ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޔުއާން އެކައުންޓު ހުޅުވުމަކީ ދެ ޤައުމުގެ ވެރިން ވެފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމަށާއި ފްރީ ޓްރޭޑް އެގްރިމަންޓު ތަންފީޒުކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޗައިނާ ސަފީރު ކޮންގް ޝިން ހުއާ އިއްޔެ ވިދާޅުވެއްޖެއެވެ.
ބީއެމްއެލްއިން، ރާއްޖޭގައި މުޅިން އަލަށް ޗައިނީސް ޔުއާން އެކައުންޓުގެ ޚިދުމަތް ފަށަން އިއްޔެ އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ވަނީ ދެ ގައުމުން ގާއިމްކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ލިބޭނެ ފަސޭހަތަކަށް އަލިއަޅުއްވައިލައްވައިފައެވެ.
އެގޮތުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ޗައިނާގެ ޕީޕަލްސް ބޭންކާއި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާ ދެމެދު "ކަރަންޓް އެކައުންޓް މުޢާމަލާތްތަކާއި އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް އެއްބާރުލުން ދިނުމާ ބެހޭ އެމްއޯޔޫގެ ވާހަކަ ފާހަގަކުރައްވައި ސަފީރު ވިދާޅުވީ މިއީ ދެ ގައުމުގެ ފައިސާގެ ބޭނުން އިތުރުކޮށް، ދެ ޤައުމުގެ ދެމެދުގައި ހިންގޭ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފަސޭހަކުރުމަށް ބިންގާ އެޅުނު ކަމެއް ކަމަށެވެ.
އަދި މި އަހަރުގެ ޖަނަވަރީ މަހު، ޗައިނާ-ރާއްޖެ ފްރީ ޓްރޭޑް އެގްރީމަންޓް (ސީއެމްއެފްޓީއޭ) ރަސްމީކޮށް ތަންފީޒުކުރަން ފެށުމަކީ ވެސް ދެ ޤައުމުގެ ދެމެދުގައި ހިންގޭ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފަސޭހަކުރުމަށް ލިބުނު ޔަޤީންކަމެއް ކަމަށާއި، ބީއެމްއެލްގައި ޔުއާން އެކައުންޓްތައް ހުޅުވުމަކީ ވެސް ފްރީ ޓްރޭޑް އެގްރިމަންޓު ތަންފީޒުކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވިއެވެ.

ބީއެމްއެލުން ރާއްޖޭގައި އަލަށް ޗައިނީޒް ޔުއާން އެކައުންޓުގެ ޚިދުމަތް ފެށުން-- ފޮޓޯ: ބީއެމްއެލް
"ލޯކަލް ކަރަންސީ ސެޓްލްމަންޓް ކުރިއެރުވުމަކީ ދެގައުމުގެ އިގްތިސާދީ އަދި ވިޔަފާރީގެ ތަރައްގީއަށް ވަރަށް ބޮޑަށް ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ސީދާ ލޯކަލް ކަރަންސީތަކުގައި ސެޓްލްކޮށްގެން، އަޅުގަނޑުމެންނަށް އެކްސްޗޭންޖް ރޭޓް އުފުލުމުގެ ނުރައްކާތައް ކުޑަކޮށް، ބޭރު ފައިސާގެ މެދުވެރިންގެ ހަރަދުތައް ކުޑަކޮށް، ކެޕިޓަލް އެފިޝަންސީ ރަނގަޅުކުރެވޭނެ،" ސަފީރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަފީރު ވިދާޅުވީ ލޯކަލް ކަރަންސީ ސެޓްލްމަންޓު ކުރިއެރުވުމަކީ، ވިޔަފާރިތަކަށް ހަމައެކަނި ބޯޑަރު ހުރަސްކޮށް ކުރާ މުއާމަލާތްތައް ފަސޭހަވުން ނޫން ކަމަށާއި، ރައްކާތެރި މާލީ މާހައުލަކާއި، މާލީ ނިޒާމުގެ މިނިވަންކަން ވެސް އިތުރުކޮށްދޭ ކަމެއް ކަމަށެވެ.
"އާރުއެމްބީ އެކައުންޓްތައް ތައާރަފް ކުރުމަކީ ލޯކަލް ކަރަންސީ ސެޓްލްމަންޓް އެގްރީމަންޓް އަމަލީ ގޮތުން ތަންފީޒު ކުރުމަށް އެޅި މުހިންމު ފިޔަވަޅެއް. އެއީ ވިޔަފާރިތަކަށާއި މާލީ އިދާރާތަކަށް ޑައިވާސިފައިޑް އޮޕްޝަންތައް ފޯރުކޮށްދީ، ބޯޑަރު ހުރަސްކޮށް ފައިސާ ދެއްކުމާއި ފަންޑު ޓްރާންސްފާ މާ ރަނގަޅުކޮށް، އެސްއެމްއީ ކުންފުނިތަކަށް ބައިލެޓަރަލް ޓްރޭޑްގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދިނުން،" ސަފީރު ވިދާޅުވިއެވެ.
ސީއެމްއެފްޓީއޭ ތަންފީޒުވުމާއެކު، ލޯކަލް ކަރަންސީ ސެޓްލްމަންޓާއި ޔުއާން އެކައުންޓްތައް ލޯންޗް ކުރުމަކީ ސީއެމްއެފްޓީއޭ ޕްރޮމޯޓްކުރުމާއި، ވިޔަފާރީގެ ގާބިލްކަން އިތުރަށް ވަރުގަދަކުރުމާއި އިންވެސްޓްމަންޓް ސްކޭލް ފުޅާކުރުމާއި، އެއްބާރުލުންދޭ ދާއިރާތައް ފުޅާކުރުމަށް މުހިންމު ވަސީލަތްތަކަކަށް ވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.