕަރޭޝަން: އިމިގްރޭޝަނުން ބުނީ އިތުރު ފުރުސަތެއް ދޭނެކަމަށް

ބިދޭސީއެއް އިމިގްރޭޝަން އޮފިޝަލަކާއެކު: -- ފޮޓޯ/ އިމިގްރޭޝަން

ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެމީހުން ވަގުތުން ޑިޕޯޓުކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ ހޮނިހިރު ވިދާޅުވެފައިވަނިކޮށް، އެފަދައިން ނުގަވައިދުން އުޅޭ ބިދޭސީންނަށް އިތުރުފުރުސަތެއް ދޭނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ފ. ނިލަންދޫގައި ވާހަަކަދައްކަވަމުން ރައީސް ވަނީ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވަގުތުން ބިދޭސީން ޑިޕޯޓުކުރާ އެ ފަދަ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާނެކަމަށް ވިދާޅުވެފައެވެ.

https://sun.mv/211595

އެ ރޭ ރައީސް ވިދާޅުވީ މި އޮޕަރޭޝަންގެ ދަށުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި، އެފަދަ މީހުން ހިންގާ ވިޔަފާރިތައް ބަންދުކުރާނެ ކަމަށެވެ. އަދި ބޮޑެތި ރަށްރަށަށް ޚާއްޞަ އިސްކަމެއް ދީގެން ހިންގާ މި އޮޕަރޭޝަނުގައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޗީފް އިމިގްރޭޝަން އޮފިސަރު އަޙުމަދު މުޖުތަބާ ވިދާޅުވީ، ގައުމީ ފެންވަރުގެ މި އޮޕަރޭޝަން ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށްދާ ކަމަށެވެ.

އަދި މައިގަނޑު ބޭނުމަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ހިމެނޭ މީހުންނަށް ފިޔަވަޅުއެޅުން ކަމަށެވެ.

"ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މި ރެއިޑް އޮޕަރޭޝަންތަކުގަ ޑީޓެއިންކުރަނީ. މިގޮތަށް ޑީޓެއިންކުރެވޭ އެބަ ވަރަށް ގިނަ ފަރާތްތަކެއްް. މި ފަރާތްތަކަށް ސަރުކާރުން މީގެ ކުރިން ފަށާފައިވާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ތެރެއިން ރެގިއުލަރައިޒް ކުރުމުގެ ފުރުސަތު އެބަދެން،" މުޖުތަބާ ވިދާޅުވިއެވެ.

އަދި މިފަދައިން ހޯދާ ބިދޭސީންނަށް އިތުރު ފުރުސަތު ދޭނެކަމަށް ވެސް ވިދާޅުވިއެވެ.

https://sun.mv/211670

އިމިގްރޭޝަނުން އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ، ގަވައިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިއްޔެ ހަވީރު 16:00އިން 18:00އަށް ބޮޑު ރެއިޑެއް ހިންގި ކަމަށެވެ.

އެ ރެއިޑުގައި އިމިގްރޭޝަނުން، 463 ތަނެއް ބަލައި ފާސްކޮށް، 932 ބިދޭސީން ޗެކުކުރި ކަމަށް ބުންޏެވެ. އޭގެތެރެއިން ގަވައިދާ ޚިލާފަށް އުޅޭ 81 ބިދޭސީން ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

comment ކޮމެންޓް