ޕިލިޕީންސްއަށް އަނެއްކާވެސް ބިންހެލުމެއް، ސުނާމީގެ އިންޒާރު

މިިދިޔަ މަހު 30 ވަނަ ދުވަހު ފިލިޕީންސްއަށް އައި ބިންހެލުމުގެ އަސަރު ކުރި ހިސާބެއް. ފޮޓޯ/ގެޓީ

ފިލިޕީންސްގެ އިރު ދެކުނު އައްސޭރިފަށަށް 7.4 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައުމާ ގުޅިގެން ސުނާމީގެ ރާޅުތައް އުފެދިދާނެކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދީފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (އޔޫއެސްޖީއެސް)އިން ބުނާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ފިލިޕީންސްގެ މިންޑަނައޯގެ ވެރިރަށް ޑަވާއޯއާއި ގާތްގަނޑަކަށް 123 ކިލޯމީޓަރު (79 މޭލު) ދުރަށް އިރުމަތީ ފަރާތުން 58.1 ކިލޯމީޓަރު (36 މޭލު) އަޑިންނެވެ.

ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބުނުކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ފިލިޕީންސްގެ އިންސްޓިޓިއުޓް އޮފް ވޯލްކެނޮލޮޖީ އެންޑް ސެއިސްމޮލޮޖީ (ފިވޮލްކްސް)އިން ބުނީ، ފުރާނައަށް ނުރައްކާވާވަރުގެ އުސް ރާޅުތަކާއެކު ބާރުގަދަ ސުނާމީއެއް އަންނާނެ ކަމަށް ބެލެވޭ ކަމަށާއި ފިލިޕީންސްގެ އިރުމައްޗާއި ދެކުނުގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ތިބި މީހުންނަށް އިންޒާރު ދީފައިވާ ކަމަށެވެ. ފިވޮލްކްސްއިން ބުނީ ބިންހެލުމުގެ ބާރުމިން މެގްނިޓިއުޑް 7.6 އަށް އަރާ ކަމަށެވެ.

އެމެރިކާގެ ސުނާމީ އިންޒާރު ދެ ނިޒާމުން ވަނީ ފިލިޕީންސްގެ ބައެއް ހިސާބުތަކަށް 1-3 މީޓަރު އުހަށް ރާޅު އަރާފާނެ ކަމަށާއި އިންޑޮނޭޝިއާގެ ބައެއް އައްސޭރިފަށުގެ އިތުރުން ޖަޒީރާ ގައުމު ޕަލާއުއަށް ވެސް 30 ސެންޓިމީޓަރާއި 1 މީޓަރާއި ދެމެދުގެ ރާޅު އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ފިލިޕީންސްއަށް މިދިޔަ މަހު 30 ވަނަ ދުވަހު ވެސް ވަނީ މެދުތެރޭގެ އައްސޭރިފަށުގައި އޮންނަ ލޭޓޭއަށް 6.9 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައެވެ. އެ ބިންހެލުމުގެ ސަބަބުން ސުނާމީއެއްގެ އަސަރު ނުކުރި ނަމަވެސް، ބިންހެލުމުގެ އަސަރުކޮށް ގާތްގަޑަނކަށް 72 މީހުން ވަނީ މަރުވެފައެވެ.

ބިންހެލުން އާންމު، ޖަޕާނުން ފެށިގެން ދެކުނު އިރުމަތީ އޭޝިއާ އާއި ޕެސިފިކް ކަނޑުގެ އެކި ހިސާބުތަކަށް ދެމިގެން ގޮސްފައި އޮންނަ "ރިންގް އޮފް ފަޔާ" ގައި ހިމެނޭ ފިލިޕީންސަށް ކޮންމެ ދުވަހަކުހެން ވެސް ބިންހެލުން އާދެއެވެ.

comment ކޮމެންޓް