އެމްބާޕޭގެ ލަނޑާއެކު ފްރާންސުން އަޒަރުބައިޖާން އަތްދަށުކޮށްފި

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އަޒަރްބައިޖާން ބަލިކޮށް ފްރާސުން ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

ޕެރިހުގެ ޕާކް ޑި ޕްރާންސް ސްޓޭޑިއަމްގައި އަޒަރުބައިޖާން އަތުން ފްރާންސް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ޑީގައި ކުޅުނު މި މެޗުން ފްރާންސް މޮޅުވުމާއެކު އެ ޓީމުން ވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ތާވަލުގެ އެއްވަނަ މަގާމް ހޯދައިފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ޔުކްރޭނަށް ތިން މެޗުން ހަތަރު ޕޮއިންޓު ވަނީ ލިބިފައެވެ.

އަޒަރުބައިޖާނަށް ތިން މެޗުން ލިބިފައިވާ އެއް ޕޮއިންޓާއެކު އެ ޓީމު އޮތީ ގްރޫޕުގެ ފުލުގައެވެ.

ސާޅީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެޕްޓަން ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ.

އެމްބާޕޭ މި މެޗުގައި ޖެހި ލަނޑާއެކު އޭނާ ފްރާންސްގެ ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 53 އަށް އަރާފައެވެ. މި ލަނޑާއެކު އޭނާ މި ސީޒަނުގައި ފްރާންސް އާއި ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދަކީ 17 އެވެ.

މި މެޗުގައި ފްރާންސްއިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 69 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭގެ އެސިސްޓަކުން އެޑްރިއެން ރަބިއޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ތިއޯ ހަނާންޑޭޒްގެ އެސިސްޓަކުން ފްލޯރިއަން ތުއަވިން ވަނީ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

comment ކޮމެންޓް