އުރީދޫގެ ޑިޒައިނަރުން ޗުއްޓީއަށް، އިޝްތިހާރުތައް ހެދުމުގެ ފުރުސަތު 7 އަހަރުގެ ކުދިންނަށް

އުރީދޫގެ "ފަން ރަން" އިޝްތިހާރު ހެދުމަށް 7 އަހަރުންދަށުގެ ކުދިންނަށް ފުރުސަތު ހުޅުވާލައިފި.

އުރީދޫ މޯލްޑިވްސްގެ ޑިޒައިން ޓީމަށް ކުޑަ ޗުއްޓީއެއް ދީ، "ފަން ރަން" އިޝްތިހާރު ހެދުމަށް ހަތް އަހަރުން ދަށުގެ ކުދިންނަށް ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ، އުމުރުން ހަތް އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ފަން ރަން އާޓް ކޮންޓެސްޓެއް ކުރިޔަށް ގެންދިއުމަށް ހޯމަ ދުވަހު ހުޅުވާލާފައިވާއިރު، މިއީ ސްކޫލު ޗުއްޓީގައި ރަނގަޅު ތަޖުރިބާއެއް ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހުގެ 23:59ގެ ނިޔަލަށް ހުޅުވާލާފައިވާ މި ފުރުސަތުގައި އުރީދޫ 'ފަން ރަން'އާ ގުޅޭ އާޓްވޯކްތައް ހުށަހެޅޭނެއެވެ.

ކްރިއޭޓިވް ޓީމް ޗުއްޓީގައި ތިބޭއިރު، މި ކޮންޓެސްޓްގެ ސަބަބުން ކުޑަކުދިންގެ ހިތްގައިމު ކުރެހުންތަކުން ފަން ރަން ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާނަން. ފަންރަންއަކީ ކޮމިއުނިޓީ ސްޕިރިޓާއި އުފާވެރިކަން ދައްކުވައިދޭ ރަންއެއް، އަދި މިކަން ދައްކުވައިދިނުމަށް އަޅުގަނޑުމެންގެ ކުޑަކުޑަ އާޓިސްޓުންނަށް ވުރެ ރަނގަޅު އިތުރު ބަޔަކު ނުތިބޭނެ

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް

މި އާޓް ވޯކްތައް ހުށަހަޅާނީ ކުއްޖާގެ ފުރިހަމަ ނަމާއި އުމުރު އަދި ބެލެނިވެރިޔާގެ ނަމާއި ގުޅޭނެ ފޯނު ނަންބަރު ޖެހުމަށްފަހު، އާޓްވޯކްގެ ސާފު ފޮޓޯއެއް ނުވަތަ ސްކޭން އުރީދޫގެ އީމެއިލްއަށް މެއިލްކޮށްގެނެވެ.

އުރީދޫއިން ބުނެފައިވަނީ ހުށަހަޅާ ޑިޒައިން ނުވަތަ ކުރެހުންތައް ހުންނަން ޖެހޭނީ ކޮމިއުނިޓީ ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ކޮންމެ ކުއްޖަކަށް ވެސް ހުށަހެޅޭނީ އެންމެ މަސައްކަތެކެވެ.

މި މުބާރާތަށް ހުށަހަޅާ މަސައްކަތްތައް އުރީދޫން ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް ހިއްސާ ކުރާނެއެވެ. އަދި ކުރެހުންތަކުގެ ތެރެއިން އެންމެ ގިނަ ''ލައިކްސް'' ލިބޭ ފަސް ކުރެހުން ކުރެހި ކުދިންނަށް ފަން ކިޓް ހަދިޔާކުރާނެއެވެ.

މި މުބާރާތުގެ މުއްދަތުގައި ވަނަ ހޮވުމަށް "ލައިކް"ތައް ގުނާނީ އުރީދޫގެ ރަސްމީ ޕޯސްޓްތަކުންނެވެ.

އުރީދޫގެ ޚިދުމަތް ރާއްޖޭގައި ފެށި ތާރީޚުން ފެށިގެން، އެކި އުމުރުފުރާތަކަށް ޚާއްސަކޮށްގެން ތަފާތު ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ. އަދި ހުނަރުވެރިކަން ކުރިއެރުވުމަށް ވެސް އިސްކަންދީގެން މަސައްކަތްތައް ކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް