ފްރާންސުން ވެސް ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގެންފި

އިސްރާއީލުން ޣައްޒާއަށް ބޮން އަޅަމުން އަންނައިރު، ގެދޮރު ދޫކޮށް ދިއުމަށް އާންމުންނަށް މަޖުބޫރު ކުރޭ. ފޮޓޯ/ރޮއިޓާސް

ޣައްޒާގެ ހަނގުރާމައަށް ގާތްގަނޑަކަށް ދެ އަހަރު ފަހުން ނިއުޔޯކުގައި އދ އާންމު މަޖިލީހުގައި ފްރާންސުން ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގެންފިއެވެ.

އިނގިރޭސިވިލާތާއި، ކެނެޑާއާއި އޮސްޓްރޭލިއާ އަދި ޕޯޗްގަލްއިން ވެސް ވަނީ ފަލަސްތީނު ބަލައިގެންފައެވެ.

އާންމު މަޖިލީހުގެ ހޯލުގައި ބޭއްވި ސަމިޓުގައި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވީ ސުލްހައިގެ ވަގުތު އައިސްފައިވާ ކަމަށާއި ހަމާސްއިން ހިފަހައްޓާފައިވާ 48 ރަހީނުން މިނިވަން ކުރަންވީ ވަގުތާއި ހަނގުރާމައާއި، ޣައްޒާއަށް ބޮން އެޅުމާއި، ގަތުލުއާންމުތަކާއި، ގެދޮރު ދޫކޮށްދިއުމަށް މަޖުބޫރުކުރުން ހުއްޓުވަންވީ ވަގުތު އައިސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ޖެހޭނީ ދެ ދައުލަތެއްގެ ހައްލެއްގެ ފުރުސަތު ދަމަހައްޓަން، އިސްރާއީލާއި ފަލަސްތީން ސުލްހައާއި ސަލާމަތާ އެކު އުޅެން," މެކްރޮން ވިދާޅުވިއެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކޮްރޮން. ފޮޓޯ/ވޮޝިންގްޓަމް އެގްޒާމިނާ

އާ ފަލަސްތީނުގެ އޮތޯރިޓީއެއްގެ ޕްލޭނެއް މެކޮރޮން ވަނީ ހުށަހަޅުއްވާފައެވެ. އެ އޮތޯރިޓީގައި ފްރާންސުން އެމްބަސީއެއް ގާއިމްކުރާނެ ކަމަށާއި އެއީ ހަނގުރާމަ ހުއްޓާލުމާއި އިސްލާހުތަކާއި ޣައްޒާގައި ހަމާސްއިން ހިފަހައްޓާފައިވާ އިސްރާއީލުގެ ބާކީ ތިބި ހުރިހާ ރަހީނުން ދޫކޮށްލުން ފަދަ ޝަރުތުތައް ކަނޑައަޅައި ހުޅުވާ އެއްބަސީއެއް ކަމަށް މެކްރޮން ވިދާޅުވިއެވެ.

ފްރާންސުން ފަލަސްތީނު ދައުލަތެއް ބަލައިގަތުމަކީ ތާރީޚީ އަދި ހިތްވަރުގަދަ ނިންމުމެއް ކަމަށް ފަލަސްތީނު އޮތޯރިޓީ (ޕީއޭ) ވަނީ ބުނެފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ދައުލަތެއް ބަލައިނުގަތުމަށް ފްރާންސަށް ތަކުރާރުކޮށް އިންޒާރު ދީފައިވާއިރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ ކަނާތުފިޔައިގެ މެމްބަރުން ދަނީ އެއްވެސް ދައުލަތެއް އުފެއްދުމަށް ހުރަސް އެޅުމަށް ހުޅަނގު އައްސޭރި ހިފެހެއްޓުމަށް ވިސްނަމުންނެވެ.

އެކަމާ ގުޅިގެން އދ.ގައި ހުންނަވާ އިސްރާއީލުގެ ސަފީރު ޑެނީ ޑެނަން ވަނީ ފްރާންސަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

"މިތަނަށް އައިސް ތަގުރީރު ދިނުމާއި، ފޮޓޯ ނެގުމާއި، ކަމެއް ކުރާ ކަމުގެ އިހުސާސް ކުރުމަކީ ފަސޭހަ ކަމެއް. އެކަމަކު އެއީ ސުލްހަ ކުރިއެރުވުމެއް ނޫން. އެއީ ޓެރަރިޒަމަށް ތާއީދު ކުރުން" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑެނަން ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން ނަތަންޔާހޫ ވަނީ ފަލަސްތީނު ދައުލަތް ބަލައިގަތުމަކީ ޓެރަރިޒަމަށް ދިން ބޮޑު އިނާމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އިސްރާއީލުގެ މުހިންމު ޑިޕްލޮމެޓިކް އަދި އަސްކަރީ ސަޕޯޓަރު އެމެރިކާއިންވެސް ވަނީ އެގައުމުގެ އެކުވެރި ގައުމުތަކަށް ފަލަސްތީނު ދައުލަތް ބަލައިނުގަތުމަށް ގޮވާލާފައެވެ.

comment ކޮމެންޓް