ލަންކާގެ ނަވަލޯކާ މެޑިކެއާގެ ސްޕެޝަލިސްޓު ޑޮކްޓަރުން ކްލިނިކާއަށް ގެންނަނީ

ލަންކާގެ ނަވަލޯކާ މެޑިކެއާގެ ސްޕެޝަލިސްޓު ޑޮކްޓަރުން ރާއްޖެ ގެނައުމަށް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މާނިއު މުހައްމަދު

ސްރީލަންކާގައި ހުންނަ ނަވަލޯކާ މެޑިކެއާ ހޮސްޕިޓަލުގެ ސްޕެޝަލިސްޓު ޑޮކްޓަރުން ކްލިނިކާ މޯލްޑިވްސްއަށް ގެނައުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކްލިނިކާ މޯލްޑިވްސްއިން ބުނީ، މި އެމްއޯޔޫގެ މަގުސަދަކީ ދެ ފަރާތުގެ ދެމުގައި ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުން ކަމަށެވެ.

އެގޮތުން، ނަވަލޯކާ މެޑިކެއާގެ ސްޕެޝަލިސްޓު ޑޮކްޓަރުން ގަވައިދުން އެ ކުލިނިކަށް ވަޑައިގަންނަވާނެ ކަމަށާއި އޭގެތެރޭގައި އެކި ދާއިރާތަކަށް ޚާއްސަ ޑޮކްޓަރުން ހިމެނޭނެކަމަށް ކްލިނިކާއިން ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ނަވަލޯކާއާއި ކްލިނިކާގެ ބޭފުޅުން ސަލާމްކުރައްވަނީ: މި އެއްބަސްވުމުގެ ދަށުން ލަންކާގެ ނަވަލޯކާ މެޑިކެއާގެ ސްޕެޝަލިސްޓު ޑޮކްޓަރުން ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައި ---- ސަން ފޮޓޯ/ މާނިއު މުހައްމަދު

މިއީ، މަޝްހޫރު ނަވަލޯކާ މެޑިކެއާގެ ޚާއްސަ ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ ދިވެހީންނަށް ރަނުގެ ފުރުސަތަކަށް ވާނެއެވެ.

ކްލިނިކާ މޯލްޑިވްސްއިން ބުނީ، މި އެމްއޯޔޫގެ ސަބަބުން ދިވެހީންނަށް އެތައް ފައިދާތަކެއް ވާނެ ކަމަށެވެ. އެގޮތުން، ރާއްޖޭން ބޭރަށް ދިޔުމަކާ ނުލައި، ބޭރުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޚިދުމަތް ލިބުމާއި ދިވެހީންނަށް ލިބޭ ފަރުވާ އިތުރަށް ހަރުދަނާވުން ހިމެނޭ ކަމަށް އެ ކްލިނިކުން ބުންޏެވެ.

ހަމައެއާއެކު، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ގޮސް ކުރަން ޖެހޭ ބޮޑެތި ޚަރަދުތައް ސަލާމަތް ކުރެވުމާއި، ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ވަސީލަތްތަކާއި ތަޖުރިބާ އިތުރުވުން ވެސް ހިމެނޭ ކަމަށް ކްލިނިކާއިން ބުންޏެވެ.

ނަވަލޯކާ މެޑިކެއާއާއި ކްލިނިކާއިން ވެސް ވަނީ، ދިވެހީންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަމާޒުހިފާފައިވާކަން ފާހަގަކޮށްފައެވެ.

comment ކޮމެންޓް