ނިއުދިއްލީ (11 އޮކްޓޯބަރު 2025): އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ޚާރިޖީ ވަޒީރު އަމީރު ޚާން މުއްތަޤީ ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންފިއެވެ.
މިއީ އަފްޣާނިސްތާނުގައި އެމެރިކާ ގާއިމްކުރި ގޮނޑިކޮއްކޮ ސަރުކާރު 2022 ވަނަ އަހަރު ވެއްޓުނު ފަހުން އަފްޣާނިސްތާނުގެ އިސްމަސްއޫލުވެރިއަކު އިންޑިއާއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.
މިދަތުރުފުޅުގައި ތާލިބާން ސަރުކާރުގެ ޚާރިޖީ ވަޒީރުވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާންޔަމް ޖައިޝަންކަރުގެ އިތުރުން އިންޑިއާގެ ބައެއް އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވާފައެވެ.
މިބައްދަލުކުރެއްވުމަށްފަހު ތާލިބާން ސަރުކާރުންވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އިންޑިޔާގެ އެންބަސީ އަލުން ހުޅުވުމުގެ ފުރުސަތު ދީފައެވެ. 2022 ވަނަ އަހަރުގެ ތާލިބާން ސަރުކާރުން އަފްޣާނިސްތާނުގައި ވެރިކަން ކުރަން އަލުން ފެށުމާއެކު އިންޑިޔާއިން ވަނީ އަފްޣާނިސްތާނާ ގުޅުންތައް ކަނޑާލާފައެވެ.
ނަމަވެސް އެއަށްފަހު މާގިނަ ދުވަސްތަކެއް ނުވެ އިންޑިއާ ވަނީ ތާލިބާނުންނާ ގުޅުންތައް އަލުން އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. މިއާއެކު އިންޑިއާ ވަނީ އަފްޣާނިސްތާނަށް ދެމުންގެންދިޔަ އިންސާނީ އެހީގެ ހުރިހާ ޚިދުމަތްތަކެއް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. އަދި އިންޑިއާވަނީ ކާބުލްގައި އިންޑިއާގެ ޑިޕްލޮމެޓިކް މިޝަންއެއްވެސް ގާއިމުކޮށްފައެވެ.
ތާލިބާން ސަރުކާރުގެ ޚާރިޖީ ވަޒީރު މުއްތަގީގެ ދަތުރުފުޅާ ގުޅިގެން އިންޑިޔާ އަފްޣާނިސްތާނުގައި އެގައުމުގެ އެންބަސީ އަލުން ހުޅުވަން ނިންމާފައިވާއިރު، އަފްޣާނިސްތާނުންވެސްވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ތާލިބަން ސަރުކާރު ތަމްސީލުކުރާ ޑިޕްލޮމެޓިކް އޮފީހެއް ގާއިމްކޮށް ޑިޕްލޮމޭޓުން އިންޑިއާގައި ބޭތިއްބުމަށް ނިންމައި އެކަން އިއުލާންކޮށްފައެވެ. އިންޑިއާ ވަނީ މިކަން ގަބޫލުކޮށްފައެވެ.
އިންޑިޔާއާއި އަފްޣާނިސްތާން ގުޅުންތައް ބަދަހިކުރަމުން ގެންދާއިރު ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަނެއްކޮޅުން ޗައިނާ ވަނީ އިގްތިސާދީ ގޮތުން ވަރަށް ބޮޑަށް އަފްޣާނިސްތާނާ ގުޅުންތައް ބަދަހިކޮށް އަފްޣާނިސްތާނުގައި ފުޅާދާއިރާއެއްގައި އިންވެސްޓް ކުރަން ފަށާފައެވެ.
ރަޝިއާ ވެސް ވަނީ ތާލިބާން ސަރުކާރާ ގުޅުންތައް ގާއިމްކޮށް ތާލިބާން ސަރުކާރަށް އިއުތިރާފް ވެފައެވެ. އީރާންވެސް ގެންދަނީ ތާލިބާން އާ ގާތްވަމުންނެވެ.
އެމެރިކާގެ ވާދަވެރިން ކަމަށްވާ ޗައިނާ، ރަޝިއާ އަދި އީރާން އަފްޣާނިސްތާނާ ގުޅުންތައް ބަދަހިކޮށް އެގައުމުން އިގްތިސާދީ އަދި ޖިއޮޕޮލިޓިކަލް ފައިދާތައް ނަގަމުން ގެންދާއިރު އަދި އިންޑިއާވެސް މިފައިދާ ނަގަން ތައްޔާރު ވަމުންދާއިރު އެމެރިކާ އަފްޣާނިސްތާނުގައިވަނީ މުޅިން އެކަހެރިވެ ބާކީވެފައެވެ.
އެމެރިކާ ވަނީ ބޮޑާކަމާއި ތަކައްބުރުކަން ދޫކޮށްލައި ތާލިބާނުންނާ ގާތްވުމަށް ފަސްޖެހިފައެވެ. އެމެރިކާ އަދިވެސް ގެންގުޅެނީ ބާރުގެ ބޭނުންކޮށްގެން އަދި ހަނގުރާމައާއި ތަޅާފޮޅުން ކުރިޔަށް ނެރެގެން އަފްޣާނިސްތާނުގައި ކަންކަން ހާސިލް ކުރެވިދާނެކަމުގެ ބޯދާ ހުވަފެން ކަމަށާ ނަމަވެސް މިއީ ތާލިބާނުންބަލިކުރުމުގައި ނާކާމިޔާބުވި އެމެރިކާއަށް ދެން ކާމިޔާބު ހޯދޭނެ ގޮތެއް ނޫންކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ވަނީ އަފްޣާނިސްތާނުގެ ބަގްރާމް ވައިގެ ބޭސް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ޖެހިދާނެކަމުގެ އިންޒާރު ދެއްވާފައެވެ. ތާލިބާން ސަރުކާރުންވަނީ ގައުމުގެ އެންމެ އިންޗިއެއްވެސް އެމެރިކާއަށް ނުދޭނެކަމާއި އެމެރިކާއާއެކު އިތުރު 20 އަހަރުގެ ހަނގުރާމައަކަށް ދާން ތައްޔާރަށް އޮތްކަމަށް ބުނެ އަފްޣާނިސްތާނާ ނުބެހުމަށް އެމެރިކާއަށް ހަރުކަށި އިންޒާރެއް ދީފައެވެ.